ޗެލްސީގެ ޒުވާން ޓީމުގެ ކުރީގެ ކެޕްޓަނާ އެކު ވަރުގަދަ ތިން ކުޅުންތެރިއަކު ނިއުއަށް

ނިއު އިިން ގެންނަން ނިންމާފައިވާ ޗެލްސީ ޒުވާން ޓީމްގެ ކުރީގެ ކެޕްޓަން ޕަޕޯ އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗެއްގައި ---

އިނގިރޭސި ކްލަބް ޗެލްސީގެ 18 އަހަރުން ދަށުގެ ޓީމުގެ ކުރީގެ ކެޕްޓަން ޑެނިއަލް ޕަޕޯ އެކު ވަރުގަދަ ތިން ކުޅުންތެރިން ނިއު ރޭޑިއަންޓްއާ ގުޅެން މިއަދު މާލެ އަންނާނެ ކަމަށް އެ ކަލްބުން ބުނެފި އެވެ.

ގާނާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ ޑިފެންޑަރު ޕަޕޯ އާއެކު މިއަދު މާލެ އަންނަ އަނެއް ތިން ކުޅުންތެރިންނަކީ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖަމެލް ލީފްލޭންގް އާއި ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ ވަލްޑެސްގެ އިތުރުން ޖަޕާނުގެ މިޑްފީލްޑަރު ކެއިސޫކޭ އޮގާވާއެވެ.

ނިއު އަށް ގެންނަ ޖަޕާން މިޑްފީލްޑަރު ކެއިސޫކޭ އޮގާވާ ---

ޗެލްސީގެ ޔޫތު ޓީމަށް 2006 އިން 2013 އަށް ކުޅުނު ޕަޕޯ ވަނީ އޭނާގެ ކެޕްޓަން ކަމުގައި 2010 ވަނަ އަހަރުގެ ޔޫތު އެފްއޭ ކަޕުގެ ފައިނަލްގައި ކުޅެފައެވެ. އެފަހަރު ފައިނަލުން ޗެލްސީ ބަލިވީ ވާދަވެރި ޔުނައިޓެޑް އަތުންނެވެެ.

ޗެލްސީ ޔޫތް ޓީމުން ފާހަގަކޮށްލެވުނު އުމުރުން 23 އަހަރުގެ ޕަޕޯ ވަނީ ޗެލްސީގެ ސީނިއާ ޓީމަަށް ވެސް ނަގާފައެވެ. ނަމަވެސް ސީނިއާ ޓީމުގައި ހިމެނިގެން އޭނާ މެޗެއް ކުޅެފައެއް ނުވެ އެވެ. އިނގިރޭސި ދެވަނަ އަދި ތިން ވަނަ ޑިވިޝަނުގެ ޓީމުތަކަށް ކުޅެފައިވާ ޒުވާން ޑިފެންޑަރު އެންމެ ފަހުން ކުޅެފައިވަނީ ހަތަރު ވަނަ ޑިވިޝަނުގެ ކްރޯލީ ޓައުން އެފްސީ އަށެވެ.

ނިއުއަށް ގެންނަ ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ ވަލްޑެސް ----

ޕަޕޯގެ އިތުރުން ދެން ނިއު ރޭޑިއަންޓް ގެންނަ ކުޅުންތެރިންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ސްޕެއިން ފޯވާޑް އެޑްރިއަންއެވެ. އުމުރުން 29 އަހަރުގެ އެޑްރިއަން އެންމެ ފަހުން މިދިޔަ ސީޒަނުގައި ކުޅެފައި ވަނީ ފިލިޕީންސްގެ ސެރެސް އެފްސީީ އަށެވެ. ފިލިޕިންސް ލީގުގައި މޮޅު ކުޅުމެއް ދައްކާފައިވާ އެޑްރިއަން ވަނީ މިދިޔަ ދެ ސީޒަނުގައި ވެސް އެންމެ ގިނަ ގޯލު ކާމިޔާބްކޮށް ރަންބޫޓް ހޯދައިފައެވެ.

ނިއުު ރޭޑިއަންޓުން ބުނީ އެހަތަރު ކުޅުންތެރިން މިއަދު މާލެ އައި ނަމަވެސް ޓީމާއި ގުޅޭނީ މެޑިކަލް ޓެސްޓްތަކާ ފިޓްނަސް ޓެސްޓްތަށް ހެދުމަށް ފަހު ކަމަށެވެ. އެ ކުޅުންތެރިންގެ ފިޓްނަސް ޓެސްޓްތަށް ހެދުމަށް ހަމަޖެހިފައިި ވަނީ ރާއްޖޭގެ ތަޖުރިބާކާރު ފިޓްނަސް އިންސްޓްރެކްޓަރު މުހައްމަދު ފަޔާޒު (ފިއްޓޭ)ގެ ބެލުމުގެ ދަށުން ފިޓް ފޯ ލައިފް ފިޒިކަލް ފިޓްނަސް ސެންޓަރުގައެވެ.

ނިއު އަށް ގެންނަ ނެދަލެންޑްސް މިޑްފީލްޑަރު ޖަމެލް ލީފްލޭންގް(ކ) ---

އަންނަ މަހުގެ 16 ވަނަ ދުވަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވާއިރު އާ ސީޒަނަށް އެންމެ ވަރުގަދައަށް ތައްޔާރު ވަނީ ވެސް ނިއު ރޭޑިއަންޓުންނެވެ. ނިިއުގެ އަލަށް އިންތިހާބުވި ބޯޑުން މި ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމަށް ޓާގެޓް ކޮށްފައިވާއިރު ބޯޑުން ވަނީ ކުޅުންތެރިން ހޯދުމަށް ރިކޯޑު ބަޖެޓެއް ހަމަޖައްސާފަ އެވެ.

ކުރިއަށް އޮތް ސީޒަނުގައި ނިއު އިން ބިދޭސީ ހަތަރު ކުޅުންތެރިން ޓީމުގައި ހިމެނުމަށް ތައްޔާރުވަމުން އަންނައިރު އެ ކްލަބުން ވަނީ ތަޖުރިބާކާރު ކީޕަރު މުހައްމަދު އިމްރާން އާއި ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)ގެ އިތުރުން އަލީ ފާސިރު (ސެންޓޭ)ގެ ސޮއި ހޯދާފައެވެ. އަދި ވަރަށް އަވަށް ރާއްޖޭގައި އުފެދުން އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝަފާގު ވެސް ނިއުއާ ގުޅޭނެ ކަމުގެ އިޝާރާތެއް ޗެއާމަން ކާނަލް ރިޓަޔަރޑް މުޙައްމަދު ޒިޔާދު ވަނީ ދެއްވާފަ އެވެ.

comment ކޮމެންޓް