ރިސޯޓު ތަރައްގީ ކުރުމަށް ޓަކައި ދިވެހި ސަރުކާރުން ކ. ފޭދޫފިނޮޅު، ޗައިނާގެ ކުންފުންޏަކަށް ކުއްޔަށް ދިނުމާ މެދު އިންޑިއާގެ ނޫސްވެރިން ކަންބޮޑުވާތީ ހައިރާންވާ ކަމަށް ޗައިނާ އިން ބުނެފި އެވެ.
އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަންގް ފޫކަންގް ވިދާޅުވީ، ޗައިނާގެ ކުންފުންޏަކަށް ފޭދޫފިނޮޅު ކުއްޔަށް ދިންކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނޭނގެ ކޮން ކުންފުންޏަކަށް ކަމެއް ފޭދޫފިނޮޅު ކުއްޔަށް ދޭން ނިންމީ. އަދި އެ މުއާމަލާތް ހިނގައިފި ކަމެއް ވެސް ނޭނގެ. އެކަމަކު މިކަން އިއުލާނު ކުރެއްވީ ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު. އެހެންކަމުން މިކަމަކީ ތެދެއް ކަމަށް ގަބޫލުކުރެވެނީ،" ސަފީރު ވިދާޅުވި އެވެ.
ސަފީރު ފޫކަންގް ވިދާޅުވީ، ފޭދޫފިނޮޅު ކުއްޔަށް ހިފި ޗައިނާގެ ކުންފުނީގެ މަގްސަދަކީ ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީކުުރުން ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކުންފުނީގެ އިތުރުން ވެސް ޗައިނާގެ އިތުރު ތިން ކުންފުންޏަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓްކޮށްގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ފޭދޫފިނޮޅު ކުއްޔަށް ދިން ޚަބަރު އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ އިރު، އެ ނޫސްތަކުގައި ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރާއްޖޭގެ މައި އެއާޕޯޓާ ދާދި ކައިރީގައިވާ ރަށެއް ޗައިނާ އަށް ދިނުމަކީ އިންޑިއާގެ ސްޓްރެޓީޖިކް މަސްލަހަތުތަކަށް އޮތް ނުރައްކަލެއް ކަމަށް ވެސް، އިންޑިއާގެ ޚާރިޖީ ދާއިރާގެ ބައެއް ބޭފުޅުންނާ ހަވާލައިދީ، އެ ނޫސްތަކުގައި ބުނެފައިވެ އެވެ.
މިކަމަށް ރައްދު ދެއްވައި، ޗައިނާ ސަފީރު ވަންގް ފޫކަންގް ވިދާޅުވީ، ޗައިނާގެ ކުންފުންޏަކަށް ރާއްޖޭގެ ރަށެއްގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ފުރުސަތު ދިންކަމަށް އިންޑިއާގެ މީޑިއާ އިން ވަރަށް ބޮޑު މުހިންމުކަމެއް ދޭކަމާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
"އިންޑިއާގެ ނޫސްތަކުން މިކަމަށް އެހާ ބޮޑު އަހަންމިއްޔަތެއް ދޭތީ ހައިރާންވަން،"
އެހެން ނަމަވެސް، ބޭރު ގައުމެއްގެ ކުންފުންޏަކަށް ރާއްޖޭގެ ރަށެއްގައި ފަތުރުވެރިކަން ތަރައްގީކުރަން ކުއްޔަށް ދިނުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫންކަމަށް ސަފީރު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ، ރާއްޖެއަކީ ފަތުރުވެރިކަމަށް މަޝްހޫރު ގައުމެއް ކަމުން، ރާއްޖެއިން އަބަދުވެސް ބޭރުގެ އިންވެސްޓަރުން ގެނައުމަށް މަސައްކަތް ކުރާކަމަށް. ރާއްޖެ އައިސް އިންވެސްޓް ކުރުމަކީ ކޮންމެ ގައުމަކަށް ވެސް ހުޅުވާލާފައިވާ ފުރުސަތެއް،" ޗައިނާ ސަފީރު ވިދާޅުވި އެވެ.