2016: އަވަސްކަޅިއަކުން މެދުއިރުމަތި

ސޫރިޔާ ހަނގުރާމައިގައި އެގައުމުގެ ސިފައިންނާއި ހަނގުރާމަވެރީންގެ މެދުގައި ބަދަލުކުރެވުނު ހަމަލާތަކެއްގައި ވީރާނާވެފައިވާ ސަރަހައްދެއް. ފޮޓޯ: ޓެލެގްރާފް

ނިމި ދިޔަ 2016 ވަނަ އަހަރަކީ މެދުއިރުމަތީގައި ޚަލަލްތައް ގިނަ އަހަރެކެވެ. ހަނގުރާމަތަކާއި، ނާކާމިޔާބު ބަޣާވާތާއި، ތެލުގެ އަގުތަކަށް އައި ބަދަލުތައް ފަދަ އެތައް ކަމެއް މެދުއިރުމަތީގެ މަސްރަހުން ފެނިގެން ދިޔަ އިރު، ބައިނަލްއަގުވާމީ ގުޅުންތަކަށް މީގެ ސަބަބުން ގުޑުންތަކެއް ވަނީ އަރައިފައެވެ. ކުރު ގޮތަކަށް، މެދުއިރުމަތީގެ ހާލަތު މި އަހަރުގެ ތެރޭގައި ފުރޮޅެމުން ދިޔަ ގޮތަށް ބަލައިލާނަމެވެ.

ސީރިޔާ

ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއްގެ މައިދާނަކަށް ސީރިޔާ ވެފައި ވާ އިރު، 2016 ވަނަ އަހަރުގެ ތެރޭގައި ސީރިޔާގެ މައްސަލައިގެ މިސްރާބު ބަދަލު ކޮށްލި މައިގަނޑު ދެ ކަމެއް ހިނގިއެވެ.

އޭގެ ތެރެއިން ފުރަތަމަ ކަމަކީ، ރޫސީންގެ ވައިގެ ލަޝްކަރުތަކާ އެކު، އީރާނުގެ ތާއީދާއި މަދަދު ލިބޭ ޝީޢީ ހަނގުރާމަވެރީން ވެސް ސީރިޔާގެ ހަނގުރާމައިގައި ބައިވެރި ވުމެވެ. ވެއަތު ވެދިޔަ ފަސް މަހެއްގައި ދުވަހުގެ ތެރޭގައި، މި އިއްތިހާދުގެ ނަތީޖާ ފެނިގެން ދިޔައީ ވަރަށް ވަރުގަދަކޮށެވެ. ސީރިޔާގެ ހަނގުރާމައިގެ އެންމެ ގަރަމުކަން ބޮޑު އެއް ސަރަހައްދު ކަމަށް ވާ ޙަލަބުގައި، އައިސިސް ނުވަތަ ދާޢިޝް ބަލި ވީ މި އިއްތިހާދުގެ ހަމަލާތަކުގެ ސަބަބުންނެވެ. ސީރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށް ވާގިވެރި ވާ ރޫސީންނާ އެކު، އީރާނުގެ މަދަދު ލިބޭ ޝީޢީ ހަނގުރާމަވެރީން ދެ ފަހަރެއްގެ މަތީން ޙަލަބު ހިސާރު ކުރިއެވެ. ޙަލަބުން އައިސިސްގެ ފައުޖުތައް ފައްސައިލުމުގައި އެމީހުންނަށް ކާމިޔާބު ލިބުނީ މީގެ ތެރެއިން ދެވަނަ ފަހަރުއެވެ.

ސީރިއާގެ ސިވިލް ޑިފެންސްގެ ވައިޓްހެލްމެޓް ފޯސް ހަލަބުގެ ޖަބްއަލް ޤުބާ އަވަށުގައި ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ ހަށިތައް އެއްކުރަނީ -- ފޮޓޯ: އޭޕީ

ދެވަނަ ކަމަކީ ޙަލަބުގެ އުތުރު ރަށްބޭރުގެ ސަރަހައްދުތަކުގައި، ތުރުކީގެ އެހީތެރިކަން ލިބޭ ހަނގުރާމަވެރީންގެ ލަޝްކަރުތަކުން، އައިސިސް އާއި ކުރުދީ ހަނގުރާމަވެރީންގެ އަތްދަށުގައި އޮތް ބިންތަކުގެ ތެރެއިން 1800 އަކަކިލޯމީޓަރުގެ ސަރަހައްދު އެމީހުންގެ ބާރުގެ ދަށަށް ގެނައި ގެނައުމެވެ. މި މައިދާނަށް ތުރުކީ ފެއިބުމުގެ އެއް މަގުސަދަކީ، ތުރުކީގެ ތެރޭގައި ވެސް ހަމަނުޖެހުން އުފައްދަމުން ގެންދާ ކުރުދީންގެ ބާރު ސީރިޔާގައި ގަދަ ވިޔަނުދިނުމެވެ. ތުރުކީގެ ތެރޭގައި ވެސް ނިރުބަވެރި ހަމަލާތައް ދެމުން ގެންދާ އައިސިސް ބަލި ކޮށްލުމަކީ ވެސް ތުރުކީގެ އަމާޒެކެވެ.

ޖުމުލަކޮށް ބަލާ އިރު، ސީރިޔާގެ މައިދާނުގައި މަތީއަތް އޮތީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ކަމަށް ބުނެވިދާނެއެވެ. ނަމަވެސް އައިސިސް ބަލި ކޮށްލެވުން އޮތީ އެހައި ގާތުގައި ނޫން ކަމަށް ވެސް ބައެއް މުހައްލިލުން ދެކެއެވެ. ޚުލާސާކޮށް ބުނާ ނަމަ، އައިސިސްގެ އަތުން ގެއްލުނު ބިންތަކުގެ ބޮޑު ބައެއް ދިޔައީ ބައްޝާރުގެ ލަޝްކަރުތަކުގެ ބާރުގެ ދަށަކަށް ނޫނެވެ. އޭގެ ބޮޑު ބައެއް ދިޔައީ، އެމެރިކާގެ މަދަދު ލިބޭ ކުރުދީ ހަނގުރާމަވެރީންގެ އަތްމައްޗަށެވެ. އިރުމަތީ ޙަލަބާއި، ލަތާކިޔާގެ ބައެއް އައިސިސްގެ އަތުން ގެއްލުނު ނަމަވެސް، ހާމާ ފަރުވިންސުގައި، އައިސިސް ވަނީ އިތުރު ސަރަހައްދުތަކެއް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައި ކަން ވެސް ފާހަގަ ކުރާން ޖެހެއެވެ.

ސިޔާސީ މަންސަޔަށް ބަލާ އިރު، ސީރިޔާގެ ކުރިމަގާ މެދު ތުރުކީ އާއި އީރާނާއި ރޫސީންގެ މުހާވަރާ އާއި ގުޅުންތައް 2016 ވަނަ އަހަރުގެ ފަހުކޮޅަށް ދިޔަ އިރު ވަނީ އިތުރު ވެ، އިހުނަށް ވުރެ ވަރުގަދަ ވެފައެވެ. މި ގުޅުންތަކުގެ މުސްތަގުބަލާ މެދު އެއްޗެއް ބުނަން އަދި މާ އަވަހެވެ.

ސީރިއާގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ރައްޔިތުން ސަލާމަތީ ހިސާބުތަކަށް ހިޖްރަކުރަނީ -- ފޮޓޯ: އޭޕީ

ދެން އޮތީ މި ބޮޑު ލޭއޮހޮރުވުމުގެ ސިލްސިލާގެ އެންމެ އަނދިރި ފަރާތެވެ. އެއީ، ސިޔާސީ ބާރާއި ވެރިކަމުގެ ޖާހާއި މަޒްހަބީ އަމާޒުތަކަށް ޓަކައި ބަޔަކު ކުރަމުން ގެންދާ ހަނގުރާމައެއްގެ ސަބަބުން، ސީރިޔާގެ ނިކަމެތި ރައްޔިތުންނަށް ލިބެމުން ދާ ހިތްތައް ހަލާކު ކޮށްލަނިވި އަނިޔާ އާއި ހިތްދަތިކަމުގެ ވާހަކައެވެ. 17 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސީރިޔާ އަކީ 87 އިންސައްތަ މުސްލިމް ގައުމެކެވެ. އޭގެ ތެރެއިން 74 އިންސައްތަ އަކީ ސުންނީންނެވެ. ޝީޢީންގެ ނިސްބަތަކީ އެންމެ 13 އިންސައްތައެވެ. ސީރިޔާގެ އާބާދީގެ 10 އިންސައްތަ އަކީ ނަޞާރާއިންނެވެ.

ސީރިޔާގެ މައްސަލައިގެ އެއް އަސްލަކީ، ސުންނީ ގައުމެއްގައި، ޝީޢީންގެ ޚުދުމުޚުތާރު ވެރިކަމެއް އޮތުމެވެ. ޢަރަބި ބަހާރުގެ ތެރޭގައި، އަސަދު ޢާއިލާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ނުކުތް ސަބަބަކީ މިއެވެ. ނަމަވެސް އަސަދު ޢާއިލާގެ ވެރިކަން އޮތީ މިފަދަ ދުވަހެއް އަތުވެދާނެ ކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެން ކަމަށް ވާތީ، ރައްޔިތުންނަކަށް އަސަދުގެ ސަރުކާރު ވައްޓައެއްނުލެވުނެވެ. އޭގެ ބަދަލުގައި، ފެނިގެން ދިޔައީ ލެއިން ފެންކުޅި ކުޅެގެން ވިޔަސް، ވެރިކަން ދަމަހައްޓާން ބައްޝާރުލް އަސަދު އަޒުމު ކަނޑައަޅުއްވައިގެން ހުންނެވި މަންޒަރެވެ. ހަމައެއާއެކު، އިސްރާއީލާއި ބިލްޑަރބާރގުގެ ސިއްރު މަދަދާއި އެހީތެރިކަމާ އެކު، އިސްލާމީ ލަޝްކަރެއް ކަމުގައި އަމިއްލަޔަށް ދޮގު ދައުވާއެއް ކުރަމުން، އައިނައި ތަނެއް ވެސް ނޭނގި މެދުއިރުމައްޗަށް ވަދެގަތް އައިއެސްގެ ލަޝްކަރުތައް ސީރިޔާއަށް ވަނުމުން، ދެން ފެނުނީ އަނިޔާވެރިކަމާއި ނުބައިކަމުގައި އެއްފަދަ ދެ ބާރުގެ ދެމެދުގައި، ސީރިޔާގެ ނިކަމެތި ރައްޔިތުން ހަނާ ވާން ފެށި ތަނެވެ. ހަނގުރާމައިގައި ދެ ފަރާތުން ވެސް ވަނީ ސެރިން ގޭސް ފަދަ ކެމިކަލް ހަތިޔާރާއި، ކަލަސްޓަރު ބޮމާއި، ތާރމޯބެރިކް ބޮމާއި ރޮކެޓު ފަދަ ފަނާ ކުރަނިވި، މަނާ ހަތިޔާރު އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް، އަދި ރައްޔިތުންގެ އާބާދީތަކާ ދެކޮޅަށް ބޭނުން ކޮށްފައެވެ.

ހަލަބުގެ ކުޑަ ކުދިންތަކެއް ސަލާމަތީ ކޭމްޕެއްގައި --- ފޮޓޯ: އޭޕީ

2016 ވަނަ އަހަރުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ދެ ފަރާތުގެ ހަމަލާތަކުގެ ތެރޭގައި މަރައިލެވިފައެވެ. އެގޮތުން، 12755 ވަރަކަށް މަދަނީން މަރު ވެފައި ވާ އިރު، ސީރިޔާގެ ސަރުކާރުގެ ސިފައިންނާއި އެމީހުންގެ އެހީތެރީންގެ 13176 މީހުން މަރު ވެ، އިދިކޮޅު ލަޝްކަރުތަކާއި ޖަމާއަތްތަކަށް ނިސްބަތް ވާ 19604 ހަނގުރާމަ ވެރީން ވެސް މަރު ވެފައި ވެއެވެ. އެތައް ލައްކަ ގެދޮރެއް ހަލާކު ވެ ސުންނާފަތި ވެފައި ވާ އިރު، ސީރިޔާގެ ރައްޔިތުންގެ ތެރެއިން 4.8 މިލިއަން މީހުން މިހާރު ތިބީ ރެފިޔުޖީންގެ ގޮތުގައި ތުރުކީ އާއި ލުބްނާނާއި އުރްދުނާއި މިޞްރާއި ޢިރާޤު ފަދަ ޤައުމުތަކަށް ގޮހެވެ. މީގެ އިތުރުން، އަމިއްލަ ގައުމުން ބޭރު ނުވެވި، ގެދޮރު ގެއްލި ބިކަ ވެފައި 6.6 މިލިއަން ރައްޔިތުން އެބަތިއްބެވެ. އެހެންކަމުން، ސީރިޔާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް މިހާރު ތިބީ މި މަކުރޫހަ ހަނގުރާމައިގެ ޝިކާރަޔަށް ވެ، ދިރިއުޅުން ބަރުބާދު ވެފައެވެ.

ފަލަސްޠީން

1870 ގެ އަހަރުތަކުގެ ތެރެއިން ފެށިގެން، އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ "ސެޓްލަރ ކޮލޯނިއަލިޒަމް" އާއި "ގޭންގް ޓެރަރިޒަމް" އާއި "ސްޓޭޓް ޓެރަރިޒަމް" ގެ ސިލްސިލާއަށް މި އަހަރު ވެސް ވަނީ ބޮޅުތައް އިތުރު ވެފައެވެ. އިސްރާއީލީ ޒައިނިސްޓުންގެ އިސްތިއުމާރާއި، "އެޕަރތައިޑް އޮޕްރެޝަން" އާއި "ސްޓޭޓް ޓެރަރިޒަމް" ގެ އަނިޔާތަކަށް އެންމެ ފަހުން ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ދޭން ފެށި ރައްދަކީ "ވަޅީގެ އިންތިފާޟާ" ގެ ނަމުން ސިފަ ކުރެވުނު ހަމަލާތަކެކެވެ. އިސްރާއީލުން ފަލަސްޠީނުގެ އާއްމު ރައްޔިތުންނާ ދެކޮޅަށް ދިން ހަމަލާތަކުގައި، ކުޑަކުދީން ވެސް ހިމެނޭ ގޮތުން، 2016 ވަނަ އަހަރުގެ ތެރޭގައި 200 ވަރަކަށް މީހުން މަރައިލައިފައި ވެއެވެ. އަނެއްކޮޅުން، ފަލަސްޠީނުގެ ޒުވާނުން، ޒައިނިސްޓް އަނިޔާގެ ބަދަލު ހިފުމަށް ޓަކައި ހިންގި ހަރަކާތްތަކުގައި، ޒައިނިސްޓް އިސްތިއުމާރީ ވަޒަންވެރީންގެ 20 ވަރަކަށް މީހުން ވެސް މި އަހަރުގެ ތެރޭގައި މަރު ވެފައި ވެއެވެ.

ހުޅަނގު އައްސޭރީގެ ޗެކްޕޮއިންޓެއް ހުރަސް ކުރަން އުޅެނިކޮށް، އިސްރާއީލުގެ ފުލުހުން ހަޝްލަމޫންއާ ސުވާލު ކުރަނީ-

ނަމަވެސް، މި އަހަރުގެ ތެރޭގައި ފަލަސްޠީނުގެ މައްސަލަޔާ ގުޅިގެން ހިނގައިދިޔަ އެންމެ މުހިއްމު ކަމަކީ، އަލިފުދާލުގެ ސަލާމަތީ މަޖިލިހުގެ 2334 ވަނަ ޤަރާރު ފާސް ކުރުމެވެ. މި ޤަރާރު އެންމެ ފުރަތަމަ ސަލާމަތީ މަޖިލިހަށް ހުށަހެޅީ މިޞުރުންނެވެ. ނަމަވެސް، އެމެރިކާގެ ރައީސެ އިންތިޚާބު ޑޮނާލްޑް ޓްރަމްޕާއި އިސްރާއީލުގެ ޕްރެޝަރުގެ ކުރިމަތީގައި ދީލާލައި، މިޞުރުން ޤަރާރު އަނބުރައި ގެންދިޔައެވެ. ދެން އެ ޤަރާރު ސަލާމަތީ މަޖިލިހަށް ހުށަހެޅީ މެލޭޝިޔާ އާއި، ނިއު ޒިލޭންޑާއި، ސެނެގޯލާއި، ވެނެޒުއެލާ ގުޅިގެންނެވެ. ސަލާމަތީ މަޖިލިހުގެ ނަންބަރު 2334 ޤަރާރަކީ، ފަހަކަށް އައިސް އިސްރާއީލުގެ އަނިޔާވެރި، ޣައިރުޤާނޫނީ، "ސެޓްލަރ ކޮލޯނިއަލް" ދައުލަތާ ދެކޮޅަށް އަލިފުދާލުން ފާސް ކުރެވުނު އެންމެ މުހިއްމު އެއް ޤަރާރެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ގަދަ ބާރުން ފޭރިގެން، ނުވަތަ މަކަރު ޙީލަތުން ޓަކައިގެން އުފައްދައިފައި ވާ އިސްރާއީލުގެ ދައުލަތުން 1948 ގެ ހަނގުރާމައިގައި، 1947 ގެ އަލިފުދާލުގެ "ޕާރޓިޝަން ޕްލޭން" ގެ ދަށުން ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް ޓަކައި ކަނޑައެޅި ސަރަޙައްދަށް އަރައިގަނެ، އެ ސަރަޙައްދުގެ އެކި ހިސާބުތަކުން 400 އަވަށެއް ފުނޑުފުނޑު ކޮށް، އެ އަވަށްތަކުން 750000 އަށް ވުރެ ގިނަ ފަލަސްޠީނީން ބޭރު ކޮށް ހާލުގައި ޖެއްސިއެވެ. އެ ހުރިހާ ތަނެއް ވެސް މިހާރު ވަނީ އިސްރާއީލުގެ ޒައިނިސްޓް، އިސްތިއުމާރީ ވަޒަންވެރީންގެ ޝަހަރުތަކާއި އަވަށްތަކަށް ބަދަލު ކޮށްފައެވެ. އޭގެ ފަހުން، 1967 ވަނަ އަހަރުގެ ހަނގުރާމައިގައި، އިސްރާއީލުން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ޚާއްޞަ ކުރެވުނު ބިމުގެ ބާކީ ތަންކޮޅު ވެސް އަތުލައިގެންފައެވެ. އަދި މިއަދާ ހަމަޔަށް ވެސް އިސްރާއީލުން ގެންދަނީ، ބައިނަލްއަޤްވާމީ އެންމެހައި ޤާނޫނުތަކާ ޚިލާފަށް، އެ ތަންތަނުގައި ޒައިނިސްޓް އަވަށްތައް ބިނާ ކޮށް، އާބާދު ކުރަމުންނެވެ. މިގޮތަށް އިސްރާއީލުން އަމަލު ކުރުމުގެ ނަތީޖާއަކީ، ފަލަސްޠީނުގެ ދައުލަތަކަށް ޓަކައި، އަލިފުދާލުގެ ޕްލޭނުން ކަނޑައަޅައިފައި އޮތް ބިންކޮޅު، އިސްރާއީލުގެ އާބާދީތަކަކަށް ވެ، ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމުގެ އަމަލީ އިހުތިމާލު ކުޑަ ވަމުން ނެތެމުން ގޮސް، އެއީ އަމަލީ ނުކުރެވޭނެ ހުވަފެނަކަށް ވުމެވެ. އިސްރާއީލުން މި ޖަރީމާ ހިންގަނީ، މުޅި ފަލަސްޠީނު އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް "އެރެޓްޒް ޔިޒްރައިލް" ނުވަތަ "ބޮޑު އިސްރާއީލު" އުފެއްދުމުގެ ޕްލޭނާ އެއްގޮތަށެވެ.

ގަދަބާރުން އިސްރާއީލުގެ އަތްދަށަށް ގެންގޮސްފައި ހުރި ފަލަސްޠީނުގެ ބިންތަކުގައި، ޔަހޫދީ އާބާދީތައް ނުހެދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢާއި އަލިފުދާލުން ފެށުނީއްސުރެ އިސްރާއީލަށް ގޮވައިލަމުން ގެންދެއެވެ. ނަމަވެސް މި ގޮވައިލުމަށް އިސްރާއީލުން އަބަދުވެސް ދެނީ ބީރު ކަންފަތެވެ. ސަލާމަތީ މަޖިލިހުން، މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ފާސް ކުރި ޤަރާރަކީ އިސްރާއީލާ ދެކޮޅަށް މި މައްސަލަޔާ ގުޅިގެން، ފަހަކަށް އައިސް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެޅި އެންމެ މުހިއްމު އެއް ފިޔަވަޅެވެ.

ފަލަސްތީނު މީހަކު އިސްރާއީލުގެ ސަލާމަތީ ފައުޖަކާ ދިމާއަށް ގާއުކަނީ -- އޭޕީ ފޮޓޯ: އަލް އަރަބިއާ

އަލިފުދާލުގެ ސަލާމަތީ މަޖިލިހުގެ 15 މެންބަރުންގެ ތެރެއިން 14 މެންބަރުން ވޯޓު ދީގެން، ނަންބަރު 2334 ޤަރާރު ފާސް ކުރެވުނު އިރު، އެމެރިކާއިން މި ޤަރާރު ވީޓޯ ނުކޮށް، ވަކި ކޮޅަކަށް ވޯޓު ނުދީ، ޤަރާރު ފާސް ވާން ދޫކޮށްލި ދޫކޮށްލުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ސަބަބެކެވެ. އެންމެ ކުރީއްސުރެ ވެސް، އިސްރާއީލުގެ އިސްތިއުމާރާއި އަނިޔާވެރިކަން ދިފާއު ކޮށްދެމުން، އިސްރާއީލާ ދެކޮޅަށް ސަލާމަތީ މަޖިލިހުން ފިޔަވަޅެއް އަޅާން އުޅޭ ކޮންމެ ފަހަރަކު، ވީޓޯގެ ބާރުގެ ބޭނުން ކޮށްގެން އިސްރާއީލު ސަލާމަތް ކޮށްދެމުން އަންނަ އެމެރިކާގެ ސިޔާސަތު މި ފަހަރު ފެނިގެން ދިޔައީ ވަރަށް ބޮޑު ބަދަލެއްގެ ގޮތުގައެވެ. މިހެން ވެފައި ވަނީ، ރައީސް ބަރަކް އޮބާމާގެ ދެ ދައުރު ހަމަ ވެ، އިސްރާއީލާ ދެކޮޅަށް ވޯޓު ދީގެން، އޭނާގެ ސަރުކާރަށް ލިބޭނެ ސިޔާސީ ގެއްލުމެއް ނެތަތީ ކަމަށް ވެސް ވެދާނެއެވެ.

ކޮންމެއަކަސް، ހަމަ ބުއްދީން ވިސްނާ މީހުންނަށް އެއްގޮތަކަށް ވެސް ފަހުމު ނުވާ ޒާތުގެ "ލޮޖިކެއް" ގެންގުޅޭ، އިސްތިއުމާރީ ޒައިނިސްޓް އިސްރާއީލުން ވަނީ ނަންބަރު 2334 ޤަރާރު ފާސް ކުރުމާ ގުޅިގެން، ރުޅި ދެއްކުމުގެ "ޝޯއެއް" ތަމްސީލު ކޮށްފައެވެ. އެގޮތުން، ޤަރާރު ސްޕޮންސަރ ކުރި އެއް ޤައުމު ކަމަށް ވާ ނިއު ޒިލޭންޑުގައި ހުންނަވާ އިސްރާއީލުގެ ސަފީރު އަނބުރައި ގެންގޮސް، ނިއު ޒިލޭންޑުގެ އަމަލަކީ އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމެއް ކަމަށް، ޒައިނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވިއެވެ. ހަމައެހެންމެ، ނަތަންޔާހޫ އާއި އިސްރާއީލުގެ އިސް ބޭފުޅުން އޮބާމާގެ ސަރުކާރާ ދެކޮޅަށް ވަރަށް ހުތުރު ބަހުން ފާޑު ވިދާޅުވެފައެވެ.

ނަންބަރު 2334 ޤަރާރު ވީޓޯ ނުކުރުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުން ދިފާއު ކުރައްވައި، މުހިއްމު ތަގުރީރެއް 28 ޑިސެންބަރުގައި، އޮބާމާ ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ދެއްވުމުން، އެ ތަގުރީރާ ދެކޮޅަށް ވެސް އިސްރާއީލު ވަނީ އުތުރިއަރައިގެންފައެވެ. ފަލަސްޠީނުގެ ބިމުގައި ސުލްހަ ގާއިމު ކުރެވޭނީ، ފަލަސްޠީނުގެ ދައުލަތެއް ވެސް ގާއިމު ކުރެވިގެން ކަމަށާއި، އެ ދައުލަތް އުފައްދާން ޖެހޭ ބިމުގައި އިސްރާއީލުގެ އާބާދީތައް ހެދުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށާއި، ގުދުސް ދެބައި ކޮށް، ދެ ދައުލަތުގެ ވެރިރަށް ވެސް ގުދުސްގައި ގާއިމު ކުރާން ޖެހޭ ކަމަށް ކެރީ ވިދާޅުވިއެވެ. ޖަވާބުގައި އިސްރާއީލުގެ ސަގާފަތާ ބެހޭ މިނިސްޓަރ މީރީ ރެގެވް ވިދާޅުވީ، "އެމެރިކާ އަކީ އެއް އިރެއްގައި ވެސް އަހަރެމެންގެ އެކުވެރީންނެއް ނޫން" ކަމަށެވެ. "އޮބާމާ އަކީ ތާރީޚު، އަހަރެމެންނާ އެކުގައި ޓްރަމްޕް އެބަ ހުންނެވި" ކަމަށާއި، "ޖެރޫސަލަމް ދެބައި ނުކޮށް ވޮޝިންގޓަން ދެބައި ކޮށްލާ" ފަދަ އިބާރާތްތަކުން ވެސް ރެގެވް ވަނީ އެމެރިކާ ސަރުކާރަށް ބަހުގެ ހަމަލަ ދެއްވައިފައެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ތެރީސާ މެއި ވެސް ޖޯން ކެރީގެ ތަގުރީރަށް ފާޑު ވިދާޅުވި އިރު، އެމެރިކާގެ ރައީސެ އިންތިޚާބް ޑޮނަލްޑް ޓްރަމްޕް ޓްވީޓް ކުރައްވައި ވިދާޅުވެފައި ވަނީ "ތިވަރުން ފުދިއްޖެ. ހުރިހާ ކަމެއް ނިމިދިނުމުގެ ފެށުމަކީ އިރާނާ އެކު ވީ ނުބައި އެއްބަސްވުން. އެއަށްފަހު ދެން މި ފެނުނީ މި (ސަލާމަތީ މަޖިލިހުގެ ނަންބަރު 2334 ޤަރާރު). ހިތްވަރާއި އަޒުމާ އެކު ކެތްތެރި ވޭ އިސްރާއީލް! 20 ޖަނަވަރީ އަންނާކަށް ދެން މާކަ ގިނަ ދުވަހެއް ނެތް." މިހެންނެވެ.

މި ކަންކަމަށް ފަހު، 2017 ފެންނަނީ ފަލަސްޠީނުގެ މަސްރަޙުގައި ބޮޑެތި ކަންތައްތަކެއް ހިނގައިގެން ދާނެ އަހަރެއްގެ ގޮތުގައެވެ.

ސުޢޫދީ އާއި ޔަމަން

ގަލްފުގެ ގައުމުތަކަށް 2016 ވަނަ އަހަރު މުހިއްމު ބައެއް ބަދަލުތައް ގުޅިފައި ވަނީ އިގުތިސާދާއެވެ. ޖަނަވަރީ މަހުގެ ތެރޭގައި ތެލުގެ އަގު ވެއްޓިގެން ދިޔަ ދިޔައިނުން، ތެޔޮ ފީފާއެއްގެ އަގު 27 ޑޮލަރަށް ދިޔައެވެ. މިއީ ވެއަތުވެދިޔަ އެތައް ދަހައެއްގެ ރެކޯޑުތަކަށް ބަލާ އިރު ވެސް، ތެލުގެ އަގު އެންމެ ބޮޑަށް ވެއްޓުނު ފަހަރެވެ. ނަތީޖާއެއްގެ ގޮތުން، ގަލްފުގެ ގައުމުތަކުގެ އިގުތިސާދީ ހާލަތާ މެދު، މީގެ ކުރީން އެ ގައުމުތަކުގައި ނެތް ހާސްކަމާއި ކަންބޮޑުވުން އުފެދިގެން ދިޔައެވެ. ސުޢޫދީ ޢަރަބިއްޔާ ފަދަ ގައުމުތަކުގައި، ބިޔަ މަޝްރޫޢުތައް ހުއްޓައިލެވި، ބިންލާދިން ގްރޫޕް ފަދަ ބޮޑެތި ކުންފުނިތައް އުނދަގޫ ފައްތަރަކަށް ވެއްޓުނެވެ. ބިދޭސީ މަސައްކަތުމީހުންގެ އެތައް ހާސް ބަޔަކަށް މުސާރަ ނުދެވި އެތައް މަހެއް ހޭދަ ވާ މިންވަރަށް، މިފަދަ އެތައް ކުންފުންޏެއްގެ މާލީ ހާލަތު ދަށް ވިއެވެ.

ޤަޠަރާއި ޔޫއޭއީ ފަދަ ޤައުމުތަކަށް ތެލުގެ އަގު ވެއްޓުމުގެ އަސަރު ކުރި މިންވަރު ކުޑަޔަސް، ސަޢޫދީ އަށް މަޖުބޫރު ވީ އިގުތިސާދީ އިސްލާހުތަކެއްގެ ބޮޑު ޕްލޭނެއް އެކުލަވައިލުމަށެވެ. ތެލަށް ބަރޯސާ ވުން ކުޑަކޮށް، އިންވެސްޓްމަންޓާއި، ސިނާއަތާއި، އަމިއްލަ ފުދުންތެރިކަމާ އެކު ހިނގާ އިގުތިސާދެއް ސުޢޫދީގައި ބިނާ ކުރުމަށް ޓަކައި އެކުލަވައިލެވުނު ޕްލޭނުގެ މޭސްތިރިއަކީ، ސަލްމާން ރަސްގެފާނުގެ ދަރިކަލުން، އަދި ސުޢޫދީގެ ދެވަނަ ބޮޑުވަޒީރު އަދި ދިފާޢީ ވަޒީރު މުޙައްމަދު ބިން ސަލްމާނެވެ.

ސުޢޫދީގެ ވާހަކަ ދައްކާ އިރު، ސީރިޔާގެ މައްސަލައިގައި ސުޢޫދީގެ ސިޔާސަތާއި، ޔަމަނުގެ މައްސަލައިގެ މައްޗަށް ވެސް އަލި އަޅުވައިލުން މުހިއްމެވެ. ސުޢޫދީގެ ތާއީދާއި އެހީތެރިކަން އޮތީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓައިލުމަށް މަސައްކަތް ކުރާ ފަރާތްތަކަށެވެ. ނަމަވެސް އަސަދުގެ ސަރުކާރު ވެއްޓުމުގެ ބަދަލުގައި، އެ ސަރުކާރުގެ މަގާމު ވަރުގަދަ ވެ، ރޫސީންނާއި އީރާނުގެ އިތުރުން، ތުރުކީ ވެސް އަސަދާ އެކުގައި މަސައްކަތް ކުރުމަށް ނިންމުމާ ގުޅިގެން، ސަރަޙައްދުގައި ސުޢޫދީގެ ބަސް ބަލިކަށި ވަމުން ދާކަމަށް ބުނާން ޖެހެއެވެ. މިކަމާ ގުޅިގެން، ސުޢޫދީގެ ސިޔާސަތުތައް ރޭވިގެން އަންނާނީ ކޮން ގޮތަކަށް ތޯ، މިއީ 2017 ވަނަ އަހަރު މެދުއިރުމަތީގެ މަސްރަޙުން ޖަވާބު ހޯދާން ޖެހޭ މުހިއްމު ސުވާލެކެވެ.

ޔަމަން ---

ޔަމަނުގެ ހަމަނުޖެހުންތައް ފެށުނީ 2004 ވަނަ އަހަރުއެވެ. ޙޫޘީންގެ ނަން ދެވިފައި ވާ ޝީޢީ ޒައިދީ ޖަމާޢަތަކުން އިންގިލާބީ ހަރަކާތްތަކެއް ފެށުމާ ގުޅިގެންނެވެ. މި މައްސަލަ އިތުރަށް ގޯސް ވެ، އަހުލީ އަދި މަޒުހަބީ ހަނގުރާމައެއްގެ ސިފަ ޖެހެން ފެށީ 2011 ގައި، ޢަރަބި ބަހާރުގެ ތެރޭގައެވެ. 2014 ވަނަ އަހަރުގެ ފަހުކޮޅު، ޙޫޘީން ޔަމަނުގެ ރައީސް ޢަބްދުރައްބުހ މަންޞޫރު ހާދީގެ ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ގެނެސް، ރިޔާސީ ގަނޑުވަރާއި ވެރިރަށް ޞަންޢާ ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔުމާ ގުޅިގެންނެވެ.

ސުޢޫދީން ޙޫޘީންނާ ދެކޮޅަށް ވައިގެ ޙަމަލާތައް ދޭން ފެށީ 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. "އޮޕަރޭޝަން ޑިސައިސިވް ސްޓޯރމް" ގެ ނަމުގައި ފެށީ މި މައުރިކާގައި މިޞުރާއި، މޮރޮކޯ އާއި، އުރްދުނާއި، ސޫދާނާއި، ޔޫއޭއީ އާއި، ކުވައިތާއި، ޤަޠަރާއި، ބަޙްރައިނުގެ ސިފައިން ވެސް ބައިވެރި ވިއެވެ. މި އޮޕަރޭޝަން އެ އަހަރުގެ އޭޕްރިލް މަހު ރަސްމީކޮށް ނިންމައިލި ނަމަވެސް، އޭގެ ފަހުން ވެސް ސުޢޫދީ އާއި ސުޢޫދީގެ އަސްކަރީ އިއްތިހާދުގެ ބައިވެރީން ދަނީ ދޭތެރެދޭތެރެއިން ޔަމަނުގެ ޙޫޘީ އަމާޒުތަކަށް ހަމަލާ ދެމުންނެވެ. މި އަހަރުގެ ތެރޭގައި ދެކެވުނު ޞުލްޙައިގެ ވާހަކަތަކުން ވެސް އެދެވޭ ނަތީޖާއެއް ނުކުމެފައެއް ނުވެއެވެ.

ޔަމަނަށް އެހީތެރިވުމަށް ދަ ކިންގު ސަލްމާން ސެންޓަ ފޯ ހިއުމަނިޓޭރިއަން އެއިޑުން ވަނީ 54 މިލިއަން ޑޮލަރުގެ އެއްބަސް ވުމެއްގައި ސޮއިކޮށްފައި -- އޭޕީ ފޮޓޯ: އަލްއަރަބިއްޔާ

ޔަމަނުގެ ހަނގުރާމައިގައި، މި އަހަރުގެ ތެރޭގައި 4000 އަށް ވުރެ ގިނަ ޢާއްމުންނާއި، އަސްކަރީންގެ 6000 އަށް ވުރެ ގިނަ މީހުން މަރު ވެފައި ވެއެވެ. މަރު ވި ޢާއްމުންގެ ތެރެއިން ހަތަރު ބައި ކުޅަ ތިން ބަޔަކީ ކުޑަކުދީންނެވެ. ސުޢޫދީ އިއްތިޙާދުން، ކަނޑުމަގުންނާ އެކު ޔަމަން ހިސާރު ކޮށްފައި ވާ އިރު، ކާބޯތަކެއްޗާއި ފެނާއި ކަރަންޓާއި ބޭސްފަރުވާއިން މަހުރޫމު ވެފައި ތިބި ޔަމަނީ ރައްޔިތުންގެ އަދަދު 10 މިލިއަނަށް އަރައެވެ. މަދަނީ މައްތިނި ފުނޑުފުނޑު ވެ، 21 މިލިއަނުގެ އާބާދީއެއް އޮންނަ، ޢަރަބި ދުނިޔޭގެ އެންމެ ފަގީރު އެއް ގައުމު ކަމަށް ވާ ޔަމަން މިހާރު ވެސް އޮތީ އިންސާނީ މުސީބާތެއްގެ ތެރޭގައެވެ. 14 މިލިއަން ރައްޔިތުން ވަނީ ގެދޮރު ގެއްލި، އަމިއްލަ ގައުމުގައި ރެފިޔުޖީންނަށް ވެފައެވެ. 370000 އަށް ވުރެ ގިނަ ކުޑަކުދީން ކާނާ ނުލިބިގެން ބަނޑަށް ޖެހުމުގެ ހާލަތުގައި އެބަތިއްބެވެ. ހަމައެކަނި ސިއްހީ ދާއިރާއަށް ބަލާ އިރު، ޔަމަނުގައި ހުރި 3500 ސިއްހީ ޚިދުމަތް ދޭ މަރުކަޒުގެ ތެރެއިން، 1900 ތަން މިހާރު ވަނީ މުޅީން، ނުވަތަ މަދު ޚިދުމަތްތަކެއް ފިޔަވައި އެހެން ޚިދުމަތްތައް ހުއްޓައިލައިފައެވެ.

މިޞުރު

މިޞުރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭއްވުނު މިނިވަން، އިންސާފުވެރި އިންތިޚާބުގައި، 2012 ވަނަ އަހަރު، އެ ގައުމުގެ ރައީސްކަމަށް ވަޑައިގަތް ސައްޔިދު މުޙައްމަދު މުރްސީގެ ވެރިކަމާ ދެކޮޅަށް ބަގާވާތެއް ގެންނަވައި، އެމަނިކުފާނު ޖަލަށް ލައި، އިޚްވާނުލް މުސްލިމޫނަށް ނިސްބަތް ވާ ފަސް ހާހަށް ވުރެ ގިނަ ރައްޔިތުން ކަތިލެއްވުމަށް ފަހު، މިހާރު އެ ގައުމުގެ ވެރިކަމުގައި ހުންނެވީ އެމެރިކާ އާއި އިސްރާއީލާއި ޔޫރަޕުގެ ލޯބި ލިބިގެން ވަޑައިގަތް ޖެނެރަލް ޢަބްދުލް ފައްތާޙް އައްސީސީއެވެ.

2013 ވަނަ އަހަރުގެ މެދުތެރޭގައި މިޞުރުގެ ރިޔާސީ ތަޚުތަށް އަމިއްލަފުޅަށް އިސް ވެވަޑައިގަތް ސީސީގެ ޣައިރުޝަރުޢީ ވެރިކަމަށް ތިން އަހަރު ވެފައި ވާ އިރު، މިޞުރުގެ ވެރިކަމަކީ މަލުގެ ދާނެއް ނޫންކަން ސީސީއަށް ވަނީ ތަޖުރިބާއިން އެނގިވަޑައިގެންފައެވެ.

މިސްރުގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން: އެގައުމުގައި ފޭސްބުކް މެދުވެރިކޮށް މުޒާހަރާއަށް ނުކުންނަން ގޮވި ބަޔަކު ވަނީ ހައްޔަރުކޮށްފައި

އެމެރިކާ އާއި ޔޫރަޕުގެ އެހީތެރިކަމާ އެކު ވެރިކަމަށް ވަޑައިގަތް ސީސީއަށް، މި އަހަރުގެ ތެރޭގައި އެމެރިކާ އާއި ޔޫރަޕުގެ ފަރާތުން އެއްވެސް ހަގީގީ މަދަދެއް ލިބިފައެއް ނުވެއެވެ. ވެރިކަމުގެ ކުރީކޮޅު، ސުޢޫދީ ޢަރަބިއްޔާ އާއި ކުވައިތާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ މާލީ އެހީތެރިކަން ލިބުނު ނަމަވެސް، 2016 ވަނަ އަހަރު ތެލުގެ އަގު ވެއްޓި، ސުޢޫދީންނާއި ކުވައިތުގެ މާލީ އެހީތެރިކަން ހުއްޓި، ޔޫއޭއީއަށް ވެސް އިތުރަށް މިޞުރަށް ފައިސާ އޮއްސުމަށް ދަތި ވުމުން، ސީސީއާ މި ދެންނެވި ގައުމުތަކާ އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ކެނޑިފައެވެ. މިޞުރުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް 12.6 އިންސައްތައިގައި، އަދި ލާދަ 13 އިންސައްތައިގައި ހުރި އިރު، ބަޖެޓުގެ ޑެފިސިޓު ބޮޑު ވެ، ބޭރު ފައިސާގެ ރިޒާވްތައް ހުސް ވެ، މިޞުރު ވަނީ ބަޖެޓާއި މާލީ ހާލަތަށް ބަލާ އިރު ދުނިޔޭގެ އެންމެ ބަލިކަށި އެއް ދައުލަތަށް ވެފައެވެ. އިމްޕޯޓް ކުރާން ޖެހޭ އަސާސީ ބައެއް ތަކެތި އިމްޕޯޓް ކުރުމުގައި ވެސް ދަތިތަކާ ކުރިމަތި ލާން ވަނީ ޖެހިފައެވެ.

ސައްޔިދު މުޙައްމަދު މުރްސީގެ ވެރިކަމާ ދެކޮޅަށް ބަޣާވާތް ގެނައުމުގައި ސީސީއަށް އެހީތެރި ވި އެމެރިކާ އާއި ޔޫރަޕް ވެސް އޭނާގެ މަތީން މިހާރު ވަނީ ހަނދާން ނައްތައިލައިފައެވެ. ނަތީޖާއެއްގެ ގޮތުން، 2016 ވަނަ އަހަރު ސީސީގެ ސަރުކާރު ފެނިގެން ދިޔައީ ރޫސީންނާ ބޮޑަށް ކައިރި ވަމުން ދިޔަ ތަނެވެ. މި ގުޅުމުގެ ކުރިމަގަކީ ކޮބައިތޯ، އަދި ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސަތާ ޙަވާލު ވެވަޑައިގަތުމުން، ދެން މިޞްރުގެ ސިޔާސަތަށާއި މިޞްރާއި އެމެރިކާ އަދި ރޫސީ ވިލާތާ އޮތް ގުޅުންތަކަށް ވާނީ ކިހިނެއްތޯ، މިއީ އުފެދޭ ސުވާލެކެވެ.

މި އަހަރުގެ ތެރޭގައި މިޞުރުން ކުރި އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ، އިސްރާއީލުން ފަލަސްޠީނުގެ ބިންތަކުގައި ޣައިރުޤާނޫނީ، އިސްތިއުމާރީ އާބާދީތައް ހަދަމުން ގެންދާ ދިޔުމާ ދެކޮޅަށް އަލިފުދާލުގެ ސަލާމަތީ މަޖިލިހަށް ޤަރާރެއް ހުށަހެޅުމެވެ. ބެލެވޭ ގޮތުގައި، މި ޤަރާރު ހުށަހެޅުމުގައި ސީސީގެ އަމާޒަކީ ކުރީން އެމެރިކާ އާއި އިސްރާއީލުން ލިބުނު ލޯބި މިހާރު ނުލިބޭތީ، "ލޯބި ނުދެންޏާ ލަނޑު ދޭނަން" މި މެސެޖު ހުޅަނގަށް ދިނުމެވެ. ނަމަވެސް އެމެރިކާގެ ރައީސެ އިންތިޚާބް ޑޮނާލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ މަސައްކަތާ އެކު، މިޞުރުން މި ޤަރާރު އަނބުރައި ގެންދިޔައެވެ. ސަލާމަތީ މަޖިލިހުގެ ނަންބަރު 2334 ޤަރާރުގެ ގޮތުގައި މި ޤަރާރު ފާސް ކުރީ، ފަހުން މެލޭޝިޔާ އާއި ނިއު ޒިލޭންޑާއި ސެނެގޯލާއި ވެނެޒުއެލާއިން އެ ޤަރާރު ސަލާމަތީ މަޖިލިހަށް ހުށަހެޅުމުންނެވެ.

ތުރުކީ

2016 ވަނަ އަހަރު ތުރުކީގެ މަސްރަހުން ފެނިގެން ދިޔަ އެންމެ މުހިއްމު ހާދިސާ އަކީ، އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންގެ ސަރުކާރު ވައްޓައިލުމަށް ޓަކައި އަސްކަރިއްޔާގެ މަދު ބަޔަކު ވެގެން ކުރި ނާކާމިޔާބު ބަޣާވާތެވެ. ތުރުކީގެ ސިޔާސީ މަސްރަހު އެކުގައި ބަދަލު ކޮށްލައި، ގައުމުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތަކަށް ބޮޑު ބަދަލުތަކެއް ގެނުވި މި ނާކާމިޔާބު ބަޣާވާތުގެ ހާދިސާ ހިނގީ ޖުލައި މަހުގެ ތެރޭގައެވެ.

ތުރުކީގެ މަގެއްގެ މަތީގައި އެގައުމުގެ ރައްޔިތުން: ތުރުކީގެ ތިން މިލިއަނަށްވުރެ ގިނަ ސިވިލް ސާވަންޓުގެ އަހަރީ ޗުއްޓީ ސަސްޕެންޑް ކުރަން އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައި ---

ބަޣާވާތް ނާކާމިޔާބު ކޮށްލެވުނީ ތުރުކީގެ އާއްމު ރައްޔިތުން ހިތްވަރާ އެކު މަގުތަކަށް ނުކުމެ، ބަޣާވާތުގެ ސިފައިންނާ ދެކޮޅަށް ސާބިތުކަމާ އެކު ތެދު ވުމުގެ ސަބަބުންނެވެ. ބަޣާވާތުގެ ސިފައިން ޓޭންކުތަކާއި މެޝިން ބަޑީގެ އިތުރުން، ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ރައްޔިތުންނަށް ދިން ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދު ވެގެން ދިޔަ އިރު، ރައްޔިތުން ބުނަމުން ގެންދިޔައީ ވެރިކަން ބަދަލު ކުރުމަކީ ރައްޔިތުންގެ ކަމެއް ކަމަށާއި، ހަތިޔާރު އެޅި ސިފައިންނާ ބެހޭ ކަމެއް ނޫން ކަމުގައެވެ.

މި ހާދިސާއާ ގުޅިގެން، ފުލުހުންނާއި ސިފައިންނާއި ދައުލަތުގެ މުވައްޒަފުންގެ އެތައް ހާސް ބަޔަކު ވަޒީފާތަކުން ވަކި ކުރެވި، އެތައް ބަޔަކާ ދެކޮޅަށް ޖިނާއީ ތަހުގީގުތަކާއި ޝަރީއަތްތައް ދަނީ ހިންގެމުންނެވެ. ނާކާމިޔާބު ބަޣާވާތާ ގުޅިގެން، ސަރުކާރުން ތުހުމަތުގެ އިނގިލި ދިއް ކޮށްފައި ވަނީ ތުރުކީގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ފަތުޙުﷲ ގުލެން އަށާއި، ކުރުދީ ޕާޓީއެއް ކަމަށް ވާ އެޗްޑީޕީއަށެވެ. ތުރުކީއަށް މިހާރު ގެނެވެމުން ދާ ބަދަލުތަކުގެ އެންމެ މުހިއްމު އެއް ބަޔަކީ، ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ކުރެވެމުން ދާ މަސައްކަތެވެ. ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު މިހާރު ވަނީ ބަރުލަމާނަށް ހުށަހެޅިފައެވެ. ބެލެވޭ ގޮތުގައި މި ބިލު، މި ފެށޭ 2017 ވަނަ އަހަރުގެ ތެރޭގައި ފާސް ކުރެވިގެން ދާނެއެވެ.

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދޫޣާން ގައުމާ މުހާތަބުކުރައްވަނީ: އޭނާ ވަނީ ތުރުކީގައި ތިންމަސް ދުވަހަށް ކުއްލި ހާލަތު އިއުލާނުކުރައްވާފައި -- ފޮޓޯ: ރޮއިޓާސް

ތުރުކީގެ ނާކާމިޔާބު ބަޣާވާތާ ގުޅިގެން، ތުރުކީ އާއި ހުޅަނގުގެ ގައުމުތަކާ އޮންނަ ގުޅުންތައް ބަލިކަށި ވެ، ތުރުކީގެ ޚާރިޖީ ސިޔާސަތުތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބަޣާވާތުގެ މޭސްތިރި ކަމަށް ތުރުކީގެ ސަރުކާރުން ބުނާ ފަތުޙުﷲ ގުލެން އެމެރިކާގައި ދިރިއުޅުއްވާ އިރު، އޭނާ ތުރުކީއާ ހަވާލު ކުރުމަށް ތުރުކީން އެދުނު އެދުމަށް އެމެރިކާ ސަރުކާރުން ދިނީ ނޫން ޖަވާބެވެ. ތުރުކީން ވަނީ ނުސީދާ ގޮތެއްގައި، މި ބަޣާވާތަށް ހުޅަނގުގެ ބައެއް ގައުމުތަކުގެ މަދަދު ލިބުނު ކަމަށް ވެސް ބުނެފައެވެ. ލޭބަރ މިނިސްޓަރ ސުލައިމާން ސޮއިލޫ ވަނީ ބަޣާވާތް ކުރި މީހުންނަށް އެމެރިކާގެ އެހީ ލިބުނު ކަމަށް ވެސް ވިދާޅުވެފައެވެ.

ތުރުކީ އާއި ހުޅަނގާ ދެމެދުގައި އޮތް ގުޅުން ފިނި ވެ، ޔޫރަޕިއަން ޔުނިއަނުގެ މެންބަރަކަށް ވުމަށް ތުރުކީ ކުރަމުން ގެންދާ މަސައްކަތް ނާޒުކު ފައްތަރަކަށް ދިޔަ އިރު، ތުރުކީން ވަނީ ރޫސީ ވިލާތާ އެކު ގުޅުން ރަނގަޅު ކޮށް، އެއްބާރުލައިގެން މަސައްކަތް ކުރުމުގެ ސިޔާސަތެއް ގެންގުޅެން ފަށައިފައެވެ. 2015 ވަނަ އަހަރުގެ ފަހުކޮޅު، ރޫސީ ވިލާތުގެ ހަނގުރާމަމަތީ މަތިންދާބޯޓެއް ތުރުކީ ސިފައިންގެ ހަމަލައެއްގައި ވެއްޓުމާ ގުޅިގެން، ހަނގުރާމައިގެ ތުންފަތްމައްޗަށް ދިޔަ ދެ ގައުމު، 2016 ވަނަ އަހަރު ނިމިގެން ދިޔަ އިރު ފެނުނީ ގާތް ރަހުމަތްތެރީންގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން، މި މަހުގެ ތެރޭގައި، ރޫސީ ވިލާތުން ތުރުކީއަށް ކަނޑައަޅައިފައި ހުރި ސަފީރު އެންޑްރެއި ކާރލޯވްގެ ގައިކޮޅަށް ތުރުކީގެ ފުލުސް އޮފިސަރަކު، ވެރިރަށް އަންކާރާގައި، ބަޑި ޖަހައި އޭނާ އަވަހާރަ ކޮށްލުމުން ވެސް، ދެ ގައުމުން މެ ބުނެފައި ވަނީ އެއީ ދެ ގައުމުގެ ގުޅުން ޚަރާބު ކޮށްލުމަށް ފިތުނަވެރި ބަޔަކު ކުރި ކަމެއް ކަމަށާއި، އޭގެ އެއްވެސް އަސަރެއް ގުޅުންތަކަށް ނުކުރާނެ ކަމަށެވެ. މިހާރު ތުރުކީ އާއި ރޫސީންނާއި އީރާން ގެންދަނީ ސީރިޔާގެ މައްސަލައިގައި ގުޅިގެން މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ އެންމެ މުހިއްމު އެއް ނަތީޖާ އަކީ، ޑިސެންބަރު 29 ގައި، ހަނގުރާމަ ހުއްޓައިލުމަށް ސީރިޔާގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރީން އެއްބަސް ވި އެއްބަސްވުމެވެ. މި އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރެވޭތޯ ނުވަތަ ނޫންތޯ އަދި ކަށަވަރު ނުވިޔަސް، މިއީ ހަ އަހަރު ވީ ސީރިޔާ ހަނގުރާމައިގައި މިހައިތަނަށް ސުލްހަޔަށް އެޅުނު އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށް ބެލެވެއެވެ.

ތުރުކީއަށް ބަޣާވާތް ގެންނަން އުޅުނު ރޭ އެގައުމުގެ ރައީސް އުރުދުގާން ހައްޔަރުކުރަން އުޅުނު ސިފައިންގެ މީހަކު ހައްޔަރުކޮށްގެން ގެންދަނީ: ރައީސް އުރުދުގާން ހައްޔަރުކުރަން އުޅުނު 11 ސިފައިންގެ ކޮމާންޑޯސް ވަނީ ހައްޔަރުކޮށްފަ --- ފޮޓޯ/ ރޮއިޓާސް

ކުރީންވެސް ދެންނެވުނު ފަދައިން، ޔޫރަޕިއަން ޔުނިއަނުގެ މެންބަރަކަށް ވުމަށް މީގެ ފަންސާހަކަށް އަހަރު ކުރީއްސުރެ ތުރުކީ ކުރަމުން އަންނަ މަސައްކަތް މިހާރު ވަނީ ނާޒުކު ފައްތަރެއްގެ ތެރޭގައެވެ. ޔޫރަޕިއަން ޔުނިއަނުގެ ލީޑަރުން ތުރުކީއާ މެދު ގެންގުޅޭ ވިސްނުންތައް ބަދަލު ވަމުން އަންނަ އިރު، މި އަހަރުގެ ތެރޭގައި ތުރުކީން ވަނީ ރޫސީ ވިލާތާއި، ޗައިނާ އާއި، ޕާކިސްތާނު ފަދަ ގައުމުތައް ބައިވެރި ވާ ޝެންގހާއީ ކޯޕޮރޭޝަން އޯރގަނައިޒޭޝަނުގައި ބައިވެރި ވުމުގެ ޝައުގުވެރިކަން ފާޅު ކޮށްފައެވެ.

ތުރުކީ ސަރުކާރު ވައްޓާލުމަށް ކުރި ނާކާމިޔާބު ބަޣާވާތް ރޭވުމުގައި އިސްކޮށް އުޅުނުކަމަށް ބެލެވޭ ފަނޑިޔާރަކަށް ހަމަލާ ދިނުމަށް އެގައުމުގެ ރައްޔިތުންތަކެއް މަސައްކަތްކުރުމުން ފުލުހުން އެމީހުން އެތަނުން ދުރުކުރާން މަސައްކަތްކުރަނީ -- ފޮޓޯ: ސީއެންއެން

ތުރުކީގެ ޚާރިޖީ ސިޔާސަތަށް މި އަހަރު އައި އެންމެ ބޮޑު އެއް ބަދަލަކީ ސީރިޔާގެ މައްސަލައިގައި އެ ގައުމުން އަމަލު ކުރަމުން އައި ގޮތް ބަދަލު ކުރުމެވެ. މީގެ ކުރީން ތުރުކީން ގެންދިޔައީ ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓައިލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރި ވެދިނުމުގައި ސުޢޫދީ އާއި ޤަޠަރު ފަދަ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ޖުލައި މަހަށް ފަހު، ތުރުކީ ސަރުކާރުގެ ވިސްނުން ބަދަލު ވެ، މިހާރު ތުރުކީ މަސައްކަތް ކުރަމުން ގެންދަނީ ބައްޝާރުލް އަސަދަށް ވާގިވެރި ވާ ރޫސީންނާއި އީރާނާ ގުޅިގެން ސީރިޔާގެ ހަނގުރާމަ ހުއްޓުމަކަށް ގެނެސް، އައިސިސް އާއި، ސީރިޔާގައި ހަނގުރާމަ ކުރާ ކުރުދީންނާ ދެކޮޅަށެވެ.

ޢިރާޤު

1991 ވަނަ އަހަރުގެ ގަލްފް ހަނގުރާމަޔާ އެކު، އެމެރިކާ އާއި އެމެރިކާގެ ބައިވެރީންގެ ލަޝްކަރުތަކުން ބޮން އަޅައި ފުނޑުފުނޑު ކޮށްލި ޢިރާޤުގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށަށެވެ. މިހާރު ވެސް މުޅި ގައުމު އޮތީ އަލިފާނާއި ދުމުގެ ވިލާތަކުގެ ތެރޭގައި ހަފުސް ވެފައި އޮތް ހަނގުރާމައިގެ މައިދާނެއްގެ ސިފައިގައެވެ. ގައުމުގެ ރައްޔިތުންގެ ބޮޑު ބައެއް ވަނީ ހާލުގައި ޖެހި، އިންތިހާ ދަރަޖައިގެ ނިކަމެތި ގޮތެއްގައި ދިރިއުޅޭން ޖެހިފައެވެ. ޢިރާޤަށް އަލި ވިލޭ ކޮންމެ ދުވަހަކީ ހަނގުރާމަ އާއި ތަޅާފޮޅުމާއި ލޭ އޮހޮރުވުމުގެ އައު ބާބަކަށް ވަނީ ވެފައެވެ. އެހެންކަމުން ސިޔާސަތާއި، އިޤްތިޞާދާއި، އިޖުތިމާޢީ ކަންކަމާ ބެހޭގޮތުން ޢިރާޤުގެ ސިޔާގުގައި ދެއްކޭނެ ވާހަކައެއް ނެތެވެ.

2016 ވަނަ އަހަރު ޢިރާޤުގެ ހަނގުރާމައިގެ މައިދާނުން ފެނުނު މުހިއްމު ހާދިސާތަކަށް ބަލާ އިރު، ފެބުރުވަރީ މަހުގެ ތެރޭގައި، ރައީސް ފުއާދު މަޢްޞޫމުގެ ސަރުކާރުގެ ސިފައިން، ރަމާދީން އައިސިސްގެ ހަނގުރާމަވެރީން ބޭރު ކުރިއެވެ. ހަމަ އެ ދުވަސްކޮޅު، ޝީޢީ ދީނީ އިމާމް މުޤްތަދާ އައްޞަދްރު، ސަރުކާރާ ދެކޮޅަށް ބަޣްދާދުގައި ވަރުގަދަ މުޒާހަރާތަކެއް އިންތިޒާމު ކުރެއްވިއެވެ. މާރިޗު މަހުގެ ތެރޭގައި، މޫޞަލް އައިސިސް ހަނގުރާމަވެރީންގެ އަތްދަށުން މިނިވަން ކުރުމަށް ޓަކައި، ސަރުކާރުން މައުރިކާއެއް ފެށިއެވެ. ނަމަވެސް މި މައުރިކާ މަޑު ޖެހިގެން ދިޔައީ އެކަށީގެން ވާ ފަދަ ކުރިއެރުމެއް ނުލިބިއެވެ. ޖޫން މަހުގެ ތެރޭގައި، ސަރުކާރު ސިފައިންނާއި ޝީޢީ ހަނގުރާމަވެރީންގެ މަސައްކަތުން، ފައްލޫޖާއިން ވެސް އައިސިސްގެ ފައުޖުތައް ބޭރު ކޮށްލެވުނެވެ. އެއަށްފަހު، އޮކްޓޯބަރު މަހުގެ ތެރޭގައި މޫޞަލް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމުގެ އާ އޮޕަރޭޝަނެއް ފެށިފައި ވެއެވެ. ނަމަވެސް މި އޮޕަރޭޝަނުގެ ނަތީޖާއަކާ ހަމަޔަށް އަދި ދެވިފައެއް ނުވެއެވެ.

comment ކޮމެންޓް