މިއީ މަނާ ކަމެއް، މިކަން ހުއްޓުވޭނީ ފަރުދީ ޒިންމާ އަދާކޮށްގެން

ބިދޭސީއެއް ތާޖުއްދީން ސުކޫލް ޔުނީފޯމެއްލައިގެން-- އެކަން ހުއްޓޫވަން ފަރުދީ ޒިންމާ ނަގަންޖެހޭ--

ސުކޫލު ކުދިންގެ ޔުނީފޯމް އާންމު އަންނައުނުގެ ގޮތުގައި ލައިގެން އުޅޭތަން ދޭތެރެ ދޭތެރެއިން ފެނެއެވެ. އެކަން އާންމުކޮށް ފެންނަނީ ބިދޭސީންގެ ފަރާތުންނެވެ. މިކަން އާންމުވަމުންދާއިރު އެޑިއުކޭޝަން މިނިސްޓްރީގެ އިލްތިމާސްއަކީ އެކަން ހުއްޓުވުމަށް ފަރުދީ ޒިންމާނެގުމެވެ.

ޔުނީފޯމެއްގެ ބޭނުމަކީ އެއީ ކިޔަވާ ކުއްޖެއްކަން އަދި ކޮން ސުކޫލެއްގެ ކުއްޖެއްކަން އަންގައިދިނުމެވެ. ކުދިންގެ ޔުނީފޯމް އާންމު ހެދުމެއްގެ ގޮތުގައި ބޭނުން ކުރުމަކީ ރާއްޖޭގައި މަނާ ކަމެކެވެ.

ބޮޑަށް ބެލެވޭގޮތުގައި ބިދޭސީން ޔުނީފޯމް އަންނައުުގެ ގޮތުގައި ބޭނުން ކުރަނީ އެތަކެތި އުކާލުމުގެ ތެރެއިން ހޮވައިގެންނެވެ. އާންމު ހެދުމެއް ކަމަށް ބަލައިގެން ޔުނީފޯމް ލައި އުޅޭއިރު އެކަން ވެފައިވަނީ މުޖުތަމައުގެ ތެރޭގައި ޖޯކަށެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ސަކަރާތަކަށް އެކަން ވަނީ ހަދާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ސަން އަށް ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވޭނީ ފަރުދީ ޒިންމާ ނަގައި އެއީ މަނާކަމެއްކަން ބިދޭސީންނަށް ބުނެދީގެން ކަމަށެވެ.

"ބިދޭސީން މިލަނީ، އެކަން އެކުރަނީ އެއީ ޔުނީފޯމެއްކަން ނޭނގޭތީ، މީގައި އޮންނާނެ ގޮތަކީ އެގޮތަށް ޔުނީފޯމެއް ލައިގެން މީހަކު ހުއްޓާ ބުނެދިނުން ތިއީ މަނާކަމެކޭ، ހަމައެކަނި ސޯޝަލް މީޑިއާގެ ތެރެއިން ޗޯކް ޖަހައިގެން އެކަން ނުހުއްޓޭނެ،" ޝަފީއު ވިދާޅުވިއެވެ.

އިއުލާނެއް ކޮށްގެން ބިދޭސީންނަށް އެމައުލޫމާތު ނުލިބޭއިރު ބިދޭސީން ގެނެސްގެންގުޅޭ ފަރާތްތަކުން ބިދޭސީންނަށް އެކަންކަން އަންގައިދޭން ޖެހޭ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ބެލެނިވެރިންނަށް ކުރާ އިލްތިމާސް!

ޔުނީފޯމް އާ ކުރުމަކީ ކޮންމެ އަހަރަކުހެން ގިނަ ބަޔަކު ކުރާކަމެކެވެ. އެއާއެކު ވޭތުވެދިޔަ އަހަރު ބޭނުންކުރި ޔުނީފޯމަށް އެއްލާލަނީއެވެ.

ޝަފީއު ވިދާޅުވީ ޔުނީފޯމް އެއްލާލާއިރު އަލުން ނުލެވޭ ގޮތަށް ހަދާފައި އެއްލާލުން މުހިންމު ކަމަށެވެ. އެގޮތުން ބާފޮތީގެ ގޮތުގައި ބޭނުން ކުރަން ޔުނީފޯމް ކަފާލުން އެއީ އެފަދަ ކަންކަން ހުއްޓުވޭނެ ކަމެއް ކަމަށް ޝަފީއު ވިދާޅުވިއެވެ.

comment ކޮމެންޓް