ޕަދްމާވަތީގެ ސެޓުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ސަންޖޭ ލީލާ ބަންސާލީގެ ފިލްމު، 'ޕަދްމާވަތީ' ގެ ސެޓުގައި ހިނގައިދިޔަ އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުންނާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން، މަރުވެފައި ވަނީ މުކޭޝް ޑާކިއާ (34) އެވެ. އޭނާ އަކީ ފިލްމުގެ ސެޓުތަކުގައި ކުލަ ލުމުގެ މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

އަދި އޭނާ މަރުވީ ފިލްމު ސިޓީގައި، ޕަދްމާވަތީގެ ސެޓް އެއް ތައްޔާރު ކުރުމަށް ކުލަ ލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފަސް ފޫޓު މަތިން ވެއްޓި ބޯ ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ވަނީ މައްސަލައިގެ ތަހުގީގު ފަށައިފަ އެވެ. ބައެއް ޚަބަރުތައް ބުނާގޮތުން، ސެޓުގެ މަސައްކަތް ކުރިއަށް ދިޔައީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅަ އެވެ.

ނަމަވެސް ފިލްމުގެ އާޓް ޑިރެކްޓަރުން ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. އާޓް ޑިރެކްޓަރުން ބުނެފައި ވަނީ ބަންސަލީ ޕްރޮޑަކްޝަންގެ ސެޓް ތަކަކީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި، ރައްކާތެރި ސެޓު ތަކެއް ކަމަށެވެ.

ސަންޖޭ ލީލާ ބަންސާލީ ވަނީ މުކޭޝްގެ އާއިލާ ހަމްދަރުދީގެ އިތުރުން މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ބަންސާލީ ޕްރޮޑަކްޝަންސްގެ ސީއީއޯ، ޝޯބާ ސަންތާ ބުނެފައި ވަނީ ސެޓުގައި ހިނގާދިޔައީ ވަރަށް ހިތާމަވެރި ހާދިސާ އެއް ކަމަށާއި، މުކޭޝްގެ އާއިލާ އަށް ހުރިހާ ގޮތަކުން ވެސް އެހީ ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

comment ކޮމެންޓް