އެމްއެމްޕީއާރްސީން ބަލައިގަންނަމުން ދިޔަ ފައިސާ މީރާއިން ބަލައި ގަންނަ ގޮތަށް ބަދަލުކޮށްފި

މީރާ: އެކުއިޒިޝަން ފީގެ އިތުރުން ފަތުރުވެރިކަމާ ގުޅޭ ޖޫރިމަނާތައް ދެން ބަލައިގަންނާނީ މީރާއިން -- ސަންފޮޓޯ/ އަލީ ނަސީރު

ޓޫރިޒަމްގެ ބޭނުންތަކަށް ދޫކުރާ ފަޅު ރަށްރަށާއި ފަޅުތަކުގެ އެކުއިޒިޝަން ފީގެ އިތުރުން ފަތުރުވެރިކަމާ ގުޅޭ ޖޫރިމަނާތައް ދެން ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް މިއަދު ޒަމީރު ހާޒިރުކުރި އިރު، އެ ކޮމިޓީގައި ޒަމީރު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން ދެން ފައިސާގެ ކަންކަމާ ނުބެހޭނެ ކަމަށާއި އެ މިނިސްޓްރީއާ ގުޅޭ ފައިސާގެ ހަމައެކަނި ކަމަކަށް ވާނީ ފަތުރުވެރިކަމުގެ ޕްރޮމޯޝަނަލް މަސައްކަތްތަކުގެ ފައިސާ ކަމަށެވެ.

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލަ ކަމުގައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަނުގެ މައްސަލައިގައި، އެ ފައިސާއަށް ޚިޔާނާތްތެރިވުމަށް އެންމެ ބޮޑަށް ފަހިވީ، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުރަށްރަށުގެ އެކުއިޒިޝަން ފީ އެމްއެމްޕީއާރުސީއަށް ބަލައިގަންނަން ފެށުމުންނެވެ.

އެކި ކަންކަމުގެ ދައުލަތަށް ދައްކަންޖެހޭ ޓެކްސްއާޢި ފައިސާ ބަލައިގަންނަން ޖެހެނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީންނެވެ.

ޒަމީރު މިއަދު ކޮމިޓީގައި ވިދާޅުވީ ފަޅުރަށްތައް ދޫކުރާ އިރު އޭގެ ފައިސާ ބަލައިގަންނާނީ މީރާ އިން ކަމަށާއި ޓޫރިޒަމް މިނިސްޓްރީގެ ދައުރަކަށް ވާނީ ކޮންޓްރެކްޓުގައި ސޮއިކުރުން އެކަނި ކަމަށެވެ.

"މީރާއިން އެ ފައިސާ ކަލެކްޓް ކުރާނީ. މީރާ އިން އެ ފަރާތަކަށް ދޭ ރިސީޓުކޮޅެއް ގެނައިމާ ހެޑް ލީޒް އެގްރީމެންޓް ވެސް ހަދާނީ،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ބޮޑެތި ކޮންޓްރެކްޓުތައް ހަދާ އިރު މީރާގެ ޓީމެއް ޓޫރިޒަމް މިނިސްޓްރީއަށް ޒިޔާރަތް ކުރާނެ ކަމަށާއި، އެކަންކަން ކުރާނީ މީރާ އިން ގަބޫލުކުރާ ބޭންކެއްގެ ޗެކެއް، ރަށް ދޫކުރެވޭ ފަރާތުން ހުށަހެޅުމުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީން މީގެ ކުރިން ޓޫރިޒަމާ ގުޅޭ ކުދިކުދި ޖޫރިމަނާތައް ބަލައިގަންނަމުން ދިޔަ ނަމަވެސް، މިހާރު އެ ފައިސާ ބަލައިގަންނާނީ މީރާ އިން ކަމަށެވެ. ޒަމީރު ވިދާޅުވީ މުވައްޒަފުންގެ ދަތިތަކާއި ހުރެ އެފަދަ ކަންކަން މިނިސްޓްރީ އިން ކުރުމަކީ އުނދަގޫ އަދި ޚަރަދު ބޮޑު ކަމެއް ކަމަށާއި މި މަސައްކަތް މީރާއަށް ބަދަލު ކުރުމުން އެ ފައިސާ އަށް ޚިޔާނަތްތެރި ވުމުގެ ފުރުސަތު ކުޑަވާނެ ކަމެއް ކަމަށެވެ.

"މިހާރު މި މަސައްކަތް ކުރަނީ ކުދިކުދި ފީތައް ވެސް މީޜާއިން ނަގާ ގޮތަށް ހަދަން. މުވައްޒަފުންގެ ދަތިތަކެއް ހުރި އިރު، 100 ރުފިޔާ އިން 200 ރުފިޔާ އިން ފީ ބަލައިގަންނަން ވާ އުނދަގުލާއި ހިނގާ ޚަރަދު ވެސް ވަރަށް ބޮޑު. އެ ހުރިހާ ކަމެއް މީރާއަށް މި ބަދަލު ކޮށްލީ. ބޭނުމަކީ ފައިސާ މިސްޔޫޒް ކުރާނެ ފުރުސަތު ކުޑަކުރުން."

މިނިސްޓަރު ޒަމީރު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން ކުރާނެ ފައިސާގެ މަސައްކަތަކީ ހަމައެކަނި ފަތުރުވެރިކަމުގެ ޕްރޮމޯޝަނަލް މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ފައިސާގެ މަސައްކަތް ކަމަށެވެ.

އަދި ސަރުކަރުން ބޭނުން ވަނީ މިނިސްޓަރުގެ ދޮރުގައި ޓަކި ނުޖަހައި މަސައްކަތް ކުރެވޭނެ ގޮތެއް ރޭވުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް