ސުޝާންތު އާ ދެމެދު އޮންނަނީ ހާއްސަ ގުޅުމެއް: ކްރިތީ

ކްރިތީ އާއި ސުޝާންތު

ކްރިތީ ސަނޯން އަދި ސުޝާންތު ސިންގ ރާޖްޕުތު އާދެމެދު ލޯބީގެ ސިއްރު ގުޅުމެއް އޮންނަ ކަމަށް ވާހަކަ ދެކެވޭތާ އަހަރެއްހާ ދުވަސް ވަނީ އެވެ. ދެމީހުން އަންނަނީ އެ ވާހަކަތައް ދޮގު ކުރަމުންނެވެ.

ދާދި ފަހުން ވެސް ކްރިތީ އަށް ވަނީ ސުޝާންތު އާ ދެމެދު އޮންނަ ގުޅުމާ މެދު ސުވާލުތައް ކުރިމަތިވެފަ އެވެ. ކްރިތީ ވަނީ ދެމީހުންގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކޮށްފަ އެވެ.

ކްރިތީ ބުނީ ހީކުރުންތަކުގެ މައްޗަށް ވާހަކަ ދެއްކުމަކީ އޭނާ އެއްގޮތަކަށް ވެސް ހިތްހަމަ ޖެހޭ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

ނަމަވެސް ކްރިތީ ވަނީ ސުޝާންތުއާ ދެމެދު ހާއްސަ ގުޅުމެއް އޮންނަ ކަމަށް އެއްބަސްވެފަ އެވެ. އެއީ ވަރަށް ގާތް އެކުވެރި ކަމެކެވެ.

ޭއޭނާ ބުނީ ސުޝާންތު އާ ދެމީހުންނަކީ އެއްކަހަލަ މިޒާޖެއްގެ، އަދި ބެކްގްރައުންޑު ވެސް ދާދި އެއްގޮތް ދެމީހުން ކަމުން، ދެމީހުންގެ މެދުގައި ވަރަށް ގާތް އެކުވެރިކަމެއް އޮންނަ ކަމަށެވެ.

"ސުޝާންތުއާ ދެމެދު އޮންނަނީ ތަފާތު ކަނެކްޝަން އެއް. ދެމީހުން ނަކީ ވެސް ފިލްމީ އާއިލާ އަކަށް ނިސްބަތްވާ ދެމީހުންނެއް ނޫން. އޭގެ އިތުރުން ދެމީހުންނަކީ ވެސް އިންޖިނިއަރިން ކިޔަވައިގެން ތިބި ދެމީހުން. ދެމީހުން ވެސް ނިސްބަތް ވަނީ ދިއްލީ އަށް. އަނެއްކާ ދެމީހުންނަކީ ވެސް ކެއުމަށް ވަރަށް ފޯރި ހުންނަ ދެމީހުން،" ކްރިތީ ބުންޏެވެ.

ކްރިތީ އާއި ސުޝާންތު ގުޅުވައިގެން ވާހަކަތައް ދެކެވެން ފެށީ، ސުޝާންތު ގިނަ އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު އަންކިތާ ލޮކަންޑޭ އާ ރުޅިވުމުންނެވެ. އޭރު ސުޝާންތު އަދި ކްރިތީ ދިޔައީ ފިލްމު "ރާބްތާ" ގެ މަސައްކަތް ކުރަމުންނެވެ

comment ކޮމެންޓް