ނަޞާރާ ފައްޅިތަކުގެ ފޮޓޯތައް ފޮތްތަކުގައި ހުރުމުން ގޭޓްވޭއިން މާފަށް އެދެފި

ގޭޓްވޭ ސްކޫލް ހިންގާ އިމާރާތް:

ސްރީލަންކާގެ ގޭޓްވޭ ކޮލެޖާ ގުޅިގެން ހުޅުމާލޭގައި އަލަށް ފަށާ ގޭޓްވޭ އިންޓަނޭޝަނަލް ސުކޫލުން ދަރިވަރުންނަށް ދޫކުރި ސޯޝަލް ސްޓަޑީޒް ފޮތުގައި ނަޞާރާ ދީނުމުގެ މައުލޫމާތު ހިމެނިފައިވުމުން އެ ސްކޫލުން މާފަށް އެދިއްޖެ އެވެ.

ލާލޭ ސުކޫލުގެ ބަދަލުގައި ހުޅުމާލޭގައި އަލަށް ފަށާ ގޭޓްވޭ ސުކޫލުގެ ގްރޭޑް ދޭއްގެ ދަރިވަރުންނަށް ދޫކުރި ސޯޝަލް ސްޓަޑީޒް ފޮތުގައި ނަސާރީ ދީނުގެ ފައްޅި ފެންނަ ފޮޓޯއެއް ވަނީ ހިމަނާފައެވެ. އެކަމުގެ ކަންބޮޑުވުން ބެލެނިވެރިން ވަނީ އުފުލާފައެވެ.

ގޭޓްވޭގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު، ސަންއަށް ވިދާޅުވީ އެކަން އެގޮތަށް ހިނގީ އޮޅުމަކުން ކަމަށާއި އެކަމާ ގުޅިގެން މާފަށް އެދޭ ކަމަށެވެ. ބަލަންވާ ވަރަށް ނުބަލައި ދޫކުރެވުނު ފޮތްތަކުގައި ނަސާރާ ދީނުމުގެ ފައްޅިތަކުގެ ފޮޓޯ ހުރުމުން ކަންބޮޑުވާ ކަމަށާއި އެކަން ބަދަލުކުރާނެ ކަމަށް މުހައްމަދު ވިދާޅުވިއެވެ.

"ފޮތްތައް ލިބުނު ދުވަހު ނޫން އަނެއް ދުވަހު ބެހުނީ، ވަގުތު ކުޑަވުުން އެހެން ދިމާވީ، މައްސަލަ ޖެހުނީ އެންމެ ފޮޓޯއެއް އިން ޕޭޖެއްގެ، އެކަމަކު އަޅުގަނޑު އެ ޗެޕްޓާ އާއި ދޭތެރޭ ހިތްހަމައެއް ނުޖެހޭ، އެކަން ބަދަލުކުރަން ދަނީ މަސައްކަތް ކުރަމުން،" މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ސްކޫލުގެ ތެރޭގައި އިސްލާމް ދީނާއި ހިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. ޓީޗަރުން ނެގުމުގައި ގުރުއާން ކިޔަވައިދެވޭނެ ފެންވަރުގެ ޓީޗަރުންނަށް ބަލައިގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

އެ ސްކޫލުގައި ކިޔަވައިދެނީ އިނގިރޭސި ވިލާތުން ގެންނަ ފޮތްތަކެވެ. އިސްލާމް ދިވެހި މާއްދާ ކިޔަވައިދެނީ ރާއްޖޭގެ ކަރިކިއުލަމްގެ ތެރެއިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު، ސަން އަށް ވިދާޅުވީ އެފޮތްތައް އެ ސްކޫލުން ބަހާފައި ވަނީ އެޑިއުކޭޝަނުން ފާސް ކުރުމެއް ނެތި ކަމަށާއި އެ ފޮތްތައް އަނބުރާ ނެގުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

ގޭޓްވޭގެ ޕްރިންސިޕަލް ވިދާޅުވީ، އެ މައްސަލަ ފާހަގަކުރެވުނީ 28 ފޮތް ބަހާފައިވަނިކޮށް ކަމަށާއި މިހާރު އެފޮތްތައް އަނބުރާ ނަގަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެފޮތްތަކަށް ބަދަލު ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް