ސީރިއާ ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަކަށް އާދެވިއްޖެ: ރަޝިއާ

ސީރިއާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ރަޝިއާއިން ހާމަކޮށްފިއެވެ.

ރަޝިއާގެ ރައީސް ލެޑިމިއާ ޕޫޓިންއާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ގެރެންޓަރުންގެ ގޮތުގައި އޮތީ ރަޝިއާ އާއި ތުރުކީއެވެ.

އެ އެއްބަސްވުން ގާއިމްކުރެވިފައިވީ ނަމަވެސް، އެއްބަސްވުމުގައި އެ ގައުމުގައި ހަރަކާތްތެރިވާ ބައެއް ހަނގުރާމަވެރި ޖަމާއަތްތައް ނުހިމެނެއެވެ. އެގޮތުން އިސްލާމިކް ސްޓޭޓާއި ޖަބްހަތް ފަތަހް އަލް ޝާމް މި އެއްބަސްވުމުގައި ނުހިމެނެއެވެ. އެއްބަސްވުމުގައި ހިމެނެނީ އެގައުމުގެ ސަރުކާރާއި، އެގައުމުގައި ހަރަކާތްތެރިވާ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންނެވެ.

ޕޫޓިން ވިދާޅުވެފައިވާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން، ހަނގުރާމަ ހުއްޓާލާނީ ޖީއެމްޓީ ގަޑިން މިރޭ 12:00 ގައި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި އެއްބަސްވުން ވުޖޫދަށް އައިސްފައި ވަނީ އެ ގައުމުގެ ސަރުކާރާއި، ސަރުކާރާ ދެކޮޅު ފަރާތްތަކާ އެކު ސުލްހައިގެ މަޝްވަރާތަކަށް ކުރުމަށް ފަހުގައި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓަރު ސާޖެއި ޝޮއިގޫ ވިދާޅުވި ގޮތުގައި އެއްބަސްވުމުގައި އެގައުމުގެ ސަރުކާރާ ދެކޮޅު 62،000އަށް ވުރެ ގިނަ ހަނގުރާމަވެރިން ވަނީ ބައިވެރިވެފައެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ކަންތައްތައް ހިނގާތޯ ބެލުމަށް ރަޝިއާގެ އަސްކަރިއްޔާއިން ހޮޓްލައިނެއް ތައާރަފްކޮށްފައިވާ ކަމަށާއި، އެ ހޮޓްލައިން މެދުވެރިކޮށް، އެގައުމުގެ ހާލަތު ދަނެގަތުމަށް ތުރުކީއާ މުއާމަލާތް ކުރުމަށް ވަނީ ނިންމާފައެވެ.

މި އެއްބަސްވުން ވުޖޫދަށް އައިސްފައިވާކަން ތުރުކީންވެސް ވަނީ މީޑިއާ އަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން، އެ އެއްބަސްވުން ދިގު ދެމިގެންދިއުމަށް ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް ނުފޫޒު ފޯރުވާ ގައުމުތަކުންވެސް އެ އެ އެއްބަސްވުމަށް އެއްބާރުލުން ދިނުމަށް އެގައުމުން ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް