އެމްއާރުޑީސީއަށް 88 ވެހިކަލް ގެނެސްފި

އެމްއާރުޑީސީއަށް އަލަށް ގެނައި ވެހިކަލްތައް --- ފޮޓޯ/ އެމްއާރުޑީސީ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަށް އަލަށް 88 ވެހިކަލް ގެނެސްފި އެވެ.

އެމްއާރުޑީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް "ސަން" އަށް ވިދާޅުވީ، މިއަދު ގެނައި ވެހިކަލްތަކަކީ އެ ކުންފުނީގެ ޕްރޮޖެކްޓްތައް އަވަސް ކުރުމަށްޓަކައި ރައީސް ޔާމީންގެ ސަރުކާރުން ދެއްވާ އެއްބާރުލުމުގެ ތެރެއިން ހޯދާފައިވާ ވެހިކަލްތަކެއް ކަމަށެވެ.

އެގޮތުން ޖުމްލަ އަށް މިލިއަން ޑޮލަރު ހަރަދުކޮށްގެން ވެހިކަލްތައް ހޯދުމަށް މަޝްރޫއެއް ހިންގާކަމަށް ހަލީމް ވިދާޅުވި އެވެ. އެ މަޝްރޫގެ ދަށުން 129 ވެހިކަލް ހޯދަން ހަމަޖެހިފައިވާ ކަމަށް ެސް ހަލީމް ވިދާޅުވި އެވެ.

މިހާރު 88 ވެހިކަލް ލިބިފައިވާ އިރު، މިހާރުވެސް އެމްޕީއެލް އިން ފަސް އެކްސްކަވޭޓަރާއި ފަސް ލޯޑަރު ކްލިއާ ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ހަލީމް ވިދާޅުވި އެވެ.

"މިހުރިހާ ވެހިކަލްތަކެއް ލިބުނީމަ އެމްއާރުޑީސީގެ އިކުއިޕްމަންޓް ފެސިލިޓީސް ވަރަށް ބޮޑުތަން އާވެގެން މިދިޔައީ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ސަރުކާރުން ހަވާލުކުރައްވާފައި ހުރި މަޝްރޫތައް ބާރު ސްޕީޑްގައި ގެންގޮސް އަވަހަށް ނިންމާލުމަށް ވަރަށް ބޮޑު ސަޕޯޓަކަށް ވެގެންދާނެ،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ އެމްއާރުޑީސީގެ ވެހިކަލް ފްލީޓް އާވުމާ ގުޅިގެން އެ ކުންފުނީން އާ އަމާޒަކާ އެކު މިހާރު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނިން މިހާރު ހަވާލުވެފައިވާ މަޝްރޫތައް މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ނިންމުމަކީ ކުންފުނީގެ އަމާޒުކަމަށް ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ، ކުންފުނިތަކުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނިތަކުން ހިންގާ މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމައި ރައްޔިތުންނަށް ލުއިފަސޭހަކަން ލިއްބައިދިނުމަކީ ރައީސް ޔާމީން ބޭނުންފުޅުވެލައްވާ ގޮތް ކަމަށާއި ކުންފުނިތަކުން މަސައްކަތް ކުރަނީ ވެސް އެގޮތަށް ކަމަށެވެ.

comment ކޮމެންޓް