އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 11 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
މި މަހު 30 އިން 31 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ 2016 ވަނަ އަހަރުން ފެށިގެން އައިޔޫއެމް އިން ބާއްވަމުން އަންނަ އިލްމީ ހަރަކާތެކެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އައިސީއައިއޭ އަކީ އިލްމީ މައުލޫމާތު ބަދަލުކުރުމާއި، އިލްމީ ބަހުސްތައް ކުރުމަށް މަގުފަހިކޮށްދޭ މުހިންމު ޕްލެޓްފޯމެކެވެ. މީގެ އިތުރުން، ހެކީގެ މައްޗަށް ބިނާކޮށް ކުރެވޭ އަމަލީ މަސައްކަތްތައް ރާއްޖޭގައި އިތުރުކުރުމަށް ފުރުސަތު ހުޅުވާލަދިނުމަކީ ވެސް މި ކޮންފަރެންސްގެ އަމާޒެއް ކަމަށް އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.
މި ކޮންފަރެންސަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ބީއެމްއެލް އިން ބުނީ، ދިރާސާކުރުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެއްބާރުލުންދިނުމުގައި އެ ބޭންކުން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ތައުލީމީ އަދި ދިރާސާގެ ނިޒާމު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބޭންކުގެ އަމާޒެއް ކަމަށް ވެސް އެ ފަރާތުން ބުނެފައިވެއެވެ.