އެފްއޭއެމުން ކްލަބް މޯލްޑިވްސް ބަލައިގަނެ، ތާރީޚީ ބޮޑު އެއްބަސްވުމެއް

ކުލަބު މޯލްޑިވްސްއާއި އެފްއޭއެމުން ބޭއްވި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ: ކުލަބު މޯލްޑިވްސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ކްލަބް މޯލްޑިވްސް އިން ދިވެހިރާއްޖޭގެ ފުޓްސަލް ކުރިއެރުވުމަށް ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ކްލަބް މޯލްޑިވްސްގެ މުބާރާތްތައް އެފްއޭއެމުން ރަސްމީކޮށް އެންޑޯސްކުރާނެއެވެ. އަދި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފުޓްސަލް ލީގެއް ތަޢާރަފުކުރުމަށްވެސް ވަނީ ނިންމާފައެވެ.

  • އެފްއޭއެމް އާއި ކްލަބް މޯލްޑިވްސް އާ ދެމެދު ފުޓްސަލް ކުރިއެރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި.
  • ކްލަބް މޯލްޑިވްސް ކަޕް އަދި އަންހެނުންގެ އެއިޓީން ތާޓީ މުބާރާތް އެފްއޭއެމުން ރަސްމީކޮށް ބަލައިގަނެފި.
  • މުޅި ރާއްޖެއަށް ހުޅުވާލައިގެން ޤައުމީ ފެންވަރުގެ ފުޓްސަލް ލީގެއް ފެށުމަށް ނިންމައިފި.
  • ކްލަބް މޯލްޑިވްސްގެ ހަރަކާތްތައް ކުރިއަށްގެންދާނީ އެފްއޭއެމްގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައިފި.
  • މިއަހަރުގެ މުބާރާތުގެ ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް އެސްއެސް މީޑިއާ ހަމަޖައްސައިފި.

ދިވެހިރާއްޖޭގައި އެންމެ ފޯރިއާއެކު ކުޅެވޭ އަދި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ފުޓްސަލް، ރަސްމީ އޮނިގަނޑެއްގެ ތެރެއިން އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މޯލްޑިވްސް އިން މިއަދު ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެފްއޭއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް އަހުމަދު ޠާރިޤު (ޓޮމް) އެވެ. ކްލަބް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ޗެއާމަން މޫސާ ރަމީޒު އެވެ.

މި އެއްބަސްވުމުގެ ދަށުން، ކްލަބް މޯލްޑިވްސް އިން މިހާތަނަށް އިންތިޒާމުކުރަމުން އައި "ކްލަބް މޯލްޑިވްސް ކަޕް" އަދި އަންހެނުންނަށް ޚާއްޞަ "އެއިޓީން ތާޓީ" ފުޓްސަލް މުބާރާތަކީ ދެން އެފްއޭއެމުން ރަސްމީކޮށް އެންޑޯސްކޮށްގެން ކުރިއަށްގެންދާ މުބާރާތްތަކަކަށް ވެގެންދާނެއެވެ.

މީގެއިތުރުން، ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން އަތޮޅު، ޒޯން އަދި ރީޖަނަލް ލެވެލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ކްލަބް މޯލްޑިވްސްގެ ފަރާތުން އެފްއޭއެމަށް ފޯރުކޮށްދިނުމަށް ވަނީ އިޤްރާރުވެފައެވެ.

ކުލަބު މޯލްޑިވްސްއާއި އެފްއޭއެމުން ބޭއްވި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ: ކުލަބު މޯލްޑިވްސް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ޠާރިޤު ވިދާޅުވީ، ކްލަބް މޯލްޑިވްސްގެ މިއަހަރުގެ މުބާރާތަކީ އެފްއޭއެމްގެ ރަސްމީ ކަލަންޑަރުގައި ހިމެނިގެން ކުރިއަށްދާނެ މުބާރާތަކަށް ވުމަކީ ރާއްޖޭގެ ހުރިހާ ފުޓްސަލް ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ.

މުސްތަޤްބަލުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފްއޭއެމުން އިޢުލާންކުރާ ފުޓްސަލް ޗެމްޕިއަންޝިޕްގެ އެކި މަރުހަލާތަކުން ހޮވާލެވޭ އެންމެ ވަރުގަދަ ޓީމުތަކުގެ މެދުގައި "ފުޓްސަލް ލީގު" އެއް ތަޢާރަފްކުރުމަށް ނިންމާފައިވާކަން ވެސް ޠާރިޤު އިޢުލާންކުރެއްވިއެވެ.

މި ބޮޑު މަޝްރޫޢު ކުރިއަށްދާނީ ކްލަބް މޯލްޑިވްސްގެ ފުރިހަމަ ބައިވެރިވުމާއި ތަޖުރިބާގެ ބޭނުން ހިފައިގެން ކަމަށާއި، މިއީ ރާއްޖޭގެ ފުޓްސަލްގެ އޮނިގަނޑު ހަރުދަނާކޮށް، ކުޅުންތެރިންނަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ކްލަބް މޯލްޑިވްސްގެ ޗެއާމަން މޫސާ ރަމީޒު ފާހަގަކުރެއްވި ގޮތުގައި، އެ ޖަމްޢިއްޔާގެ އަބަދުވެސް އަމާޒަކީ ރާއްޖޭގެ ފުޓްސަލް ކުރިއަރުވައި، އެ ކުޅިވަރުން ޒުވާނުންނަށް މަންފާ ހޯދައިދިނުމެވެ. އެގޮތުން، ދެން ކުރިއަށް އޮތް ތަނުގައި ކްލަބް މޯލްޑިވްސްގެ ހުރިހާ ހަރަކާތްތަކެއް ބައްޓަންކުރާނީ އެފްއޭއެމްގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ކްލަބް މޯލްޑިވްސްގެ މުބާރާތްތައް ކާމިޔާބުކަމާއެކު ބޭއްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާ އާއި، އެޗްޑީސީ، އާރްޑީސީގެ އިތުރުން ސްޕޮންސަރުންނާއި ރެފްރީން ދެއްވާ އެއްބާރުލުމަށް ރަމީޒު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

މި އެއްބަސްވުމާއެކު، ރާއްޖޭގެ ފުޓްސަލް އާއިލާއަށް އާ އުއްމީދުތަކެއް ލިބި، ކުޅިވަރުގެ ފަންނީ ފެންވަރު މަތިވެގެންދާނެ ކަމަށް މުޅި ކުޅިވަރު އާއިލާއިން އުއްމީދު ކުރެއެވެ.

މިއަހަރުގެ ކުލަބު މޯލްޑިވްސްގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ގެނެސްދޭއިރު، ބޮޑެތި މެޗުތައް އެސްއެސް ޓީވީން ކޮމެންޓަރީއާއެކު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް