މިއަހަރު ދުނިޔޭގެ އިގްތިސާދު 2.7 ޕަސެންޓު ކުރިއަރާނެ: ވޯލްޑް ބޭންކް

މި އަހަރުގެ ނިޔަލަށް ދުނިޔޭގެ އިގްތިސާދު 2.7 ޕަސެންޓު ކުރިއަރާނެ ކަމަށް ދުނިޔޭގެ މަރުކަޒީ ބޭންކު، ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.

ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި ދުނިޔޭގެ އިގްތިސާދު ކުރިއަރާނީ މަޑު ދުވެއްޔެއްގަ އެވެ. ދުނިޔޭގެ އިގްތިސާދު 2.7 ކުރިއަރާނެ ކަމަށް މިއަހަރަށް ލަފާކޮށްފައިވާ އިރު މިދިޔަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާފައި ވަނީ 2.3 ޕަސެންޓަށެވެ.

މިދިޔަ އަހަރަށް ވުރެ މި އަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ، ކުރިއަރަމުން އަންނަ ގައުމުތަކުންނާއި މާކެޓުތަކުން ހޯދާ ތަރައްގީގެ މިންވަރު އިތުރުވާނެތީ އެވެ. ނަމަވެސް އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި އިންފްލޭޝަން މަތިވެ، ތަކެތީގެ އަގު މައްޗަށް ގޮސްދާނެ ކަމަށެވެ. އަދި ތަރައްގީ ވެފައިވާ ގައުމުތަކުގެ ކުރިއެރުން 1.8 ޕަސެންޓުގައި މަޑުޖެހޭނެ ކަމަށް ލަފާ ކުރި ނަމަވެސް، މިދިޔަ އަހަރަށް ވުރެ އެ ގައުމުތަކުގެ ކުރިއެރުން އިތުރުވާނެ ކަމަށް ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ.

މީގެ އިތުރުން 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ފަގީރުންގެ ނިސްބަތް ހަތަރު ޕަސެންޓަށް ތިރިކުރެވޭނެ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. ވޯލްޑް ބޭންކުން މިފަދަ ރިޕޯޓެއް ނެރެފައިވާ އިރު އަންނަ ހަފްތާތެރޭގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، (އައިއެމްއެފް) އިން އެ ބޭންކުން މިއަހަރަށް ލަފާ ކުރާ އިގްތިސާދީ ކަންކަން ހިމަނައިގެން ރިޕޯޓެއް ނެރޭނެ އެވެ.

comment ކޮމެންޓް