ސިވިލް ކޯޓުން ކުރި ހުކުމަށް އިހްތިރާމް ކުރަން، ޕާސަނަލީ ހިތްހަމައެއް ނުޖެހޭ: ޖުނައިދު

އެމްޕީއެލްއަށް 30 އަހަރު ފާހަގަކުރުމުގެ ގޮތުން މީރުބަހުރު ބަނދަރުގައި ބޭއްވި ހަފްލާގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ

ޑީސަލް ސަޕްލައިކުރަން މެރީޑިއަމާ އެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރަން އަންގައި ސިވިލް ކޯޓުން ކުރި ހުކުމަށް އިހްތިރާމްކުރާ ކަމަށާއި ނަމަވެސް އަމިއްލަ ހައިސިއްޔަތުން އެ ހުކުމާ މެދު ހިތްހަމައެއް ނުޖެހޭ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.

މެރީޑިއަމްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޕޯޓްސް ލިމިޓެޑުން އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސް ވުމާ ހިލާފަށް އެހެން ފަރާތަކަށް ތެޔޮ ސަޕްލައި ކުރުމަށް ދޭތީ އެއްބަސްވުމާ ހިލާފުވިކަން ކަނޑައަޅައި ދިނުމަށް އެދި އެވެ.

އެ މައްސަލަ ނިންމައި މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެމްޕީއެލުން މެރިޑިއަމް ނޫން އެހެން ފަރާތްތަކަށް ޑިސަލް ސަޕްލައިކުރަން ހަވާލުކުރަމުން ދަނީ މެރީޑިއަމާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުމުގައިވާ ގޮތަށް އަމަލުކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެ ހުކުމާ ގުޅޭ ގޮތުން ރޭގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޖުނައިދު ވިދާޅުވީ، އެމްޕީއެލް ފަދަ ސަރުކާރުގެ މުހިއްމު މުއައްސަސާއަކަށް ކުޑަ ނަމަވެސް ގެއްލުމެއްވާ ނަމަ އެކަން ހައްލުކުރުމަކީ އެ މުއައްސަސާއެއްގައި ހުންނަ ސީއީއޯއެއްގެ ޒިންމާއެއް ކަމަށެވެ.

އެހެންނަމަވެސް މެރީޑިއަމްގެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމަށް އިހްތިރާމްކުރައްވާ ކަމަށް ޖުނައިދު ވިދާޅުވި އެވެ. އަދި އެ މައްސަލަ އެމްޕީއެލް އިން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިރު، ހައި ކޯޓުން ކުރާ ހުކުމާ އެއްގޮތަށް ވެސް އަމަލުކޮށް އިހްތިރާމްކުރާނޭ ކަމަށް ވިދާޅުވި އެވެ.

"މެރީޑިއަމްއާ މެދު ކޯޓުންކުރި ހުކުމަށް އިހްތިރާމްކުރަން. އަޅުނގަޑު ޕާސަނަލީ ހިތްހަމައެއް ނުޖެހޭ. ކޯޓުން އެއޮތީ ހުކުމް އިއްވާފައި އެހެންވީމަ ސީއީއޯގެ ޒިންމާއެއް ހުކުމް އިއްވީމާ ދެން ކޮން މަރުހަލާއަކަށްތޯ ދާނީ. ދެން އޮންނާނީ އިސްތިއުނާފުގެ މަރުހަލާ. އިސްތިއުނާފު ކުރީމާ އެގޮތަށް ހުކުމް އައިސްފި ނަމަ އެގޮތަށް އިހްތިރާމްކޮށްގެން ކުރިއަށްގެންދާނަން،" ޖުނައިދު ވިދާޅުވި އެވެ.

ސަން އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ޖުނައިދު ވިދާޅުވީ، އެމްޕީއެލް އަށް ތެޔޮ ސަޕްލައިކޮށްދިނުމަށް މެރީޑިއަމާ އެކު ހަދާފައިވާ އެއްބަސްވުމަކީ ސައްޙަ ނޫން އެއްބަސްވުމެއް ކަމަށާއި އެފެދަ އެއްބަސްވުމެއް ދަމަހައްޓަން ސިވިލް ކޯޓުން ހުކުމް އިއްވީތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

"ތެޔޮ ގަންނަން ޖެހޭ އަގަށް ބައްލަވާ. ހަތް ރުފިޔާ އަށް ލިޓަރެއް ލިބެން އެބައޮތް. އެސްޓީއޯ އިން ވެސް މިހާރު ތެޔޮ ވިއްކަނީ އެންމެ އަށް ރުފިޔާއަށް ލިޓަރެއް. ހަމަ މިދަންނަވާ ޑީސަލް މެރިޑިއަމް ކިޔާ ކުންފުންޏަކުން 12 ރުފިޔާއަށް ލިޓަރެއް ގަންނަން ޖެހުމަކީ މިހައި ގިނަ ތެޔޮ ގަންނަން ޖެހޭ ކުންފުންޏަކަށް ލިބޭ ކިހާ ބޮޑު ގެއްލުމެއްތޯ،" ޖުނައިދު ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ކުރިއަރުވަން މި ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ކުންފިނިތަކަށް އަހަރަކު އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ގޮތް މެދުވެރިވުމަކީ ދައުލަތަށާއި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

މެރީޑިއަމް ސާވިސަސް އިން މާލެ ވިޔަފާރި ބަނދަރުގައި ބޭނުންކުރާ އުޅަނދު ފަހަރަށް މިހާރު ތެޔޮ އަޅާ ގޮތުން އަހަރަކު 10 މިލިއަން ރުފިޔާ ކުންފުންޏަށް ގެއްލުންވާ ކަމަށް ޖުނެއިދު ވިދާޅުވެފައިވެ އެވެ.

މެރީޑިއާމްގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެފައި ވަނީ އެމްޕީއެލް އަށް ތެޔޮ ސަޕްލައިކޮށްދިނުމަށް އެކުންފުންޏާ ހަވާލުކުރި މައްސަލަ ތަހުގީގުކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮވައިލައްވާ ކަމަށެވެ.

ރިޔާޒު ވިދާޅުވީ އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ރިޕޯޓު ނެރެފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާދެއްވާނެ ކަމަށެވެ.

comment ކޮމެންޓް