އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ސްޓޯކް ސިޓީ ބަލިކޮށް، ލިވަޕޫލް އަލުން ތާވަލުގެ ދެ ވަނައަށް ޖެހިލައިފި އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސްޓޯކްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދާފައި ވަނީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ 12 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ސްޓޯކް އިންނެވެ. އެރިކް ޕިއެޓާސް ނަގައިދިން ރީތި ހުރަހަކުން ސްޓޯކް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް ޖޮނަތަން ވޯލްޓާސް އެވެ.
މެޗުގެ ފުރަތަމަ ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ދެ ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. މެޗުގެ 34 ވަނަ މިނެޓުގައި ލިވަޕޫލަށް އެޑަމް ލަލާނާ ނަތީޖާ ހަމަހަމަކޮށްދިން އިރު، ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖޭމްސް މިލްނާ ދިން ބޯޅައަކުން ލިވަޕޫލަށް ލީޑު ހޯދައިދިނީ ރޮބާޓޯ ފާމީނޯ އެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު، އެ ޓީމުން އިތުރު ދެ ލަނޑު ވެސް ކާމިޔާބުކޮށްފައިވެ އެވެ. މެޗުގެ 59 ވަނަ މިނެޓުގައި ފެނުނު ލަނޑަކީ ސްޓޯކްގެ ޖިއަންނެލީ އިމްބޫލާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 70 ވަނަ މިނެޓުގަ އެވެ. ސްޓޯކްގެ ޑިފެންޑަރު ރަޔަން ޝޯކްރޮސް އަށް ހެދުނު ގޯހަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް ޑެނިއެލް ސްޓަރިޖް އެވެ.
އެ ނަތީޖާއާ އެކު ކުޅުނު 18 މެޗުން ލިބުނު 40 ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނައިގައި ލިވަޕޫލް އޮތް އިރު، ތާވަލުގެ އެއް ވަނައިގައި އޮތް ޗެލްސީ އަށް 18 މެޗުން ލިބިފައި ވަނީ 46 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 39 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް އާސެނަލަށް ލިބިފައި ވަނީ 37 ޕޮއިންޓެވެ. ރޭގެ މެޗުގައި ލިވަޕޫލް އަތުން ބަލިވި ސްޓޯކް އޮތީ ކުޅުނު 18 މެޗުން ލިބުނު 21 ޕޮއިންޓާ އެކު ތާވަލުގެ 13 ވަނައިގަ އެވެ.