ޓޫއަރިޒަމް މިނިސްޓްރީ އިން މިހާތަނަށް ނަގަމުން އައި، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި 22 ޓެކްސްއެއް، 2017 ޖެނުއަރީ އެކަކުން ފެށިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އިން ނަގާ ގޮތަށް ހަމަޖައްސައިފި އެވެ.
ޓޫއަރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނާ ގޮތުގައި، މީގެ ކުރިން މިނިސްޓްރީ އިން ބަލައިގަންނަމުން އައި ހުރިހާ ފައިސާއެއް ދެން ބަލައިގަންނާނީ މީރާ އިން ކަމަށެވެ.
މިނިސްޓްރީ އިން ނަގަމުން އައި އަދި 2017 ވަނަ އަހަރު ފެށުމުން މީރާއިން ބަލައިގަންނަން ފަށާނެ ފީތަކަކީ ޗާޓަރު ލައިސަންސް ފީ، ކްރޫޒިންގް ޕާމިޓް ފީ، ޑައިވް ސްކޫލް ރެޖިސްޓްރޭޝަން ފީ، އީއައިއޭ ޕްރޮސެސްކުރުމުގެ ފީ، އީއެމްޕީ ޕްރޮސެސްކުރުމުގެ ފީ، އީއޯއައި އެޑްމިނިސްޓްރޭޝަން ފީ، ބީލަން ފޮތް ވިއްކުން، ބޭންކް ގެރެންޓީ ފޯފެޗާ އަދި މޯގޭޖް ރެޖިސްޓްރޭޝަން ފީ، ގެސްޓްހައުސް ރެޖިސްޓްރޭޝަން ފީ އަދި ލައިސަންސް އާކުރުމުގެ ފީ، ލަގްޒަރީ ވިލާ ރެޖިސްޓްރޭޝަން ފީ، ޓުއަރިސްޓް ހޮޓެލް ރެޖިސްޓްރޭޝަން ފީ އަދި ލައިސަންސް އާކުރުމުގެ ފީ، ޓުއާގައިޑްކަން ކުރުމުގެ ހުއްދައިގެ ފީ، އަދި އެ ހުއްދަ އާކުރުމުގެ ފީ، ޓުއަރިސްޓް އުޅަނދުފަހަރުގެ ރެޖިސްޓްރޭޝަން ފީ، ސަބް ލީސް ރެޖިސްޓްރޭޝަން ފީ، ލީސް ޓްރާންސްފާ ފީ، އަދި ގާނޫނުތަކާއި ގަވައިދުތަކާއި އެއްބަސްވުންތަކާ ޚިލާފުވުމުން ދައްކަން ޖެހޭ ޖޫރިމަނާތަކެވެ.
ޓޫއަރިޒަމް މިނިސްޓްރީން ބަލައިގަންނަ ޖޫރިމަނާތަކާއި ފީތައް މީރާ އިން ބަލައިގަންނަ ގޮތަށް ހަމަޖައްސައި، ދެ މުއައްސަސާ ދެމެދު އެއްބަސްވުމެއް އެކުލަވާލީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅުގެ ތެރޭގަ އެވެ.
ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލަ ކަމުގައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަނުގެ މައްސަލައިގައި އެ ފައިސާއަށް ޚިޔާނާތްތެރިވުމަށް އެންމެ ބޮޑަށް ފަހިވީ، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުރަށްރަށުގެ އެކުއިޒިޝަން ފީ އެމްއެމްޕީއާރުސީއަށް ބަލައިގަންނަން ފެށުމުންނެވެ.
ޓޫއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު މީގެ ކުރިން ވިދާޅުވި ގޮތުގައި، މިނިސްޓްރީން ޖޫރިމަނާ އާއި ފައިސާ ބަލައިގަތުމުގެ ކަންކަން ކުރުމަކީ މުވައްޒަފުންގެ ދަތިތަކާ ހުރެ، އުނދަގޫ އަދި ޚަރަދު ބޮޑު ކަމެއް ކަމަށެވެ. އަދި މީރާ އިން އެ ފައިސާ ބަލައިގަތުމަކީ ފައިސާ އަށް ޚިޔާނަތްތެރި ވުމުގެ ފުރުސަތު ކުޑަވާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު މި މަސައްކަތް ކުރަނީ ކުދިކުދި ފީތައް ވެސް މީރާއިން ނަގާ ގޮތަށް ހަދަން. މުވައްޒަފުންގެ ދަތިތަކެއް ހުރި އިރު، 100 ރުފިޔާ އިން 200 ރުފިޔާ އިން ފީ ބަލައިގަންނަންވާ އުނދަގުލާއި ހިނގާ ޚަރަދު ވެސް ވަރަށް ބޮޑު. އެ ހުރިހާ ކަމެއް މީރާއަށް މި ބަދަލު ކޮށްލީ. ބޭނުމަކީ ފައިސާ މިސްޔޫޒް ކުރާނެ ފުރުސަތު ކުޑަކުރުން."