އުރީދޫ އާ ސްޓިކާ: ވައިބާއިން "އޮލަ ވާހަކަ" ކިޔައިދެނީ މަހެއް!

އުރީދޫން ތައާޜަފްކުރި "އޮލަ ވާހަކަ" ވައިބާ ސްޓިކާ ސެޓްގެ އިސްތިހާރެއް ---

ރައްޓެހިން އަދި އާއިލާގެ މެމްބަރުންގެ ތެރޭގައި ދެކެވޭ ވާހަކަތައް އިތުރަށް ފުރިހަމަވާނޭ ގޮތަށް ރާއްޖެއަށް ހާއްސަ ދެވަނަ ވައިބާ ސްޓިކާ ސެޓެއް އުރީދޫއިން ތައާރަފް ކޮށްފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން މިރޭ ތައާރަފް ކުރި އާ ވައިބާ ސްޓިކާ ސެޓަށް ދީފައިވާ ނަމަކީ "އޮލަ ވާހަކަ" އެވެ. އެ ސެޓުގައި މުޖުތަމައުގައި މިހާރު ގިނައިން ބޭނުންކުރާ ބައެއް އިބާރާތްތަކުގެ ތެރޭގައި "އިރާދަ ކުރެއްވިއްޔާ"، "ކޮބާ ކިހިނެއް؟"، "އުފާވެރި އުފަން ދުވަހެއް" އަދި "ނާހަމަ ތެދެއް؟"، މިފަދަ ލަފްޒުތައް ހިމަނާފައިވެއެވެ.

އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވީ، މިއަދު ތައާރަފް ކުރި ސްޓިކާ ސެޓުން އެންމެ އިހުއްސުރެ އޮލަ ވާހަކައަށް ދިވެހިން ހުންނަ ފޯރި އިތުރަށް ފުރިހަމަކޮށްދޭނެެ ކަމަށެވެ.

"އެންމެ އިހުއްސުރެ ދިވެހިންނަކީ 'އޮލަ ވާހަކަ' ތަކަށް ވަރަށް ފޯރި ހުންނަ ބައެއް. ހޮޅުއަށިތަކުގައާއި ޖޯލިފަތި ތަކުގައި، އުނދޯލިތަކުގައި އަދި މިހާރު ކޮފީމޭޒުތަކުގައިވެސް މިކަން ކުރިއަށްދޭ. މިހުރިހާ 'އޮލަ ވާހަކަ' އެއް ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރައްވާ ބޭފުޅުންގެ ފޯނުތަކަށް، ވައިބާ މެދުވެރިކޮށް އިތުރަށް ފުރިހަމަކޮށްދިނުމަށް އުރީދޫއިން މިއަދު މި ތައާރަފްކުރާ ސްޓިކާސެޓް އެހީތެރިވެދޭނެ." ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒު ވިދާޅުވިއެވެ.

މާކެޓިން ކޮމިއުނިކޭޝަންސް އެގްޒެކެޓިވް އިސްމާއިލް މަޒްހަމް ވިދާޅުވީ، 'އޮލަ ވާހަކަ' ވައިބާ ސްޓިކާސެޓް އުފެއްދުމުގައި އިސްކަންދީފައިވާނީ ދިވެހިންގެ މެދުގައި ދެކެވޭ ވާހަކައަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، މުޖުތަމައާއި ސަގާފަތާއި ގުޅުންހުރި ބަސްމަގު އެކުލެވޭ ގޮތަށް ކަމަށެވެ.

އެގޮތުން އުރީދޫ އިން ވައިބާގައި ދިވެހިބަހުގެ މުއްސަނދިކަން ދައްކުވައިދޭ އިތުރު ސްޓިކާތައް ތައާރަފް ކުރަމުންދާނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫން މިއަދު ތައާރަފްކުރި ސްޓިކާސެޓް އިތުރު އެއްވެސް އަގަކާ ނުލާ ވައިބާ ސްޓިކާ މާކެޓުން ޑައުލޯޑް ކުރެވޭއިރު މި ލިންކް މެދުވެރިކޮށް ވެސް ޑައުންލޯޑު ކުރެއްވޭނެއެވެ.

ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހި ކުރުމުގައި ރާއްޖޭގެ ގިނަބައެއް ވައިބާ ބޭނުން ކުރަމުންދާއިރު، އުރީދޫ އިން މީގެކުރިން ވަނީ ވަރަށް އަގުހެޔޮކޮށް ވައިބާ ބޭނުންކުރެވޭ ޗެޓް ޕެކްތަކެއް ތައާރަފްކޮށްފައެވެ.

އެގޮތުން އެއް ދުވަހު ވައިބާ ބޭނުންކުރެވޭ ގޮތަށް ތައާރަފްކުރި "ވައިބާ5" އިން ފަސް ރުފިޔާއަށް 30 އެމްބީއާ ހަމައަށް ވައިބާ ބޭނުން ކުރެވެއެވެ. އަދި "ވައިބާ11" ޕެކޭޖުން 11 ރުފިޔާއަށް ފަސް ދުވަހުގެ ތެރޭގައި 80 އެމްބީއާ ހަމައަށް ވައިބާ ބޭނުންކުރެވެ އެވެ.

comment ކޮމެންޓް