ތިނަދޫ ފްލެޓްތަކަށް ކުރިމަތިލި މީހުންނަށް ޕޮއިންޓްދިން ގޮތުގެ ލިސްޓު ބާތިލްކޮށްފި

ގދ ތިނަދޫ -- ފޮޓޯ - ގޫގުލް

ސަރުކާރުން ގދ. ތިނަދޫގައި އަޅާފައިވާ ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ލިސްޓު ބާތިލްކޮށް އަލުން އިވެލުއޭޓު ކުރުމަށް ހައުސިން މިނިސްޓްރީން އެރަށު ކައުންސިލަށް އަންގައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެރަށުގައި އަޅާފައިވާ ފްލެޓްތަކުގެ އޭ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ވަގުތީ ލިސްޓާ ގުޅިގެން އެ މިނިސްޓްރީއަށް ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޝަކުވާތައް ޗެކު ކުރިއިރު ފާހަގަ ކުރެވުނު ގިނަ ކަންކަމަކީ، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގައި ދީފައިވާ މައުލޫމާތު ޗެކްކުރުމަށް ތިނަދޫ ކައުންސިލުގެ އިދާރާއިން ހުށަހެޅުމުން، އެކަން އެކައުންސިލުން ކޮށްފައިނުވާތީ ދިމާވެފައިވާ ގިނަ މައްސަލަތަކެއް ކަމަށް އިއުލާނުގައި ވެއެވެ.

"ވީ މާ، ގދ. ތިނަދޫގައި ޢިމާރާތްކުރާ ފްލެޓްތަކުގެ އޭ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގައި ދެއްވާފައިވާ މަޢުލޫމާތު، ގދ.ތިނަދޫ ކައުންސިލުގެ އިދާރާއިން ޗެކުކުރުމަށްފަހު، އަލުން ފޯމުތައް އިވެލުއޭޓުކުރުމަށް ނިންމައި، މި މިނިސްޓްރީގެ މަތީގައި ޙަވާލާދެވިފައިވާ ނަންބަރު އިޢުލާނާއެކު އިޢުލާންކުރެވިފައިވާ ގދ. ތިނަދޫ އޭ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު ބާޠިލުކުރިކަން އާންމުކޮށް އަންގަައި އިޢުލާންކުރީމެވެ،" އެ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫގައި އަޅާފައިވަނީ 120 ފްލެޓެވެ. އޭގެ ތެރެއިން 80 ފްލެޓު ޚާއްސަކޮށްފައިވަނީ ތިނަދޫ ރަށްވެހިންނަށެވެ. 25 ފްލެޓު ޚާއްސަކޮށްފައިވަނީ ތިނަދޫއަށް ހިޖުރަ ކުރާ މީހުންނަށް ކަމަށްވާއިރު ބާކީ 15 ފްލެޓު ވިއްކަން ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް