ފަތުރުވެރިކަމުގެ ދާއިރާއިން، ޓޫރިޒަމް މިނިސްޓްރީން ނަގަމުން އައި ޓެކްސްތައް މޯލްޑިވްސް އިލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ނެގުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ. މީރާގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނާ އޮފް ޓެކްސޭޝަން، ޔަޒީދު މުހައްމަދެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މީގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާއިން ޓޫރިޒަމް މިނިސްޓްރީން ނަގަމުން އައި ފީތަކާއި ޓެކްސްތައް އެ އެއްބަސްވުމުގެ ދަށުން، މީގެ ފަހުން ނަގާނީ މީރާ މެދުވެރިކޮށް ކަމަށެވެ.
"މިއަދު ސޮއި ކުރެވުނު އެމްއޯޔޫގެ ދަށުން ޓޫރިޒަމް މިނިސްޓްރީއަށް ނެގޭ އެކިއެކި ފީތަކާއި ކަލެކްޓް ކުރެވޭ އެކި ޓެކްސްތައް މީރާ އިން ނަގާ ގޮތަށް ނިންމުން އެއްކަމަކީ. އަނެއް ކަމަކީ ދެ މުއައްސަސާގެ މަސައްކަތްތަށް ފަހި ކުރުމަށް ޓަކައި ދެފަރާތުގެ ޑޭޓާ އެކްސްޗޭންޖު ކުރުން،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން މައުލޫމާތު ހިއްސާ ކުރި ނަމަވެސް ހިއްސާ ކުރާނީ ވަކިވަކި ކުންފުނިތަކާއި ފަރުދުންގެ މައުލޫމާތެއް ނޫން ކަމަށާއި، ހިއްސާ ކުރާނީ ޖުމްލަކޮށް އެއްކޮށްލެވިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޓެކްސޭޝަން ޔަޒީދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތައް ނެގުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
"ޓެކްސްގެ ނިޒާމުގައި ނޮން ޓެކްސް އަކީވެސް މުހިއްމު ދައުރެއް އަދާކުރާ އެއްޗަކަށްވާއިރު، އެ ފައިސާ އެއްތަނަކުން ބަލައިގަތުމުން ހުރިހާ ފަރާތަކަށްވެސް ފަސޭހަވެގެންދާނެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ބަލައިގަންނަމުން އައި ހުރިހާ ފައިސާތަކެއް ދެން ބަލައިގަންނަމުން ދާނީ މީރާއިން،" ޔަޒީދު ވިދާޅުވި އެވެ.
މައުލޫމާތު ހިއްސާ ކުރުމަކީ ޓެކްސްއާ ބެހޭ ގާނޫނުގެ ދަށުން ވަރަށް ބޮޑަށް "ކޮންފިޑެންޝަލް"ކޮށް ބަހައްޓަން ޖެހޭ ކަމެކެވެ. ޔަޒީދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީއާ އެކު މައުލޫމާތު ހިއްސާކުރާނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ކަމަށެވެ.