ލަންކާގައި އަޅާ ފޯލްކްސްވާގެން ކާރުޚާނާގެ ބިންގާ އަޅައިފި

ސްރީލަންކާގެ ރައީސް އަދި ބޮޑުވަޒީރު، ފޯލްކްސްވާގެން ކާރުޚާނާގެ ބިންގާ އަޅައިދެއްވަނީ -- ފޮޓޯ/ ޔޫއެންޕީ

އެއްގަމު އުޅަނދުފަހަރު އުފެއްދުމަށް ޚާއްސަކޮށްގެން ސްރީލަންކާގައި އަޅާ ފުރަތަމަ ކާރުޚާނާގެ ބިންގާ އަޅައި، އެތަން ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސްރީލަންކާގެ ކުރުނޭގަލަ އަވަށުގެ ކުލިޔަޕިޓިޔަގައި އަޅާ މި ކާރުޚާނާގެ ބިންގާ އަޅުއްވައިދިނީ އިއްޔެ އޮތް ރަސްމިއްޔާތެއްގައި، ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާއާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ.

"ވެސްޓާން އޮޓޯމޮބައިލް އެސެމްބްލީ ޕްލާންޓް"ގެ ނަމުގައި ގާއިމުކުރާ މި ކާރުޚާނާ ހިންގާނީ، ދުނިޔޭގެ މަޝްހޫރު އޮޓޯމޮބައިލް ކުންފުނި، ޖަރުމަނުގެ ފޯލްކްސްވާގެންއިންނެވެ.

އިއްޔެ ކުރުނޭގަލަގައި އޮތް ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، މި ކާރުޚާނާ އެޅުމުން އެތައް ބައިވަރު، އާ ވަޒީފާތަކެއް ލަންކާގެ ރައްޔިތުންނަށް އުފެދިގެން ދާނެ ކަމަށެވެ.

އަދި ކުރިޔަށް އޮތް ތަނުގައި ތަންފީޒުކުރަން ފަށާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައި، 20،000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ބޮޑުވަޒީރު ރަނިލް ވިދާޅުވިއެވެ.

ފޯލްކްސްވާގެންގެ ވެހިކަލް އެސެމްބްލީ ޕްލާންޓެއް ސްރީލަންކާގައި އެޅުމުގެ ހުއްދަ، ސްރީލަންކާގެ ބޯޑު އޮފް އިންވެސްޓްމެންޓްސް (ބީއޯއައި) އިން ދީފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

އެއްބަސްވުމުގެ ދަށުން، ފޯލްކްސްވާގެން އިން ސްރީލަންކާގައި އުފައްދާނީ 1،000 ސީސީއިން ފެށިގެން 2،000 ސީސީއާ ދެމެދުގެ ކެޓެގަރީގެ ވެހިކަލެވެ. ފަސިންޖަރުން އުފުލާ ކާރާއި އެސްޔޫވީ، އެމްޔޫވީ އަދި އެހެނިހެން ކޮމާޝަލް ވެހިކަލްސް ފޯލްކްސްވާގެންއިން އުފައްދާނެއެވެ.

އެ އެއްބަސްވުމުގައި ވާގޮތުން، ވެހިކަލް އުފައްދާތާ ފުރަތަމަ ތިން އަހަރު، އެތަކެތި މާކެޓު ކުރެވޭނީ ސްރީލަންކާ އަށް އެކަންޏެވެ. ތިން އަހަރަށް ފަހު، ބޭރުގެ މާކެޓުތަކަށް ކާރު އެކްސްޕޯޓު ކުރުމުގެ ހުއްދަ، ފޯލްކްސްވާގެންއަށް ލިބޭނެއެވެ.

ފޯލްކްސްވާގެންގެ ކާރުޚާނާ ގާއިމުކުރުމަކީ ސްރީލަންކާއަށް އަންނަ 26.5 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެކެވެ. އޭގެ ތެރެއިން 21.5 މިލިޔަން ޑޮލަރު އިންވެސްޓް ކުރެވޭނީ ފުރަތަމަ ދެ އަހަރު ތެރޭގައި އެ ޕްލާންޓުގައި ގާއިމުކުރާ ހަރު މުދަލަށެވެ.

comment ކޮމެންޓް