ތަޖުރިބާކާރު 3 މިޔުޒިކީ ފަންނާނުންގެ އެހީތެރިކަމާއެކު ޓޫއޮފްއަސް ބޭންޑް އާ މިސްރާބަކަށް

ދިވެހި މިއުޒިކް ބޭންޑު ޓޫ އޮފް އަސްގެ ފަންނީ އަދި ޓެކްނިކަލް އިސް މަގާމުތަކަށް ރާއްޖޭގެ މިއުޒިކީ ދާއިރާގެ ތިން ތަޖުރިބާކާރުން އައްޔަންކުރާކަން އެ ބޭންޑުން އިއުލާންކޮށްފިއެވެ.

އެ ބޭންޑުގެ މެނޭޖްމަންޓުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ބޭންޑުގެ ލީޑާޝިޕް އޮނިގަނޑު ފުޅާކޮށް، އަލަށް އެކުލަވާލި ޑިވެލޮޕްމަންޓް ޓީމަށް ހަމަޖައްސާފައިވަނީ އިބްރާހީމް ނިޝާމް (ޕައިޑޭ) އާއި، ގިޓަރިސްޓް އަދުލީ (އެޑްލީ) އަދި ލަވަކިޔުންތެރިޔާ އަހްމަދު އިބްރާހީމް (އައްމަޑޭ) އެވެ. މިއީ ބޭންޑުގެ މިއުޒިކީ ގާބިލުކަމާއި، ޕްރޮފެޝަނަލް ފެންވަރާއި، ބައިނަލްއަގުވާމީ މައިދާނުގައި ބޭންޑުގެ ދައުރު އިތުރަށް ފުޅާކުރުމަށް އެ ބޭންޑުން ގެންގުޅޭ ދުރު ރާސްތާގެ ތަސައްވުރުގެ ދަށުން އެޅި ފިޔަވަޅެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޓޫ އޮފް އަސްގެ މެނޭޖްމަންޓުން ބުނީ، އަލަށް އެކުލަވާލި މި ޑިވެލޮޕްމަންޓް ޓީމުގައި އިސްކޮށް ހަރަކާތްތެރިވާނީ ޕައިޑޭ ކަމަށެވެ. މި އޮނިގަނޑުގެ ދަށުން ބޭންޑުގެ ހެޑް އޮފް ބޭންޑް ޑިވެލޮޕްމަންޓް އެންޑް ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ޕައިޑޭއަށް ދީފައިވާއިރު، އިންސްޓްރޫމެންޓަލް ޑިވެލޮޕްމަންޓް ނުވަތަ މިއުޒިކީ ސާމާނު ކުޅުމުގެ ހުނަރު ތަރައްގީކުރުމުގެ ބައި ބަލަހައްޓާނީ އަދުލީއެވެ. އަދި ވޯކަލް ޑިވެލޮޕްމަންޓް ނުވަތަ ލަވަކިޔުމުގެ ހުނަރު ތަރައްގީކުރުމުގެ ބައިގެ ބަލަހައްޓަން ހަމަޖައްސާފައިވަނީ އައްމަޑޭ ކަމަށް އެ ބޭންޑުން ބުންޏެވެ.

އެ ބޭންޑުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ތިން ތަޖުރިބާކާރުން ބޭންޑުގެ ލީޑާޝިޕް އޮނިގަނޑާ ގުޅުމަކީ ބައިނަލްއަގުވާމީ ފެންވަރުގެ ހުށަހެޅުންތަކަކަށް ވާސިލުވުމަށް އެޅި ސްޓްރެޓީޖިކް ފިޔަވަޅެކެވެ. އަދި މި ބަދަލަކީ ޓޫ އޮފް އަސްގެ ކުރިއެރުމުގައި ފާހަގަކޮށްލެވޭ މުހިންމު މަރުހަލާއެއް ކަމަށާއި، މިއާއެކު ބޭންޑުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ރޭވިގެންދާނީ މައިގަނޑު ތިން ތަނބެއްގެ މައްޗަށް ކަމަށް އެ ބޭންޑުން ބުންޏެވެ.

