އިންތިހާބާ ގުޅިގެން އިލެކްޝަނުން ހައިކޯޓަށް ހުށަހެޅި މައްސަަލަ އަނބުރާ ނަގަން ނިންމައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު އާޒިފް

ލޯކަލް ކައުންސިލް އިންތިހާބު ދެމަސް ދުވަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު އެ މައްސަލަ އަނބުރާ ނަގަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިންތިހާބު ފަސްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޕީޕީއެމުންނެވެ. އެ މައްސަލަ ޕީޕީއެމުން އެދުނު ގޮތަށް ނިންމައި އިންތިހާބު ފަސްކުރަން ކުރި ހުކުމް ހައިކޯޓުގައި އިލެކްޝަނުން އިސްތިއުނާފު ކުރީ އިންތިހާބު ފަސްކޮށްފި ނަމަ ފޫ ނުބެއްދޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެވެ.

އިލެކްޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އަނބުރާ ނަގަން ނިންމީ ގައުމީ ލަފާދޭ ކޮމިޓީން އެގޮތަށް ލަފާދީފައިވާތީ ކަމަށެވެ. އެ ކޮމިޓީގައި ސިޔާސީ ޕާޓީތައް ވެސް ހިމެނޭ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

އިސްތިއުނާފު ކުރި މައްސަލަ އަނބުރާ ގެނައުމުން ސިވިލް ކޯޓުން ކުރި ހުކުމް ދެމި އޮންނާނެތީ އެ ހުކުމާ އެއްގޮތަށް ކުރިއަށް ދާން ނިންމާފައިވާ ކަމަށް އިލެކްޝަނުން ބުންޏެވެ. އެގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ކޯޓަށް ހުށަހަޅައިގެން ކުރިއަށްދާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޝަނުން ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގަން ނިންމާފައި އެވަނީ ހައިކޯޓަށް އެ މައްސަލަ ބަލައިގަނެ ރެޖިސްޓްރީ ވެސް ކުރިފަހުންނެވެ.

ޕީޕީއެމްގެ ބައެއް ލިޔެކިޔުންތައް ގެއްލިގެން، ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމެރީ ނުބޭވޭތީ، "ހާލަތުއް ޒަރޫރާގެ"ގެ ދަށުން އެ ޕާޓީން ކޯޓުގައި ދައުވާ ކުރި މައްސަލައަށް ރިޔާއަތްކޮށް، ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އިންތިހާބު ފަސްކުރުމުން އިލެކްޝަން ކޮމިޝަނަށްވާ ގެއްލުމަށް ވުރެ، ޕީޕީއެމަށްވާ ގެއްލުން ބޮޑު ކަމަށެވެ.

comment ކޮމެންޓް