'ހާފް ގާލްފްރެންޑް' ގެ ޝޫޓިން ނިންމާލައިފި

އަރްޖުން ކަޕޫރު އަދި ޝްރައްދާ ކަޕޫރު ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާ ފިލްމު، 'ހާފް ގާލްފްރެންޑް'ގެ ޝޫޓިން ނިންމާލައިފި އެވެ.

މޯހިތު ސޫރީ ޑައިރެކްޓު ކުރާ 'ހާފް ގާލްފްރެންޑް'ގެ ޝޫޓިން ނިމިފައިވާ ކަން ހާމަކޮށްފައި ވަނީ ޝްރައްދާ ކުރި ޓުވީޓެއްގަ އެވެ.

މީގެ ކުރިން ވެސް މޯހިތު އާ އެކު ދެ ފިލްމެއްގައި މަސައްކަތް ކޮށްފައިވާ ޝްރައްދާ ބުނެފައި ވަނީ މޯހިތު އާއެކު ހެޓްރިކް އެއް ހަދާފައިވާ ކަމަށެވެ. ޝްރައްދާ މީގެ ކުރިން މޯހިތުއާ އެކު މަސައްކަތް ކޮށްފައި ވަނީ 'އާޝިގީ 2' އަދި 'އެކް ވިލަން' ގަ އެވެ.

ތިން ބައްރުގެ ހަ ސްޓޭޓެއްގައި ކުރިއަށް ދިޔަ 'ހާފް ގާލްފްރެންޑް'ގެ ޝޫޓިން ނިންމާލާފައި ވަނީ 80 ދުވަހުންނެވެ.

'ހާފް ގާލްފްރެންޑް' އަކީ ޗެތަން ބަގަތު ހަމަ އެ ނަމުގައި ލިޔެފައިވާ ވާހަކަ އެއްގެ މައްޗަށް އުފައްދާފައިވަ ފިލްމެކެވެ.

ޝްރައްދާ ބުނީ ލިޔުންތެރިޔާ ވާހަކަ ގެނެސްދީފައިވާ ގޮތަށް، އެކްޓު ކުރުމަކީ އޭނާ އަށް ޗެލެންޖަކަށް ވެގެން ދިޔަ ކަމަށެވެ. ނަމަވެސް ޝޫޓިން ނިންމާލީ ވަރަށް ހިތްހަމަޖެހިފައި ހުރެގެން ކަމަށް އޭނާ ބުންޏެވެ.

އަރްޖުން ވަނީ މީގެ ކުރިން ވެސް ޗެތަން ބަގަތުގެ ވާހަކަ '2 ސްޓޭޓްސް'ގެ މައްޗަށް އުފެއްދި ފިލްމުގައި ވެސް ފެނިގެން ގޮސްފަ އެވެ.

'ހާފް ގާލްފްރެންޑް' ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު އެވެ.

comment ކޮމެންޓް