އުރީދޫގެ ފޯޖީ ޕްލަސް ނެޓްވޯކް އިތުރު ސަތޭކަ ރަށަކަށް

މިއަދު ލ. އަތޮޅުގައި އުރީދޫ އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އުރީދޫ

އުރީދޫ އިން ފޯޖީ ޕްލަސް ނެޓްވޯކްގެ ހިދުމަތް އިތުރު 100 ރަށަކަށް ފޯރުކޮށްދިނުމާ އެކު، ރާއްޖޭގެ 75 ޕަސެންޓަށް އެ ކުންފުނީގެ ފޯޖީޕްލަސް ނެޓްވޯކް ފުޅާކޮށްފި އެވެ.

އުރީދޫން ބުނީ ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް އުރީދޫގެ ފޯޖީޕްލަސް ނެޓްވޯކް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކާމިޔާބީތައް ހޯދަމުން އަންނަ ކަމަށެވެ.

އުރީދޫން ލ. ފޮނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ، ިއިންޓަނެޓަކީ ގައުމީ ތަރައްޤީއަށް ވަރަށްވެސް މުހިންމު ވެފައިވާ ވަސީލަތެއް ކަމަށްވެފައި، އުރީދޫން ހުރިހާ ރައްޔިތުންނަށް ވެސް ކުރިއެރުމުގެ މި ފުރުސަތު ފޯރުކޮށްދިނުމުގެ ގޮތުން ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ޙިދުމަތް މުޅި ގައުމަށް ފުޅާކުރުމަށް ދޭ އަހަމިއްޔަތާއި މެދު އުފާކޮށް، ޝުކުރުއަދާކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ، މުޅި ރާއްޖެއަށް އުރީދޫ ފޯޖީޕްލަސް ނެޓްވޯކް ފުޅާކޮށް އެކުންފުނީގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް ކުރަމުންދާ ކާމިޔާބު މަސައްކަތަށް، އުރީދޫގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް މަރުޙަބާ ދަންނަވާ ކަމަށެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ، ބައިނަލްއަގުވާމީ މުޖުތަމައު ތަކުގައި، ފެންވަރު ރަގަޅު އިންޓަނެޓްގެ ސަބަބުން ރައްޔިތުންނަށް ދަނީ ގިނަގުނަ ފައިދާތަކެއް ކުރަމުން ކަމަށެވެ.

އެގޮތުން، މުޅި ދިވެހި ގައުމަށް ފޯޖީޕްލަސް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ގައުމުގެ %75 އަށް ނެޓްވޯކް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައިވާ ރައްޔިތުންވެސް އެފަދަ ކުރިއެރުމުގެ ފުރުސަތުތަކާއި ގުޅުވާދިނުމުގައި އުރީދޫއަށް ބައިވެރިވެވުމަކީ އެ ކުންފުންޏަށް ލިބިފައިވާ ފަހުރެއް ކަމަށެވެ.

އުރީދޫއިން ބުނީ އާ އަޕްގްރޭޑް އާއިއެކު، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ، ޏ، އަދި ސ އަތޮޅުގައި އުރީދޫގެ ފޯޖީ ޕްލަސް ނެޓްވޯކްގެ ޚިދުމަތް ލިބެމުންދާނެ ކަމަށެވެ. އެ ހިދުމަތް ލިބޭ ހުރިހާ ރަށަކާއި ރިސޯޓްތަކުގެ ލިސްޓެއް، އުރީދޫގެ ވެބްސައިޓްއިން (ore.do/4Gplus) ލިބެން ހުންނާނެއެވެ.

އުރީދޫން ބުނީ އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް، ފޯޖީ ސިމްކާޑެއް ލައްވާފައިވާ ފޯޖީޕްލަސް ފޯނެއް މެދުވެރިކޮށް، އެ ހިދުމަތް ލިބޭ ސަރަހައްދުތަކުން، އިތުރު އަގަކާ ނުލާ، އުރީދޫގެ ފޯޖީޕްލަސް ނެޓްވޯކް ބޭނުންކުރެވޭނެ ކަމަށެވެ.

މިހާރު ގެންގުޅުއްވާ ސިމް ކާޑުން ފޯޖީޕްލަސް ކޮމްޕެޓިބަލްތޯ ބެއްލެވުމަށް، ''4G" ޖެއްސެވުމަށް ފަހު، 5353 އަށް އެސްއެމްއެސް ކުރައްވައިގެން ޗެކްކުރެވޭނެ ކަމަށާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ތަކުންނާއި، ބިޒްނަސް ޕާރޓްނާ ފިހާރަތަކުން ފަސޭހަކަމާއިއެކު 4G ސިމް ކާޑް ލިބޭނެކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.

ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯޖީ ޕްލަސް ފޯރުކޮށްދެވޭނެކަމަށް ލަފާކުރެވޭނެ ކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.

comment ކޮމެންޓް