ސީރިއާ ސަރުކާރު އޮތީ ހުރިހާ ކަމަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ތައްޔާރަށް: އަސަދު

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު -- ފޮޓޯ: ރޮއިޓާސް

ޕެރިސް (ޖެނުއަރީ 9): މިމަހުގެ ފަހުކޮޅު ސީރިއާ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބާއްވަން ރާވަމުންދާ ސުލްހައިގެ ވާހަކަތަކުގައި ހުރިހާ ކަމަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން އެގައުމުގެ ސަރުކާރު ތައްޔާރަށް އޮތް ކަމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.

ފްރާންސުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައިި، ރައީސް އަސަދު ވެރިކަމުން ފައިބައިވަޑައިގަތުމަކީ އެކަށީގެންވާ ކަމެއްތޯ ސުވާލު ކުރުމުން އޭނާ ވަނީ އެއީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

"އާދެ. ނަމަވެސް އަޅުގަނޑުގެ މަގާމު ވަނީ ގާނޫނު އަސާސީއާ ގުޅިފައި. ވީމާ (އިސްތިއުފާއާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން) މަޝްވަރާ ކުރަން ބޭނުން ނަމަ، ގާނޫނު އަސާސީއާ ބެހޭ ގޮތުން މަޝްވަރާ ކުރަން ޖެހޭ،" ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އަސަދު ވިދާޅުވި އެވެ.

އަދި ގާނޫނު އަސާސީއާ ބެހޭ ހުރިހާ މައްސަލައެއް ރެފަރެންޑަމްއެއްގެ ގޮތުގައި ހުށަހަޅަން ޖެހޭނެ ކަމަށާއި، އާ ރައީސަކު އިންތިހާބު ކުރުމަކީ ރައްޔިތުންގެ ނިންމުމެއް ކަމަށް ރައީސް އަސަދު ވިދާޅުވި އެވެ.

ރަޝިއާ އާއި ތުރުކީން އިސްނަގައިގެން މިމަހުގެ ފަހުކޮޅު ކަޒަކިސްތާނުގައި ސުލްހައިގެ ވާހަކަތައް ބާއްވަން މަސަކަތް ކުރަމުން ދަނީ ސީރިއާގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެގައުމުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެއްބަސްވުމެއް ހަދާފައި ވަނިކޮށެވެ. ނަމަވެސް ސީރިއާ ސަރުކާރުން އެއެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ސުލްހައިގެ ވާހަކަތަކުގައި ބައިވެރި ނުވާނެ ކަމަށް ބުނެފައެވެ.

ރައީސް އަސަދު ވިދާޅުވި ގޮތުގައި ހަމަލާތައް ހުއްޓާލުމަށް ހެދި އެއްބަސްވުމާ ހިލާފުވެފައި ވަނީ އިދިކޮޅު ފަރާތްތަކުންނެވެ. އަދި ރައީސް ވަނީ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ވާދީ ބަރާދާ ހިފުމަށް އެގައުމުގެ އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތްތައް ދިފާއު ކުރައްވާފައެވެ. ސީރިއާ ސަރުކާރުން ބުނާ ގޮތުގައި ވާދީ ބަރާދާ ހިފާފައިވާ އިދިކޮޅު ޖަމާއަތަކީ އެއްބަސްވުމުގައި ނުހިމެނޭ ޖަމާއަތެކެވެ.

ސީރިއާގެ ސުލްހައިގެ ވާހަކަތައް ބާއްވާނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވެ އެވެ. މީގެ ކުރިން އދ މެދުވެރިވެގެން ބޭއްވި ސީރިއާގެ ސުލްހައިގެ ވާހަކަތައް ވަނީ ނާކާމިޔާބުވެފައެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް