ދައުލަތުގެ އޮފީސްތަކުގައި މުވައްޒަފުންގެ އަމިއްލަ ފައިސާ ނުބަހައްޓަން އަންގައިފި

ދައުލަތުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ އިމާރާތް --- ސަން ފައިލް ފޮޓޯ

ދައުލަތުގެ އޮފީސްތަކުގެ ވަތްގަނޑުތަކާއި އަލަމާރިތަކާއި ތިޖޫރިތަކުގައި މުވައްޒަފުންނާއި އަމިއްލަ ފަރާތްތަކުގެ ފައިސާ ނުބެހެއްޓުމަށް އޮޑިޓަރު ޖެނެރަލް އަންގަވައިފި އެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 6.16ގެ (ޅ)ގައި ބުނެފައި ވަނީ ދައުލަތުގެ ތަންތަނުގެ ތިޖޫރި އާއި ވަތްގަނޑުތަކާއި އަލަމާރިތަކުގައި މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކުގެ ފައިސާ، ގަހަނާ އަދި އަގުބޮޑު ތަކެތި ބަހައްޓައިގެން ނުވާނެ ކަމަށެވެ.

މިހަފްތާގައި އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި، ޓުއަރިޒަމް މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ، މާލިއްޔަތު ގަވައިދުގައި އެހެން އޮތް ނަމަވެސް، 2015 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ޓުއަރިޒަމް މިނިސްޓްރީގެ ތިޖޫރި ޗެކު ކުރި އިރު، ދައުލަތުގެ ފައިސާ އާއި ތިޖޫރިއާ ހަވާލުވެ ހުރި މުވައްޒަފުގެ އަމިއްލަ ފައިސާ ވެސް އޭނާގެ މޭޒު ވަތްގަނޑުގައި ހުރި ކަމަށެވެ.

އޮޑިޓު ރިޕޯޓުގައި އޮޑިޓަރު ޖެނެރަލް ވަނީ، މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން، ދައުލަތުގެ ތަންތަނުގެ ތިޖޫރިއާއި ވަތްގަނޑުތަކާއި އަލަމާރިތަކުގައި މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކުގެ ފައިސާ، ގަހަނާ އަދި އަގުބޮޑު ތަކެތި ނުބެހެއްޓުމަށް ވަނީ ލަފޭގެ ގޮތުގައި އަންގައިފަ އެވެ.

އޮޑިޓު ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ، 2015 ފެބްރުއަރީ 22 އާ ހަމައަށް، ޖަމާނުކޮށް ފަސް ޗެކެއްގެ ޖުމްލަ އަދަދު، 28،435 ރުފިޔާ، މިނިސްޓްރީގެ ތިޖޫރީގެ ހިސާބުތަކުގައި ޖަހާފައި ނުވާ ކަމަށެވެ. އަދި އެ ރިޕޯޓުގައި ހިމެނާފައި ވަނީ، އެ ހަފްތާގެ ނިޔަލަށް ތިޖޫރީގައި ހުރި ޔޫއެސް ޑޮލަރުގެ ތަފްސީލު އެކަނި ކަމަށާއި އެހެންކަމުން އެ ހަފްތާގައި މިނިސްޓްރީގެ ތިޖޫރިއަށް ވެއްދި، އަދި ތިޖޫރީން ނެރުނު ޑޮލަރުގެ ތަފްސީލު ނޭނގޭ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެ އެވެ.

މީގެ އިތުރުން، ރީޖަނަލް އެއާޕޯޓްސް އިން ހިންގާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިޖޫރި ރިޕޯޓުގައި ވެސް ގިނަ މައުލޫމާތު ނެތް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް