ފުރާވަރު ކުދިންގެ ޞިއްޙަތު (1): އެނގުން މުހިއްމު ކަންތައްތައް

ފުރާވަރު ކުދީންގެ ސިއްހަތަށް އަންނަ ބަދަލުތަކާ މެދު ބެލެނިވެރީން ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ---

ފުރާވަރަކީ ވަރަށް ނާޒުކު ދުވަސްވަރެކެވެ. މިއީ ކުއްޖާގެ ހެދިބޮޑުވުމުގެ ދެވަނަ މަރުހަލާގެ ދުވަސްވަރެވެ. ފުރާވަރަކީ ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، ފިކުރީގޮތުން ކުއްޖާއަށް ބަދަލުތަކެއް އަވަސް ގޮތަކަށް އަންނަ ދުވަސްވަރެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ފުރާވަރުކުދިން ނިސްބަތްކޮށްފައި ވަނީ އުމުރުން 19-10 އަހަރާއި ދެމެދު އުމުރު ފުރާގެ ކުދިންނަށެވެ. އުމުރުން 10 އަހަރާއި 19 އަހަރުގެ ތެރޭގައި ކުޑަކުދިން ފުރާވަރަށް އެޅުމާ އެކު، ހަށިގަނޑަށާއި، ވިސްނުމަށާއި ފިކުރަށް ބަދަލުތަކެއް އާދެއެވެ. އާއްމު ގޮތެއްގައި މިއުމުރު ފުރާގައި މުޖުތަމައުއިން ލިބޭ އިބުރަތްތަކާއި، އިޖުތިމާއީ ފިލާވަޅުގެ މައްޗަށް ބިނާކޮށް އާދާކާދަތައް ދަސްކުރެއެވެ. މިދުވަސްވަރު ދިމާވާ ސިއްޙީ މައްސަލަތަކަށް ފަރުވާތެރި ނުވާނަމަ، އެކުދިންގެ މުސްތަޤްބަލުގައި އެހެނިހެން ޞިއްޙީ މައްސަލަތަކާއި ދިމާވުމަކީ ވަރަށް ގާތް ކަމެކެވެ.

އާއްމުގޮތެއްގައި، ސިއްޙީގޮތުން ދިމާވާ މައްސަލަތަކަކީ ދުރާލާ ދެނެގަނެވިއްޖެނަމަ، އޭގެ ސަބަބުން ދިމާވެދާނެ އިތުރު ނުރައްކާތައް ކުޑަކޮށް ނުވަތަ އެއްކޮށްވެސް ރަނގަޅުކުރެވިދާނެ ކަންތައްތަކެވެ. އެހެންކަމުން މިއުމުރު ފުރާގައި ސިއްޙީ ގޮތުން ރަނގަޅު މަޢުލޫމާތު ދިނުމާއި، ހޭލުންތެރިކަން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ސިއްޙީ ގޮތުން ކޮންމެ ކުއްޖަކަށް ވެސް ބޭނުންވާ ޚާއްސަ ކަންތައް ދެނެގަތުމާއި، އެކަމަކަށް ރިޢާޔަތް ކުރުމަކީ ފުރާވަރުގައި ދިމާވާ މައްސަލަތައް މަދުވެ ފުރިހަމަ ޞިއްޙަތެއްގައި ދެމިތިބުމަށް މަގުފަހިވެގެން ދާނެކަމެކެވެ.

ފުރާވަރު ކުދިންގެ ޞިއްޙަތު މުހިއްމުވަނީ ކީއްވެ؟

ފުރާވަރަށް އެޅުމަކީ ކުޑަކުއްޖަކު ބޮޑުމީހަކަށް ބަދަލުވާން ފެށުން ކަމަށް ބެލެވިދާނެ އެވެ. އެދުވަސްވަރު އެކުދިންނަކީ ކުޑަކުދިންނެއް ވެސް ނޫނެވެ. އަދި ބޮޑެތި މީހުންނެއް ވެސް ނޫނެވެ. މިއީ ވަރަށް ގިނަ ކަންތައްތައް ކުދިން ދަސްކުރާ ދުވަސްވަރެކެވެ. ފުރާވަރުގެ ކުދިންގެ ޞިއްހަތާއި، އެހެނިހެން ބަދަލުތައް ބައްޓަންވަމުންދާނީ އެމީހުން ކުރާ ކަންތައްތަކާއި، އެމީހުން އުޅޭ މާހައުލުން ފެންނަ އާދަތަކެއްގެ މައްޗަށެވެ. އެގޮތުން ފުރާވަރު ކުދިން އުޅޭ މާހައުލުން ފެންނަ ކަންތައްތަކުގެ އަސަރު މިކުދިންނަށް ވަރަށް ބޮޑަށް ކުރެއެވެ. އަދި މިދުވަސްވަރު އެކުދިންގެ ކިބައިގައި ހަރުލާ ކަންތައްތަކުގެ އަސަރު މުޅި އުމުރަށް ދެމިގެން ދިއުމަކީ ވެދާނެ ގޮތެކެވެ. ފުރާވަރު ކުދިންގެ ޞިއްޙަތު މުހިއްމުވަނީ މިސަބަބުތަކަށްޓަކައެވެ. އެހެންކަމުން ފުރާވަރުގައި ކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ވަރަށް ހަރުދަނާ ވިސްނުމެއް ގެންގުޅެން ޖެހެއެވެ.

ފުރާވަރު ކުދިންނަށް ދިމާވާ މައްސަލަތަކުގައި އެހީތެރިކަން ނުހޯދާ ސަބަބުތައް

ފުރާވަރު ކުދިންނަށް ދިމާވާ މައްސަލަތަކުގައި ވަރަށް ގިނަ ފަހަރު އެހީތެރިކަމެއް ނުހޯދައި އެކުދިން ތިބޭކަން ފާހަގަ ކުރެވެއެވެ. މިގޮތަށް ދިމާވާންޖެހޭ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. ފުރާވަރުގެ ކުދިން ކަންކަމަށް ބިރުގަތުމާއި، ފަސްޖެހުމާއި، ކަންކަމާއި ކުރިމަތިލާން ޖެހިލުންވުމާއި، އެހީތެރިކަން ހޯދަންޖެހޭ ފަރާތަކީ ތިމާއާއި، އެއް ޖިންސެއްގެ މީހަކަށް ނުވުމަކީ މީގެ ތެރެއިން ބައެއް ސަބަބުތަކެވެ. ފުރާވަރު ކުދިން އެހީއަކަށް އެދި ތަނަކަށް ދިއުމުން އެކުއްޖާއާއި، މަރުހަބާ ކިޔާގޮތާއި، އެކުއްޖާއާއި ބައްދަލުވާ ހިނދު މުއާމަލާތްކުރެވޭގޮތުގެ ފެންވަރު ދަށްވުމަކީ ވެސް އެކުދިންނަށް ދިމާވާ މައްސަލަތަކުގައި އެހީތެރިކަން ނުހޯދާ ސަބަބުތަކަށް އޮންނަނީ ވެފައެވެ. އެކުދިންނަށް މިނިވަންކަމެއް ނެތްކަމަށް އިހުސާސް ކުރެވުން، އެހެން މީހުންނަށް އިތުބާރު ނުކުރެވުން، ޚިދުމަތް ހޯދަންދާ ތަންތަނުގައި ގިނައިރު މަޑުކުރަންޖެހުން، ކަންކަމާއި ގުޅޭ ގޮތުން އެކަށޭނަ މައުލޫމާތު ފުރާވަރު ކުދިންނަށް ލިބިފައިނެތުން ފަދަ ކަންތައްތަކަކީ މިސަބަބުތަކުގެ ތެރޭގައި ގުނައިލެވޭނެ ކަންކަމެވެ. ޚިދުމަތް ހޯދަން ފުރާވަރު ކުއްޖާ ދާ ތަނާއި މެދު ހިތްހަމަނުޖެހުމާއި، އަދި އެހީތެރިކަން ހޯދުމަށް އެހެނިހެން ހުރަސްތަކެއް ހުރުމަކީ ވެސް މިއުމުރު ފުރާގެ ކުދިންނަށް ދިމާވާ މައްސަލަތަކުގައި އެހީތެރިކަން ނުހޯދާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ފުރާވަރުކުދިންނާއި ރަހުމަތްތެރި ގޮތްތަކާއި، ގަޔާވާ ސިފަތަކަކީ ކޮބާ؟

ފުރާވަރަކީ ވަރަށް ނާޒުކު އުމުރުފުރާ އެކެވެ. މިއުމުރުގެ ކުދިންނާއި މުއާމަލާތް ކުރެވޭ ގޮތަކުން އެކުދިން ކަންކަމާ ފޫހިވެ، އެކަމެއް ކުރުމަށް ދެކޮޅު ހެދުން ނޫނީ ފަސްޖެހުމަކީ ވަރަށް ގާތް ކަމެކެވެ. އެހެން ކަމުން ފުރާވަރުގެ ކުދިންނާއި، ރަހުމަތްތެރި، އެކުދިން ގަޔާވާ ގޮތްތަކާއި، ސިފަތައް އެނގި ދަސްވެފައި ހުރުމަކީ ބޭނުންތެރި ކަމެކެވެ. ޚާއްޞަކޮށް ފުރާވަރުގެ ކުދިންނާއި މުއާމަލާތް ކުރުމުގައި އުޅޭ މުދައްރިސުންނާއި، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މިފަދަ މައުލޫމާތުތައް އެނގިފައި ހުރުމަކީ ނުހަނު މުހިއްމު ކަމެކެވެ.

އެގޮތުން ފުރާވަރުގެ ކުދިންނަށް މަރުހަބާ ކިޔުމުގައި ގާތް ރަހުމަތްތެރި ގޮތެއް ބެހެއްޓުމަކީ މުހިއްމު ކަމެކެވެ. އަޅާލައި އޯގާތެރި ސިފައެއް އެކުދިންނާ މުއާމަލާތްކުރާ މީހާގެ ފުށުން ފެންނަށްވާނެ އެވެ. ރަނގަޅަށް އެކުދިންނާ މުއާމަލާތް ކުރޭ ބަޔަކަށް ވާންވާނެއެވެ. ފުރާވަރުގެ ކުއްޖަކު ތަނަކުން ޚިދުމަތެއް ހޯދަންދާއިރު، އެކުއްޖާ ހުންނަ ސިފަ ފެނިފައި، އެކުއްޖާއާ މެދު މުއާމަލާތް ކުރެވޭގޮތް ތަފާތުކަން އެކުއްޖަކަށް އިހުސާސް ވެއްޖެނަމަ، އެކުއްޖަކު އެތަނަކާއި، އެބައެއްގެ މަތިން ފޫހިވެ، ހޯދަން ދިޔަ ޚިދުމަތް ވެސް ނުހޯދައި، އަނބުރައި ދިއުމަކީ ދުރުކަމެއް ނޫނެވެ.

ފުރާވަރު ކުދީންނަށް ދިމާވާ މައްސަލަތައް އެކުދީން ހިއްސާ ނުކުރަނީ ހިއްސާ ކުރެވޭ ފަރާތަށް އިތުބާރު ނުކުރެވޭތީ ---

ފުރާވަރުގެ ކުދިންނަށް ރަހުމަތްތެރި ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަހައްމިއްޔަތުކަން ދޭންޖެހޭ އަނެއް ކަމަކީ ޚިދުމަތް ދޭން ތިބޭ ފަރާތްތަކަކީ ކަމުގެ އެކަށޭނަ މައުލޫމާތާއި ހުނަރު ލިބިފައިވާ މީހަކަށް ވުމެވެ. ޚިދުމަތްދޭން ތިބޭ ފަރާތްތަކަކީ ފުރާވަރު ކުދިންގެ އިހުސާސްތައް ދެނެގަނެ، އެކުދިންގެ އިހުސާސްތައް ދޭހަވާ ބަޔަކަށްވުމަކީ ނުހަނުބޭނުންތެރި ކަމެކެވެ. މިފަދަ ފަރާތްތަކަކީ އެކުދިންނަށް ފަހި ވަގުތުތަކުގައި ބައްދަލުވާނެ ބަޔަކަށްވުން ލާޒިމެވެ. އަދި އެފަރާތްތަކަކީ ގަޑިޔަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ވާން ޖެހޭނެ އެވެ. ފުރާވަރު ކުދިން ދައްކާ ވާހަކަތައް ކަނުލައި އަޑުއެހުމާއެކު، އެކުދިންނަށް ޖަޖުކުރާ މީހަކަށް ނޫނީ ބަޔަކަށް ނުވުމަކީ ވެސް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ.

ފުރާވަރު ކުދިންނާއި ރަހުމަތްތެރި ޞިއްޙީ ޚިދުމަތްދޭ ތަނެއްގައި ހުންނަންޖެހޭ މުހިއްމު ސިފަތައް

ވަރަށް ގިނަ ފަހަރު ފުރާވަރު ކުދިން ޞިއްޙީ ޚިދުމަތް ހޯދުމަށް ފަސްޖެހެނީ އެކުދިންނާ މެދު މީހުން ދެކޭގޮތް ތަފާތުވެދާނެތީ އެވެ. އެކުދިންގެ އިހުސާސްތަކާއި ދޭހަތައް ނަގައިގަންނަށް ޞިއްޙީ ޚިދުމަތް ދޭން ތިބޭ ބަޔަކަށް ނޭނގިދާނެ ކަމަށް ހީވާތީ އެވެ. ޞިއްޙީ ޚިދުމަތޭ ދޭ ފަރާތޭ ބުނުމުން މާނަކުރެވެނީ އަމަލީ ގޮތުން އެކަމުގައި ޝާމިލްވާ ޑޮކްޓަރުންނާއި ނަރުހުން އެކަންޏެއް ނޫނެވެ. ލެބޯޓްރީ ގައި މަސައްކަތްކުރާ ފަރާތްތަކާއި، އިދާރީ ބައިގައި މަސައްކަތްކުރާ ފަރާތްތަކާއި، އަދި ހޮސްޕިޓަލެއްގެ މޫނުމަތީ ޖަގަހައިގައި ތިބޭ ފަރާތްތައް ވެސް މީގައި ޝާމިލްވެގެން ދެއެވެ. އެހެންކަމުން ޞިއްޙީ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ހަމަ ކޮންމެ މީހަކީ ވެސް ފުރާވަރު ކުދިންނާއި، މުއާމަލާތްކުރަން އެނގޭ، އެންމެ ކުޑަމިނުން އެކަމުގެ އަސާސީ ހުނަރު އެނގިފައި ހުރި މީހަކަށްވުމަކީ މުހިއްމު ކަމެކެވެ.

ފުރާވަރު ކުދީންނަށް ފަރުވާދޭ ސިއްހީ މަރުކަޒުތައް އެކުދީންނާ ރަހުމަތްތެރި މާހައުލަކަށް ވާން ޖެހޭ ---

ފުރާވަރު ކުދިންނަށް ޚިދުމަތްދޭ ތަނެއްގައި އެންމެ ފުރަތަމަ ރަނގަޅުވާންޖެހޭނީ އެތަނެއްގެ މޫނުމަތި ނުވަތަ ރިސެޕްޝަން އެވެ. އެހެނީ ފުރާވަރު ކުއްޖަކު ޚިދުމަތް ލިބިގަންނަށް ތަނަކަށްދާއިރު، އެތަނެއްގެ މޫނުމަތިން އެކުއްޖާ އަށް މަރުހަބާ ކިޔާގޮތާއި، މުއާމަލާތްކުރާ ގޮތް ތަފާތު ވެގެންދާ ހިނދަކީ އެކުއްޖަކު އެމުޅި ތަނެއްދެކެ ފޫހިވެ، ދެވަނަ ފަހަރު އެތަނަކަށް ނޫނީ އެމަރުކަޒަށް ނުދިއުމަށްް ނޫނީ އެތަނަކާމެދު ހިތާ ހިތުން ގޮތް ނިންމާނެ ވަގުތެވެ. އެހެންކަމުން ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ރިސެޕްޝަނަކީ ފުރާވަރު ކުދިންނާއި ރައްޓަހި ގޮތެއްގައި ޚިދުމަތްދޭ، ގަޔާވާ ސިފައެއްގައި މުއާމަލާތްކުރާ މުއައްޒަފުންތަކެއް ތިބޭ ތަނަކަށް ވާންޖެހެއެވެ.

ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބެންހުރުމާއި، ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ރަނގަޅަށް ތަމްރީނުވެފައިވާ، ކަމުގެ ހުނަރު ހުރި މީހުން ތިބުމަކީ ވެސް ފުރާވަރު ކުދިންނަށް ޚިދުމަތްދޭ ތަނެއްގައި ހުންނަންޖެހޭނެ ސިފަތަކެކެވެ. ފުރާވަރު ކުދިން ޚިދުމަތް ހޯދަންދާ ތަނަކީ އެތަނަކުން އެކުދިންނަށް ހިމާޔަތާއި، ރައްކާތެރިކަން ލިބެންޖެހޭ ތަނަކަށް ވާންޖެހެއެވެ. އެކުދިންނަށް ބޭނުންވާ މިނިވަންކަން އެތަނެއްގައި އޮތުމާއި، އެކުދިންނަށް ފަސޭހަ ބިނާކުރަނިވި މާހައުލެއް ގާއިމު ކުރެވިފައި އޮތުމަކީ ވެސް ބޭނުންތެރިކަމެކެވެ.

ފުރާވަރު ކުދިންގެ އާބާދީ އަކީ އިތުރުވަމުން އަންނަ އާބާދީއަކަށް ވުމާއެކު، ފުރާވަރު ކުދިންގެ ޞިއްޙަތާމެދު މައިންބަފައިންނާއި، ބެލެނެވެރިން އިތުރު ސަމާލުކަމެއްދީ، އެކުދިންގެ އަމަލުތައް ތަންކޮޅެއް ކައިރިން ބަލަމުން ގެންދިއުމަކީ އެކުދިންގެ މުސްތަގުބަލު އުޖާލާކޮށް، އެކުދިންނަށް ފާގަތި ދިރިއުޅުމެއް ހޯދައި ދިނުމަށްޓަކައި ކޮންމެ މަޔަކާއި، ބަފަޔަކަށް، އަދި ކޮންމެ ބެލެނެވެރިއަކަށް ނޫނީ ބަލަދުވެރިއަކަށް ކުރެވިދާނެ ރަނގަޅު ކަމެކެވެ.

comment ކޮމެންޓް