އެ ތިން ތަނބަކީ ޓެކްނިކަލް ފެންވަރު އެންމެ މަތީ ދަރަޖައަށް ގެންދިއުމާއި، މިއުޒިކީ ސާމާނު ކުޅުމުގެ ފެންވަރު މަތިކުރުމުގެ އިތުރުން ލަވަކިޔުމުގެ ހުނަރު އެންމެ ފުރިހަމަ ފެންވަރަށް ތަރައްގީކުރުމެވެ. މި އޮނިގަނޑުގެ ތެރެއިން ބޭންޑުގެ ފަންނީ، މިއުޒިކީ އަދި ޓެކްނިކަލް ހުރިހާ މަސައްކަތެއް އެއް މިސްރާބަކަށް ބައްޓަންކޮށް، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ބޭންޑުގެ ހުށަހެޅުންތައް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ޓޫ އޮފް އަސްގެ މެނޭޖްމަންޓުން ބުންޏެވެ.

މީގެ އިތުރުން، މި އާ ލީޑާޝިޕް އޮނިގަނޑުގެ މަގުސަދަކީ ހަމައެކަނި ބައިނަލްއަގުވާމީ މައިދާނުގައި ޓޫ އޮފް އަސްގެ ގާބިލުކަން އިތުރުކުރުން ނޫން ކަމަށް އެ ބޭންޑުން ބުންޏެވެ. އޭގެ ބަދަލުގައި، ދިވެހި މިއުޒިކީ ސިނާއަތުގެ ތެރޭގައި މެދުނުކެނޑި އުނގެނުމާއި، ތަޖުރިބާކާރުންގެ އިރުޝާދު ހޯދުމާއި، އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދައްކުވައިދިނުމަކީ ވެސް މި ނިންމުމުގެ މުހިންމު އަމާޒެއް ކަމަށް އެ ބޭންޑުގެ ބަޔާނުގައި ބުނެފައިވެއެވެ.

ބޭންޑުގެ ހެޑް އޮފް ބޭންޑް ޑިވެލޮޕްމަންޓް އެންޑް ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި ޕައިޑޭއަކީ މިއުޒިކީ ދާއިރާގައި 30 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހުރި ފަންނާނެކެވެ. ޓޫ އޮފް އަސްގެ ހެޑް އޮފް އިންސްޓްރޫމެންޓަލް ޑިވެލޮޕްމަންޓްގެ މަގާމަށް އައްޔަންކުރި އަދުލީއަކީ މިއުޒިކީ ސިނާއަތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ޕްރޮފެޝަނަލް ގިޓަރިސްޓެކެވެ. ހެޑް އޮފް ވޯކަލް ޑިވެލޮޕްމަންޓްގެ މަގާމަށް އައްޔަންކުރި އައްމަޑޭއަކީ ލަވަކިޔުމާއި، މިއުޒިކް އުނގަންނައިދިނުމާއި، އާ ފަންނާނުން ތަމްރީނުކުރުމުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ފަންނާނެކެވެ.

މި ތިން ތަޖުރިބާކާރުން އައްޔަންކުރުމާ ގުޅޭގޮތުން ވާހަކަދައްކަމުން ޓޫ އޮފް އަސްގެ ކޯ-ފައުންޑަރު އަދި ލީޑް ވޯކަލިސްޓް އަހްމަދު އަދުހަމް ބުނީ، ކިތަންމެ ގިނަ ކާމިޔާބީތަކެއް ހާސިލުކުރެވުނު ކަމުގައި ވިޔަސް އަދި ބައިނަލްއަގުވާމީ ކިތަންމެ ގިނަ ސްޓޭޖެއްގައި ހުށަހެޅުންތައް ހުށަހެޅުނު ކަމުގައި ވިޔަސް، އުނގެނުމަށް އޮންނަ ޝައުގުވެރިކަން ދުވަހަކު ވެސް ގެއްލުވާލައިގެން ނުވާނެ ކަމަށެވެ. އަދި މިފަދަ މަތީ ފެންވަރުގެ ތިން ފަންނާނުން އެ ބޭންޑުގެ ތަސައްވުރަށް އިތުބާރުކޮށް، އެ މީހުންގެ އިލްމާއި ތަޖުރިބާއާއި ވަގުތު ބޭންޑުގެ ކުރިއެރުމަށް ހޭދަކުރަން ނިންމުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް އޭނާ ބުންޏެވެ.

އަދުހަމް އިތުރަށް ފާހަގަކުރި ގޮތުގައި، މި އިންވެސްޓްމަންޓަކީ ހަމައެކަނި ޓޫ އޮފް އަސްއަކީ ކުރިއަށް ވުރެ ރަނގަޅު ބޭންޑަކަށް ހެދުމަށް ކުރާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ބޭންޑުގެ ޓީމުގައި ހިމެނޭ ކޮންމެ މިއުޒިޝަނަކު ވަކިވަކިން ތަރައްގީކޮށް، އެ މީހުންނަށް ކުރިއަށް ދިއުމުގެ ފުރުސަތުތައް ފަހިކޮށްދީ، އަމިއްލަ ގޮތުން ވެސް ފާހަގަކޮށްލެވޭ މޮޅު ފަންނާނުންނަށް ވުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރާ މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ. އަދި ބޭންޑުގެ ބާނީންގެ ހައިސިއްޔަތުން އެ މީހުން ވެސް ތިބީ އުނގެނުމަށާއި، ތަޖުރިބާކާރުންގެ އިރުޝާދު ބަލައިގަތުމަށާއި، މެދުނުކެނޑި ފެންވަރު ރަނގަޅުކުރުމަށް އެއްވަރަކަށް އަޒުމު ކަނޑައަޅައިގެން ކަމަށް އަދުހަމް ބުންޏެވެ.

ބޭންޑުގެ އަމާޒާ ގުޅޭގޮތުން އަދުހަމް ބުނީ، އެ މީހުންގެ އުންމީދަކީ ފަހުރުވެރިކަމާއި ޕްރޮފެޝަނަލްކަމާއި އެންމެ މަތީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރާނެ ދުނިޔޭގެ ފެންވަރުގެ ޕާފޯމިން އެކްޓެއް ބިނާކުރުން ކަމަށެވެ. އަދި އެ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި، އަލަށް ގުޅުނު ތިން ތަޖުރިބާކާރުންގެ ފަރާތުން ލިބޭ އިލްމާއި ތަޖުރިބާއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

އަހްމަދު އަދުހަމާއި ޝަމްރޫހް އިސްވެ އުފެއްދި ޓޫ އޮފް އަސްއަކީ ޒަމާނީ މިއުޒިކާއި، ދިވެހި ސަގާފީ ރަހަތަކާއި، ބައިނަލްއަގުވާމީ މިއުޒިކީ އުސޫލުތައް އެއްކޮށްލައިގެން ފިއުޝަން މިއުޒިކް ހުށަހަޅާ ބޭންޑެކެވެ. މި ބޭންޑުގައި އަދުހަމް އާއި ޝަމްރޫހުގެ އިތުރުން މިވަގުތު ތިބި ފަންނާނުންނަކީ ރާއިފް، ޒޫބެ އަދި ފެންސީ އެވެ. ޓޫ އޮފްއަސް އިން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، ޕްރޮފެޝަނަލް ތައުލީމާއި، ފަންނީ އާ އުފެއްދުންތަކާއި، ޓެކްނިކަލް ކުރިއެރުމާއި، ބޭންޑުގެ މިއުޒިޝަނުންގެ ފަރުދީ ކުރިއެރުމަށް އިންވެސްޓްކުރުން މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ޓޫ އޮފް އަސްގެ މެނޭޖްމަންޓުން ބުންޏެވެ.

comment ކޮމެންޓް