ކުއްތާއާއެކު މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނަކަށް ފުލުހުން ނުކުމެއްޖެ

ކުއްތާ ބޭނުންކޮށްގެން ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ-- ފޮޓޯ/ ޕޮލިސް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކޮށް އަމާން ރައްކަތެރި މާހައުލެއް ގާއިމުކުރުމުގެ ގޮތުންނާއި މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތައް މަދުކުރުމާއި ކުށްމަދުކުރުމުގެ ގޮތުން ހިންގާ ހާއްސަ އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް އެކި ސަރަޙައްދުތައް ބަލައިފާސްކުރުމުގެ އިތުރުން ކ. އަތޮޅުގެ އެހެން ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި ފާރަގެމަ ބޭނުންކުރާނެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ---- ފޮޓޯ: ޕޮލިސް

އެ އޮޕަރޭޝަނުގެ ތެރެއިން ތުހުމަތުކުރެވޭ މީހުންނާއި ސަރަޙައްދުތައް ބަލައިފާސްކުރަމުން އަންނަ އިރު މިހާތަނަށް ތުހުމަތުކުރެވޭ 369 މީހުންނާއި ހަތަރު ތަނެއް ބަލައިފާސްކޮށްފައިވާނެ ކަމަށް ފުލުހުން ބުނެ އެވެ.

ބަލައި ފާސްކުރެވުނު ތަންތަނުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ޗޮކްލެޓެއްގެ އިތުރުން ކަރުދާސްކޮޅަކާއި ކެނަބިސް އޮށްތަކެއް ކަމަށް ބެލެވޭ އޮށްތަކަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅައި ތައްޔާރުކޮށްފައިވާ ބިޑިތަކެއް ފުލުހުން ވަނީ ހޯދައިފަ އެވެ.

އޭގެ އިތުރުން އެ އޮޕަރޭޝަނުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ، މަސްތުވާތަކެއްޗާއެކު 22 އަހަރުގެ ފިރިހެނަކު ވަނީ ހުފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާ އުޅެމުންދާ ކޮޓަރި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 50 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ބައެއް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

comment ކޮމެންޓް