ކަންގަނާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް: ޝާހިދު

ކަންގަނާ އަދި ޝާހިދު: ދެމީހުންގެ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ވަނީ ބުނެފައި

ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު ޝާހިދު ކަޕޫރު އަދި ކަންގަނާ ރަނައުތު އާ ދެމީހުންގެ ދެމެދު މައްސަލަތަކެއް ޖެހި ދެމީހުން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ކަމަށް ރިޕޯޓުތައް ބުނަން ފެށިތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ކަންގަނާ ވަނީ މީގެ ކުރިން އެ ވާހަކަތައް ދޮގު ކޮށްފައެވެ.

ނަމަވެސް ޝާހިދު ވަކި އެއްޗެއް ބުނެފައި ނުވާތީ ގިނަ ބަޔަކު ތިބީ ޝާހިދު ބުނަން އޮތް އެއްޗެއް އެނގެން ބޭނުންވެފައެވެ. ގިނަ ދުވަސްތަކަކަށް ފަހު ޝާހިދު މިވަނީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކައިފައެވެ.

މީޑިއާއާ ވާހަކަ ދައްކަމުން ޝާހިދު ވަނީ ދެމީހުންގެ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަން ސާފުކޮށްދީފައެވެ. އަދި ދެމީހުންގެ ކުރިއަށް އޮތް ފިލްމު 'ރަންގޫން'ގެ ޕްރޮމޯޝަން މަސައްކަތުގައި ދެމީހުން އެކުގައި މަސައްކަތް ނުކުރާނެ ކަމަށް ދެކެވޭ ވާހަކަތައް ވެސް ދޮގުކޮށްފައެވެ.

"ކަންގަނާ އާ އަހަންނާ ދެމެދު އެއްވެސް މައްސަލައެއް ނެތް. އަހަރެންނަށް ފެނުނު ރިޕޯޓެއް ވެސް، ދެމީހުން އެކުގައި ރަންގޫންގެ ޕްރޮމޯޝަން މަސައްކަތް ނުކުރާނެ ކަމަށް ލިޔެފައި އޮތް. އެކަމަކު އެކަހަލަ އެއްވެސް މައްސަލައެއް ނެތް. އަހަރެން މިހުރީ ކޮންމެ ދުވަހަކު ވެސް، ކޮންމެ ތަނަކު ވެސް ކަންގަނާ އަދި ފިލްމުގެ އަނެއް ބަތަލު ސައިފް އަލީ ޚާން އާއެކު ފިލްމު ޕްރޮމޯޓް ކުރަން ތައްޔާރަށް،" ޝާހިދު ބުންޏެވެ.

'ރަންގޫން' އަކީ ވިޝާލް ބަރްދްވާޖް ޑައިރެކްޓުކޮށް، ސާޖިދު ނާދިއަޑްވާލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ ޝާހިދު، ކަންގަނާ އަދި ސައިފް އެވެ.

އެއީ ވިޝާލް އާއެކު ޝާހިދު މަސައްކަތް ކުރާ ތިން ވަނަ ފަހަރެވެ. ޝާހިދު ވަނީ މީގެ ކުރިން ވިޝާލްގެ 'ހައިދަރު، އަދި 'ކަމީނޭ' ގައި ވެސް މަސައްކަތް ކޮށްފައެވެ.

"އެކްޓަރެއްގެ ގޮތުގައި އަހަރެން މިއަދު ހާސިލްކޮށްފައިވާ ހުރިހާ ކާމިޔާބެއްގެ ވަރަށް ބޮޑު ކްރެޑިޓެއް ދާނީ ވިޝާލް އަށް. އެހެންކަމުން ވިޝާލްގެ ކޮންމެ ފިލްމެއް ވެސް އަހަންނަށް ވަރަށް ޚާއްސަ ވާނެ. ރަންގޫން އަކީ ހައިދަރު އަދި ކަމީނޭ އާ ވަރަށް ތަފަތު ފިލްމެއް،" ޝާހިދު ބުންޏެވެ.

ރަންގޫން ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.

comment ކޮމެންޓް