ފާޑުކިޔާ މީހުންގެ ހިތްތަކުން އަހަރެންގެ ނަން ދުވަހަކުވެސް ނުފޮހެވޭނެ: އިބްރަހިމޮވިޗް

އިނގިރޭސި ލީގު ކަޕުގައި ވެސްޓް ހާމް ކޮޅަށް ޔުނައިޓެޑްގެ އިބްރަހިމޮވިޗް އުފާފާޅުކުރަނީ: ފާޑުކިޔާ މީހުންނަށް އޭނާ ވަނީ ވަރުގަދަ ރައްދެއްދީފައި --- ފޮޓޯ/ އޭޕީ

މެންޗެސްޓާ ޔުނައިޓެޑްގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް އަށް ފާޑުކިޔާ މީހުންގެ ހިތްތަކުން އޭނާގެ ނަން ދުވަހަކު ވެސް ފުހެވިގެން ނުދާނެ ކަމަށް އިބްރަހިމޮވިޗް ބުނެފި އެވެ.

މި ސީޒަނުގެ ކުރީކޮޅު އިބްރަހިމޮވިޗްގެ ފަރާތުން ގިނަ ގޯލުތަކެއް ފެނިފައިނުވުމުން ގިނަ ބަޔަކު އޭނާ އަށް ވަނީ ފާޑުކިޔައިފަ އެވެ. ނަމަވެސް ފަހަކަށް އައިސް އޭނާ ވަނީ ކުޅުން ރަނގަޅުކޮށް، ގިނަ ގޯލުތަކެއް ޖަހައިފަ އެވެ. އޭނާ ވަނީ ޕްރިމިއާ ލީގުގައި ކުޅުނު 19 މެޗުން 13 ގޯލު ކާމިޔާބުކޮށްފަ އެވެ.

"އަހަރެންނަށް ފާޑުކިޔާ މީހުންނާ މެދު އެއްވެސް މައްސަލައެއް ނެތް. އެއީ އެމީހުންގެ ހިތްތަކުން އަހަރެންގެ ނަން ދުވަހަކު ވެސް ފިލައިގެން ނުދާނެތީ. އެކަމަކީ އަހަރެންނަށް ލިބޭ އިތުރު ހިތްވަރެއް. އިތުރު ބާރެއް ލިބޭ ކަމެއް. ބައެއް މީހުން ބުނޭ އަހަރެންނަކީ ނެތް މީހެކޭ އެއްވަރޭ. ކުރީގެ ކުޅުންތެރިން ވެސް އަހަރެންނާ ބެހޭ ގޮތުން ވާހަކަތައް ދައްކާ. އެކަމަކު އަހަރެންނަށް އޭރު އެމީހުން ކުޅުނުތަނެއް ނުވެސް ފެނޭ،" ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އިބްރަހިމޮވިޗް ބުންޏެވެ.

އުމުރުން 35 އަހަރުގެ އިބްރަހިމޮވިޗް ބުނީ، އިނގިރޭސި ޕްރިމިއާ ލީގަށް އައުމުގެ ކުރިން ވެސް އޭނާ އަށް ލީގުގައި ރަނގަޅު ކުޅުމެއް ނުދެއްކޭނެ ކަމަށް ބަޔަކު ބުނަމުންދިޔަ ކަމަށާއި އޭނާ އިނގިރޭސިވިލާތަށް އައިސްފައިވަނީ ވެސް އެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.

އިބްރަހިމޮވިޗަކީ ދުނިޔޭގެ އެންމެ މޮޅެތި ލީގުތަކުގެ ކްލަބުތަކަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އެގޮތުން ނެދަލޭންޑްސް އަޔެކްސް އާއި، އިޓަލީގެ ޔުވެންޓަސް އާއި، އިންޓަ މިލާނާއި، އޭސީ މިލާނާއި، ސްޕެއިންގެ ބާސެލޯނާ އަދި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން އަށް ކުޅެ އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

comment ކޮމެންޓް