ރައީސް ޔާމީންގެ ކެމްޕޭން މިއަހަރަށް ފެށުމަށް މެޑަމް ފާތުން ޚާއްސަ ހަރަކާތެއް ބާއްވަނީ

ރައީސް ޔާމީންގެ ދެކަނބަލުން: --- ފޮޓޯ/ އަސުރުމާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގެ ކެމްޕެއިން މި އަހަރަށް ފެށުމުގެ ގޮތުން އެމަނިކުފާނުގެ އަނބިކަނބަލުން ޚާއްސަ ހަރަކާތެއް ބާއްވަން ނިންމަވައިފި އެވެ.

މެޑަމް ފާތުންގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ "ފެށުން" މި ނަމުގައި ބާއްވާ އެ ޚާއްސަ ހަރަކާތް އޮންނާނީ މާދަމާ ރޭ 8:15 ގައި ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ކަމަށެވެ.

މުއާޒު ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ކުރާ ވީހާ ވެސް ގިނަ ފަރާތްތަކުން އެ ހަރަކާތުގައި ބައިވެރިވުމަކީ މެޑަމް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"މި ހަރަކާތަކީ ޕީޕީއެމް އިން ހިންގާ ހަރަކާތެއް ނޫން. މިއީ ފަސްޓްލޭޑީ މެޑަމް ފާތުން ހިންގަވާ ހަރަކާތެއް،" މުއާޒު ވިދާޅުވި އެވެ.

މިދިޔަ އަހަރު ވެސް މެޑަމް ފާތުން އިސްނަންގަވައިގެން ރައީސް ޔާމީން ކެމްޕޭންގެ ކާމިޔާބު ހަރަކާތްތަކެއް ހިންގަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެޑަމް ފާތުން ހިންގަވާ ހަރަކާތްތަކަކީ ނިމުމެއް އޮތް ހަރަކާތްތަކެއް ނޫން ކަމަށާއި މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް އެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތަކީ ނިމުމެއް އޮތް މަސައްކަތެއް ނޫން. ދެވަނަ ދައުރަކަށް ވެސް ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުކޮށްފައި ނޫނީ މި މަސައްކަތްތައް ހުއްޓައެއް ނުލާނެ،" މުއާޒު ވިދާޅުވި އެވެ.

comment ކޮމެންޓް