ހުޅުމާލެއަށް އިންވެސްޓަރުންގެ ޝައުގު ދަނީ އިތުުރުވަމުން: އެޗްޑީސީ

ހުޅުމާލޭގެ މޮޑެލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރުމަށް ނިންމާފައިވާ މަޝްރޫއުތަކަށް އިންވެސްޓް ކުރުމަށް ޝައުގުވެރިކަން ފާޅުކުރާ އިންވެސްޓަރުން އިތުރުވަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި ނިންމާފައިވާ އިރު، އެޗްޑީސީއިން ރާވާފައި ވަނީ އެތަނުގައި ގިނަ ކޮމްޕޯނެންޓްތަކެއް ތަރައްގީ ކުރުމަށެވެ. އެގޮތުން، ރެޒިޑެންޝަލް ބިލްޑިންގްސްގެ އިތުރުން ފައިނޭންޝަލް ޑިސްޓްރިކްޓަކާއި، ޓުއަރިޒަމް އައިލެންޑަކާއި، ނޮލެޖް ޕާކަކާއި ޓެކްނޯޕޮލިސްއެއް އަދި ހެރިޓޭޖް އައިލެންޑް ފަދަ މަޝްރޫއުތައް ރާވާފައިވެއެވެ.

ބުރާސްފަތި ދުވަހު އެޗްޑީސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ، ހުޅުމާލޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިކަން އުފައްދާ ފަރާތްތައް ދަނީ ކޮންމެ ހަފްތާއަކުން އިތުރުވަމުން ކަމަށެވެ.

އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސައިމަން -- ސަން ފޮޓޮ/ މުހައްމަދު އަފްރާހު

"ރާއްޖެއަށް މިވަގުތު އިންޓްރެސްޓް އޮތް ފަރާތްތަކުން ހުޅުމާލެއާ ދޭތެރޭގައި އޮތް އިންޓްރެސްޓް ވަރަށް ބޮޑުކަން ފާހަގަވޭ،" ސައިމަން ވިދާޅުވި އެވެ.

ނަމަވެސް، އިންވެސްޓަރުން ވެސް އިންވެސްޓްކުރާ އިރު ބަލާ ބައެއްކަހަލަ ކަންކަން ހުންނަ ކަމަށް ސައިމަން ވިދާޅުވިއެވެ.

"މިސާލަކަށް އައިޓީ ޕާކު. ދިރާގާއި އުރީދޫގެ ސަބްމެރިން ކޭބަލް އައިސް ކަނެކްޓްވާ މުހިންމު ޕޮއިންޓަކަށް ހުޅުމާލެ ވޭ. މިހެން ގޮސް މިކަހަލަ ސްޓްރެޓީޖިކް އެޑްވާންޓޭޖުތަކެއް އެބަހުރި،"

މީގެ އިތުރުންވެސް، އިންވެސްޓް ކުރާ އިރު ހުޅުމާލެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރުގެ ބައެއް ކަހަލަ ކުރިއެރުންތައް ވެސް އަންނާނެކަން ޔަގީންކުރުމަކީ، އިންވެސްޓަރްކުރުމުގެ ކުރިން އިންވެސްޓަރުން ބަލާނެ ކަމެއް ކަމަށް ސައިމަން ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްލޭން ކުރެވިފައި ހުރި ބައެއް ތަންތަނަކީ އެއް ވަރަކަށް ސްޓެބިލިޓީ މަތި ތަންތަން ނޫން ކަމަށެވެ.

"މިސާލަކަށް ނޮލެޖު ޕާކާއި އައިޓީ ޕާކު އެއީ ލޯންގް ރަންގައި ރިޓާން ނުވަތަ ރިކަވަރީ ލިބޭ މޮޑެލް އެޕްލައި ކުރެވޭނެ ތަންތަން،"

އެހެންކަމުން، އެތަންތަނަށް އިންވެސްޓްކުރާނެ ފަރާތްތައް ގެނެވޭނީ، އިންވެސްޓަރުންނަށް އިންސެންޓިވްތަކެއް ދީގެން ކަމަށް ސައިމަން ފާހަކަ ކުރެއްވިއެވެ.

"އުންމީދަކީ، އެކަހަލަ ފަހި ފުރުސަތުތަކެއް، އެސްއީޒެޑު ގާނޫނު މެދުވެރިކޮށް ހުޅުމާލެއަށް އޮތުން، އެ ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް،" ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް