ޔޫރަޕަށް ސްނޯގެ ތޫފާންތަކެއް ކުރިމަތިވެ އެތަށްބަޔަކު މަރުވެ އާންމު ދިރިއުޅުމަށް ބުރޫއަރައިފި

އިސްތަންބޫލް (ޖަނަވަރީ 8): ޔޫރަޕްގެ ގިނަ ގައުމުތަކަށް ސްނޯގެ ތޫފާންތަކެއް ކުރިމަތިވެ އެތަށް ބަޔަކު މަރުވެ އާންމު ދިރިއުޅުމަށާއި ދަތުރުފަތުރަށް ވަރަށް ބޮޑަށް ބުރޫ އަރައިފިއެވެ.

ސްނޯގެ ތޫފާންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޕޮލެންޑް ޗެކްރިޕަބްލިކް އިޓަލީ އަދި ތުރުކީގެ ޔޫޕަރްފަޅި ކަމަށްވާ އިސްތަންބޫލްގައެވެ. ސްނޯއާއެކު އިސްތަންބޫލްގެ ފިނި ހޫނުމިންވަނީ މައިނަސް 11 އަށް ދަށަށްގޮސްފައެވެ. އިޓަލީއާއި ޕޮލެންޑާއި ޗެކް ރިޕަބްލިކްގެ ގިނަ ހިސާބުތަކުގައި ސްނޯގެ ސަބަބުން މަގުތައް ބަންދުވެ ދަތުރުފަތުރަށް ބުރީއަރާފައިވާއިރު އެ ތިންގައުމުގެ ގިނަ ސަރަހައްދުތަކުގައި ފިނިހޫނުމިން ވަނީ މައިނަސް 25 ޑިގްރީއަށް ދަށަށްގޮސްފައެވެ.

ރަޝިޔާއަކީ ފިނިމޫސުމުގައި އަބަދުވެސް (އެގައުމުގެ އޭޝިޔާ ފަޅިއާއި ޔޫރަޕްގެ ފަޅިވެސް) އާދަޔާ ޚިލާފަށް ފިނި ހޫނުމިން ދަށަށްދާ ގައުމެކެވެ. ނަމަވެސް މިފަހަރުގެ ފިނިމޫސުމުގައި ރަޝިޔާގެ ގިނަ ސަރަހައްދުތަކުގެ ފިނި ހޫނުމިންވަނީ މައިނަސް 30 ޑިގްރީ ސެލްސިއަސް އަށް ދަށަށްގޮސްފައެވެ. ޔޫރަޕްގެ އެހެންގައުމުތަކަށް ބަލާއިރުވެސް ފާއިތުވި 100 އަހަރު ތެރޭގައި ފިނި ހޫނުމިން ދަށަށްނުދާވަރަށް މިއަހަރުގެ ފިނިމޫސުމުގައިވަނީ ފިނި ހޫނުމިން ދަށަށްގޮސްފައެވެ.

މިގޮތުން ޖަރުމަނާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ސްވިސްޓްޒަލޭންޑާއި ބެލްޖިޔަމާއި ރުމޭނިޔާއާއި ބޯލްޓިކްގެ ގައުމުތަކާއި ޔުކްރޭނަށް ސްނޯ ފައިބަމުންދަނީ ފާއިތުވި 100 އަހަރު ތެރޭގައިވެސް ސްނޯ ފައިބައިފައިނުވާ މިންވަރަކަށް ކަމަށް މޫސުމާބެހޭ ރިޕޯޓްތައް ބުނެއެވެ.

ޔޫރަޕަށް ކުރިމަތިވެފައިވާ ސްނޯގެ ތޫފާންތަކާއި ފިނި ހޫނުމިން ދަށަށްދިޔުމުގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި ދެދުވަހުވަނީ 25 މީހުން މަރުވެ އެތަށް ސަތޭކަ ބަޔަކަށް އެކިބާވަތުގެ އަނިޔާތައް ލިބި ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައެވެ. ފިނީގެ ސަބަބުން ފާއިތުވި ދެދުވަހު ޔޫރަޕުން މަރުވި 25 މީހުންގެ ތެރެއިން 10 މީހުން މަރުވެފައިވަނީ ޕޮލެންޑްގައެވެ. އަދި މީގެތެރެއިން 7 މީހުން މަރުވެފައިވަނީ އިޓަލީގައެވެ.

ސްނޯގެ ތޫފާންތަކާއެކު ޔޫރަޕްގެ ގިނަ ގައުމުތަކުގެ އެއްގަމު ދަތުރުފަތުރަށް ބުރޫ އަރާފައިވާއިރު ވައިގެ ދަތުރުފަތުރަށްވެސް ވަނީ ބުރޫއަރައި ބައިލައްކައެއްހާ ފްލައިޓް ގެ ދަތުރުތައްވަނީ ކެންސަލްކޮށްފައެވެ.

ވައިގެ ފްލައިޓްތައް ކެންސަލްކުރި ގައުމުތަކުގެތެރޭގައި ޔޫރަޕްގެ ގިނަ ގައުމުތަކުގެ ފްލައިޓްތަކާއި ތުރުކީގެ އިސްތަންބޫލް އަތާތުރްކު އެއަރޕޯޓަށް ގޮސްއައިސްވާ ފްލައިޓްތައް ހިމެނެއެވެ.

މީގެއިތުރުން ފަހުގެ ތާރީޚެއްގައި ސްނޯ ނުފައިބާ ވަރަށް އަރަބި އެތަށް ގައުމަކަށްވެސް މިއަހަރުގެ ފިނިމޫސުމުގައި ދަނީ ސްނޯ ފައިބަމުންނެވެ.

ގަދައަށް ސްނޯ ފައިބަމުންދާ އަރަބި ގައުމުތަކުގެ ތެރޭގައި ސޫރިޔާ، އިރާގް، ފަލަސްތީން، ލުބްނާން، ލީބިޔާ، ތޫނިސް އަދި އުރުދުން ހިމެނެއެވެ.

ސައޫދީ އަރަބިޔާގެ އުތުރަށާއި މިސްރުގެ އުތުރުގެ ސަރަހައްދުތަކަށްވެސް މިއަހަރުގެ ފިނިމޫސުމުގައި ބޯކޮށް ސްނޯ ފާބައިފައިވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް