އައިވަރީ ކޯސްޓަށް ކުޅެން ނިންމުމަކީ ގޯސް ނިންމުމެއް ކަމަކަށް ނުދެކެން: ޒާހާ

ކްރިސްޓަލް ޕެލަސްއަށް ކުޅެމުންދާ އައިވަރީ ކޯސްޓަށް އުފަން ވިލްފްރެޑް ޒާހާ: އިނގިރޭސި ގައުމީ ޓީމުން ކުރިން ފެނުނު ޒާހާ ދެން ފެނިގެންދާނީ އައިވަރީ ކޯސްޓް ގައުމީ ޓީމުން ---

އިނގިރޭސި ގައުމީ ޓީމުގެ ބަދަލުގައި އައިވަރީ ކޯސްޓް ގައުމީ ޓީމަށް ކުޅެން ނިންމުމަކީ ގޯސް ނިންމުމެއް ކަމުގައި ނުދެކޭ ކަމަށް ވިލްފްރެޑް ޒާހާ ބުނެފި އެވެ.

އިނގިރޭސި ގައުމީ ޓީމަށް ކުޅުމުގެ ބަދަލުގައި ކްރިސްޓަލް ޕެލަސްގެ ފޯވަޑް މިހާރު ދަނީ އައިވަރީ ކޯސްޓްއާ އެކު އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ބައިވެރިވުމަށް ތައްޔާރުވަމުންނެވެ.

އައިވަރީ ކޯސްޓަށް އުފަން ޒާހާ ވަނީ އިނގިރޭސި ގައުމީ ޓީމާ އެކު އެކުވެރިކަމުގެ ދެ މެޗެއްގައި ކުޅެފަ އެވެ. ނަމަވެސް އިނގިރޭސި ޓީމާ އެކު މުބާރާތެއްގެ މެޗެއްގައި ބައިވެރިވެފައި ނުވުމުން އޭނާ އަށް ވަނީ އައިވަރީ ކޯސްޓަށް ކުޅުމުގެ ފުރުސަތު ލިބިފަ އެވެ.

"އަހަރެން އައިވަރީ ކޯސްޓުން އިނގިރޭސިވިލާތަށް ދިޔަ ފަހުން އުފަން ގައުމަކަށް އެނބުރި ގޮސްފައެއް ނުވާނެ. އެހެންވެ އަހަރެން ތައުލީމު ހާސިލްކުރީ ވެސް އިނގިރޭސިވިލާތުގައި. އަދި އިނގިރޭސި ޔޫތު ޓީމުތަކަށް ވެސް އަހަރެން ކުޅުނިން. އައިވަރީ ކޯސްޓަށް ކުޅެން ނިންމުމަކީ ގޯސް ނިންމުމެއް ކަމަކަށް ނުދެކެން،" ޒަހާ ބުންޏެވެ.

ޒާހާ ބުނީ، ފާއިތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އައިވަރީ ކޯސްޓަށް ކުޅެން ނިންމުމަށް ރަނގަޅަށް ވަގުތު ލިބުނު ކަމަށާއި މިހާރު އެންމެ ބޭނުން ވަނީ އައިވަރީ ކޯސްޓް އަށް ކުޅުމަށް ކަމަށެވެ. އަދި އައިވަރީ ކޯސްޓްގައި ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ތިބި ކަމަށް ވެސް އޭނާ ބުންޏެވެ.

އަންނަ ހޮނިހިރު ދުވަހު ފަށާ އެފްރިކާ ކަޕް އޮފް ނޭޝަންސް ކަޕްގައި އައިވަރީ ކޯސްޓް އޮތީ ކޮންގޯ އާއި، މޮރޮކޯ އަދި ޓޯގޯއާ އެކު ގްރޫޕް ސީގަ އެވެ. އައިވަރީ ކޯސްޓަކީ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

comment ކޮމެންޓް