ހުޅުމާލޭގެ ބުރިޖުތަކާއި ޗެނަލްތައް ޑިޒައިންކުރަން ތުރުކީގެ ބަޔަކާ ހަވާލުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ޓުއަރިޒަމް އައިލެންޑް (ކ): ޓުއަރިޒަމް އައިލެންޑާއި ހުޅުމާލެއާ ގުޅުވުމަށް ދެ ބްރިޖު ހަދާނެ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ އިންފްރާސްޓްރަކްޗާގެ ބޮޑެތި މަޝްރޫއުތައް ޑިޒައިންކުރުމަށާއި މަޝްރޫއުތައް މެނޭޖުކުރުމަށް ތުރުކީގެ ބޮޑު އިންޖިނިއަރިންގް އެންޑް ކޮންސަލްޓަންސީ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މޭޖާ އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ތަރައްގީކުރަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުން ދީފައިވާ 80 މިލިޔަން ޑޮލަރުގެ ލޯނު އެހީއެއްގެ ދަށުންނެވެ. ސައުދީ ފަންޑުން ލޯނު ދިން އިރު ވަނީ، މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ތުރުކީގެ ޓާކިޝް އިންޖިނިއަރިން ކޮންސަލްޓިން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (ތުމަޝް)އެވެ.

އެޗްޑީސީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ތުރުކީގެ ތުމަޝްއަށް މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ތުމަޝްގެ ޗެއާމަން ފަހްމީ ޒަފަރު ހެޕަރްލަރް އަދި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑެތި އިންފްރާސްޓްރަކްޗާ މަސައްކަތްތައް ޑިޒައިންކުރަން ތުމަޝްއާ ހަވާލުކުރުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސޮއި ކުރެއްވުމަށް ފަހު މީޑިއާއަށް މައުލުމާތު ދެއްވަމުން، ސައިމަން ވިދާޅުވީ މި ކުންފުނިން ކުރާނެ މަސައްކަތަކީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ބްރިޖުތަކާއި ދެ ފިޔަވަހީގެ ބިމުގެ ދެމެދުގައި ކަނޑާ ޗެނަލާއި، އަޅަން ޖެހޭ ބަނދަރުތައް ފަދަ ކަންކަމުގެ ޑިޒައިންގެ މަސައްކަތް ކަމަށެވެ. އޭގެ އިތުރުން، މުޅި މަޝްރޫއު ކުރިޔަށް ދާ އިރު ދޭންޖެހޭ އިންޖިނިއަރިން ކޮންސަލްޓަންސީ ވެސް އެކުންފުނިން ދޭނެ ކަމަށް ސައިމަން ވިދާޅުވި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވުމަށް ހަތަރު ބްރިޖު، ދެވަނަ ފިޔަވައްސާއި ފަތުރުވެރިިކަމަށް ތަރައްގީކުރާ ޓުއަރިޒަމް އައިލެންޑު ގުޅުވުމަށް ދެ ބްރިޖު، އަދި ޔޮޓު މެރީނާއާއި ކްރޫޒް ޓާމިނަލް ގުޅުވުމަށް ދެ ބްރިޖު ގާއިމުކުރާނެ އެވެ. އޭގެ އިތުރުން، ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދު، އަދި ދެވަނަ ފިޔަވައްސާއި ޓުއަރިޒަމް އައިލެންޑާ ދެމެދު، ބިން ވަކިކޮށްލުމަށް ދެ ޗެނަލްއެއް ވެސް ހަދާނެ އެވެ.

ހުޅުމާލޭގެ މޮޑެލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސައިމަން ވިދާޅުވީ، ބައިނަލްއަގުވާމީ ޓެންޑާއަށް ހުޅުވާލައިގެން ތުރުކީގެ ތުމަޝް ކުންފުންޏަށް މަސައްކަތް ހަވާލުކުރީ ތިން މިލިޔަން ޑޮލަރަށް ކަމަށެވެ. ހަތަރު ކުންފުންޏަކުން މި މަސައްކަތް ކުރުމަށް ހުށަހެޅުންތައް ހުށަހެޅި އިރު، ތުމަޝްއަށް މަސައްކަތް ހަވާލުކުރަން ނިންމީ ސައުދީ ފަންޑުގެ ފަރާތްތަކާ އެކު ހުށަހެޅުންތައް ބެލުމަށް ފަހު ކަމަށް ސައިމަން ވިދާޅުވި އެވެ.

"ޑިޒައިނިންގް މަސައްކަތްތައް ވަރަށް އަވަހަށް މިބޭފުޅުން ކޮށްދެއްވާނެ. ކުރިޔަށް އޮތް ހަ މަސް ތެރޭގައި، މަޝްރޫއުތަކުގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ހޯދާނަން. ހޯދުމަށްފަހު އުންމީދަކީ، މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ ތެރޭގައި ބްރިޖުތަކުގެ އަމަލީ މަސައްކަތްތައް ފެށުން." ސައިމަން ވިދާޅުވި އެވެ.

comment ކޮމެންޓް