އެންމެ ގިނަ އެވޯޑު ހޯދައި، އެންމެ މޮޅު ފިލްމަކަށް "ލޫދިފާ"

ގައުމީ ފިލްމު އެވޯޑްސްގެ މިއަހަރުގެ އެންމެ މޮޅު ފިލްމަކަށް ހޮވުނު "ލޫދިފާ"ގެ ޓީމަށް ޔޫތް މިނިސްޓަރު އިރުތިޝާމް އެވޯޑް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގިނަ އެވޯޑް ތަކަކާއެކު އެންމެ މޮޅު ފިލްމުގެ އެވޯޑް، ފިލްމު "ލޫދިފާ" އަށް ލިބިއްޖެ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ހަތް ވަނަ ގައުމީ ފިލްމު އެވޯޑްސް ހަފްލާގައި އެންމެ މޮޅު ފިލްމުގެ އެވޯޑް ހޯދީ ލޫދިފާގެ ޓީމަށް އެވޯޑް ހަވާލު ކޮށްދެއްވީ ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމެވެ.

އެންމެ މޮޅު ފިލްމުގެ އެވޯޑާއެކު މޫމިން ފުއާދު ލިޔެ ޑައިރެކްޓް ކޮށްފައިވާ އަދި ބޮޑު ކާސްޓެއް ހިމެނޭ ފިލްމު "ލޫދިފާ" އަށް ވަނީ 10 އެވޯޑެއް ލިބިފަ އެވެ.

އެގޮޮތުން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި އެންމެ މޮޅު ސްކްރީންޕުލޭގެ އެވޯޑްގެ އިތުރުން އެންމެ މޮޅު ލަވައިގެ އެވޯޑް ލިބުނީ ލޫދިފާގެ ޑައިރެކްޓަރު ފުއާދަށެވެ.

ހަތް ވަނަ ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު އެކްޓަރަކަށް ހޮވުނު އިސްމާއިލް ރަޝީދަށް ހެލްތު މިނިސްޓަރު ނާޒިމް އެވޯޑް ހަވާލުކޮށް ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭގެ އިތުރުން އެންމެ ބަތަލްގެ އެވޯޑް އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަށް ލިބުނުއިރު، މޮޅު ބަތަލާގެ އެވޯޑް ހޯދީ ލޫދިފާގައި ޝެރިންގެ ރޯލުން ފެނިގެންދިޔަ މަރިޔަމް އަފީފާއެވެ.

އަފީ އަށް އެ އެވޯޑް ލިބިފައި ވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބަތަލާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ، ނިއުމާ މުހައްމަދާ ވާދަކޮށެވެ.

ފިލްމު "ސަޒާ" އަދި "މި ހަށިން ފުރާނަ ދަންދެން" އިން މިފަހަރު އެންމެ މޮޅު ބަތަލާގެ އެވޯޑަށް ނިއުމާ ވާދަކުރިއިރު، ތިން އަހަރެއްގެ މަތިން އެންމެ މޮޅު ބަތަލާގެ ޝަރަފް ހޯދުމުގެ ފުރުސަތު އޭނާއަށް ވަނީ ގެއްލިފައެވެ.

އެވޯޑް ހަފްލާގައި އެންމެ މޮޅު ސަޕޯޓިން އެކްޓުރެސް އަދި އެކްޓަރުގެ އެވޯޑް ވެސް ގެންގޮސްފައި ވަނީ ލޫދިފާއިންނެވެ. އެގޮތުން އެންމެ މޮޅު އެކްޓަރުގެ އެވޯޑް މަޝްހޫރު އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަށް ލިބުނުއިރު، އެންމެ މޮޅު ސަޕޯޓިން އެކްޓުރެސްގެ އެވޯޑް ލިބުނީ ކުރިއަރަމުން އަންނަ ބަތަލާ ފާތިމަތު އަޒީފާ (އަޒޫ) އަށެވެ.

ގައުމީ ފިލްމު އެވޯޑްސްގެ 21 ދާއިރާއަކުން 19 ދާއިރާއަކަށް ނޮމިނޭޓްވި ފިލްމު "ލޫދިފާ" އަށް ދެން ލިބިފައި ވަނީ އެންމެ މޮޅު އާޓް ޑައިރެކްޝަންގެ އެވޯޑާއި އެންމެ މޮޅު ކޮސްޓިއުމް ޑިޒައިންގެ އެވޯޑެވެ.

ޖުމްލަ 12 ކެޓަގަރީއަކުން ނޮމިނޭޓްވި މަހުދީ އަހުމަދު ސްކްރީންޕުލޭއަކަށް ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ އަދި ސާކް ފިލްމް ފެސްޓިވަލްގައި ވެސް ވާދަކޮށް ކާމިޔާބީތަކެއް ހޯދާފަައިވާ ފިލްމު "އިނގިލި" ހަފްލާ ނިންމާލީ އެއްވެސް އެވޯޑެއް ނުލިބި ހުސްއަތާއެވެ.

އޭގެ އިތުރުން ބިންމާ އިބްރާހީމް ވަހީދުގެ ވާހަކައަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް 2013 ވަނަ އަހަރު ރިލީޒްކުރި ފިލްމު، ފަތިސްހަނދުވަރުގެ ފެށުން ތްރީޑީ އަށް ހަފްލާގައި ފަސް އެވޯޑް ލިބުނުއިރު، މަހުދީގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު (ކުޑަފޫޅު) ޑައިރެކްޓްކޮށްފައިވާ ފިލްމު، "ސަޒާ" ހަފްލާ ނިންމާލީ މުހިއްމު ތިން އެވޯޑަކާއެކުއެވެ.

ޖުމްލަ 11 ފީޗާ ފިލްމާއި ކުރު ހަ ފިލްމު ހުށަހެޅުނު މިއަހަރުގެ އެވޯޑް ބާއްވަނީ 2011 އިން 2013 އާ ދެމެދު ނެރުނު ފިލްމުތަކަށް ހާއްސަކޮށްގެންނެވެ.

އެވޯޑްތައް ލިބުނު ފަރާތްތައް:

އެންމެ މޮޅު ފިލްމު: ލޫދިފާ

އެންމެ މޮޅު ޑައިރެކްޓަރު: މޫމިން ފުއާދު (ލޫދިފާ)

އެންމެ މޮޅު އެކްޓުރެސް: މަރިޔަމް އަފީފާ (ލޫދިފާ)

އެންމެ މޮޅު އެކްޓަރު: އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) - (ލޫދިފާ)

އެންމެ މޮޅު ސަޕޯޓިން އެކްޓުރެސް: ފާތިމަތު އަޒީފާ (ލޫދިފާ)

އެންމެ މޮޅު ސަޕޯޓިން އެކްޓަރު: ރަފީ ފާރޫގް (ލޫދިފާ)

އެންމެ މޮޅު ސްކްރީންޕުލޭ: މޫމިން ފުއާދު (ލޫދިފާ)

އެންމެ މޮޅު އެޑިޓިން: އަލީ މުސްތަފާ (ސަޒާ)

އެންމެ މޮޅު ސިނަމޮޓަގުރަފީ: ހުސެއިން މުނައްވަރު (ސަޒާ)

އެންމެ މޮޅު ބެކްރައުންޑް މިއުޒިކް: މުހައްމަދު އިކްރާމް (ސަޒާ)

އެންމެ މޮޅު ސައުންޑް އެޑިޓިން: އަލީ ޝިފާއު (ފަތިސް ހަނދުވަރުގެ ފެށުން)

އެންމެ މޮޅު ސައުންޑް މިކްސިން: އަލީ ޝިފާއު (ފަތިސް ހަނދުވަރުގެ ފެށުން)

އެންމެ މޮޅު ވިޝުއަލް އިފެކްޓްސް: މުހައްމަދު ޝިނާން (ފަތިސް ހަނދުވަރުގެ ފެށުން)

އެންމެ މޮޅު މޭކަޕް: ހަސަން އާދަމް (ފަތިސް ހަނދުވަރުގެ ފެށުން)

އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން: އައިމިނަތު ނަސްރީނާ އަދި އަހުމަދު ސައީދު – (ލޫދިފާ)

އެންމެ މޮޅު އާޓް ޑައިރެކްޝަން: މޫމިން ފުއާދު، ހުސެއިން މުނައްވަރު (ކުޑަފޫޅު) އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) - (ލޫދިފާ)

އެންމެ މޮޅު ކޮރެއޯގުރަފީ: ރަފީ ފާރޫގް – "ތިޔަ މޫނަށް ލޯ" (މި ހަށިން ފުރާނަ ދަން ދެން)

އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ: މުހައްމަދު އަބްދުލް ޢަނީ – "ލޯބި ވާ އޭ" (ހިތް ޔާރާ ދީފަ)

އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާ: ޝިފާ ތައުފީގު – "ވަމޭ ފުން ހިޔާލު ތަކުގައި" (ފަތިސްހަނދުވަރުގެ ފެށުން)

އެންމެ މޮޅު ލަވަ: "ފަސްޖެހުމެއް ނެތް" – މުހައްމަދު ފުއާދު (ލޫދިފާ)

އެންމެ މޮޅު ލިރިކްސް: "ތިޔަމޫނަށް ލޯ" - މުހައްމަދު އަބްދުލް ޣަނީ (މި ހަށިން ފުރާނަ ދަން ދެން)

comment ކޮމެންޓް