ހަލަބަށް މޮނިޓަރުން ފޮނުވަން ސަލާމަތީ މަޖިލީހުން ފާސްކޮށް، މީހުން ނެރުން ކުރިއަށް

ހަލަބުން މީހުން ނެރުމުގެ މަސައްކަތް ކުރިއަށް ދަނީ: މީހުން ނެރުމުގެ މަސައްކަތް ކުރިއަށް ދާގޮތް މޮނިޓަރ ކުރުމަށް މޮނިޓަރުން ފޮނުވުމަށް އދ ގެ ސަލާމަތީ މަޖިލީހުން ވަނީ ރޭ ފާސްކޮށްފައި --- ފޮޓޯ: އޭޕީ

ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ހަމަލާތައް އެންމެ ބޮޑަށް ބަދަލުކުރެވެމުންދާ ހަލަބު ސިޓީގެ އިރުމަތީ ސަރަހައްދުގައި ތާށިވެފައި ތިބި އާންމު ރައްޔިތުން އެސަރަހައްދުން ނެރެ، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް މޮނިޓަރ ކުރުމަށް މޮނިޓަރުން ފޮނުވުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.

ހަލަބަށް މޮނިޓަރުން ފޮނުވަން ފާސްކޮށްފައި ވަނީ ތިން ގަޑި އިރަށް ދިގު ދެމިގެން ދިޔަ ބަހުސަކަށް ފަހު އެވެ.

ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުގައި ވަނީ، ހަލަބުގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އިންސާނީ އެހީ އާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ހުރިހާ ފަރާތްތަކުން ވެސް އދ އަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ.

ހަލަބުގައި ދިރިއުޅޭ އާއިލާ އެއް ހަލަބު ދޫކޮށް ދަނީ: މީހުން ނެރުމުގެ މަސައްކަތް ކުރިއަށް ދާގޮތް މޮނިޓަރ ކުރުމަށް މޮނިޓަރުން ފޮނުވުމަށް އދ ގެ ސަލާމަތީ މަޖިލީހުން ވަނީ ރޭ ފާސްކޮށްފައި --- ފޮޓޯ: އޭޕީ

ރަޝިޔާ އިން ވަނީ އިއްޔެ ވެސް ވަކި ގަރާރެއް ހުށަހަޅަން ބޭނުންވާ ކަމަށާއި، ހުޅަނގުގެ ގައުމުތަކުން ހުށަހެޅި ގަރާރު ވީޓޯ ކުރާނެ ކަމަށް ބުނެފައެވެ. މީގެ ކުރިން ވެސް ސީރިއާގެ މަސްރަހާ ގުޅޭގޮތުން ސަލާމަތީ މަޖިލީހުން ފާސް ކުރަން މަސައްކަތް ކުރި ހަ ގަރާރެއް ވީޓޯ ކޮށްފައެވެ.

ފްރާންސުން ބުނީ މީހުން ނެރުމުގެ ތެރޭގައި ހިނގައިފާނެ ހަމަނުޖެހުންތަކުން ސަލާމަތް ވުމަށް، ހަލަބަށް މޮނިޓަރުން ފޮނުވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

މިހާރު ވެސް އެތައް ހާސް ބަޔަކު ހަލަބުން ނެރެފައި ވާއިރު، މޮނިޓަރުން ހަލަބަށް ފޯރުމުގެ ކުރިން، މީހުން ނެރުމުގެ މަސައްކަތް އެކީގައި ނިމުން ކައިރި ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

ސީރިއާގެ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިން ހަލަބު ހިފާފައި ވަނީ 2012 ވަނަ އަހަރު އެވެ. އެއަށްފަހު އިދިކޮޅު ހަނގުރާމަވެރިން ހަލަބު ކޮންޓްރޯލް ކުރަމުން އައި ނަމަވެސް މިހާރު ސީރިއާ ސަރުކާރުގެ އަސްކަރިއްޔާއިން ވަނީ އެ ސިޓީ، ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

އަދި މިދިޔަ ބުރާސްފަތި ދުވަހު، ހަލަބުގެ އިރުމަތީ ސަރަހައްދުތަކުގައި ތިބި ރައްޔިތުން އެ ސަރަހައްދުތަކުން ނެރެ ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ސީރިއާ ސަރުކާރުގެ ފައުޖުތަކާއި އިދިކޮޅު ފަރާތްތަކާ ދެމެދު ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ހެދި އެއްބަސްވުމެއްގެ ދަށުން ބުރާސްފަތި ދުވަހު ހަލަބުން 6،000 ވަރަކަށް މީހުން ނެރެފައިވެ އެވެ. އަދި އިއްޔެ އިތުރު 3000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ހަލަބުން އިއްޔެ ނެރުނު މީހުންގެ ތެރޭގައި، ޔަތީމުޚާނާއެއްގައި ތިބި 50 އެއްހާ ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި ޓުވިޓާ މެދުވެރިކޮށް ހަލަބުގައި ހިނގަމުންދާ ހަނގުރާމައިގެ ތަޖުރިބާ ހިއްސާ ކުރަމުން ދިޔަ ހަތް އަހަރުގެ ބަނާ އަލްއާބިދު ވެސް އިއްޔެ ވަނީ ހަލަބުން ނެރެފަ އެވެ. ހަލަބުން ނެރެގެން މީހުން ގެންދަނީ އިދްލިބް ޕްރޮވިންސުގައި ހުންނަ ކޭމްޕުތަކަށެވެ.

ހަލަބުގެ ކުޑަ ކުދިންތަކެއް ސަލާމަތީ ކޭމްޕެއްގައި --- ފޮޓޯ: އޭޕީ

އިއްޔެ ހަލަބުން ނުކުތް މުހައްމަދު އަބޫ ޖާފަރު ބުނީ މީހުން ފުރި ބާރުވެފައިވާ ބަސްތަކުގައި ކާނެ ގޮތެއް އަދި ފާޚާނާ ކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.

"ކުޑަކުދިން ރޮނީ، ބައެއް މީހުން ހޭނެތުނު. އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދީން ތިބީ ބަނޑުހައިވެ، އެކީގައި ފިނިވެފައި. ކުޑަކުދިންގެ ނެޕީއެއް އެއްވެސް އެއްޗެއް ނެތް،" ދެ ގަޑި އިރަށް ވުރެ ގިނަ އިރުވި ބަސް ދަތުރުގެ ތަޖުރިބާ ހިއްސާ ކުރަމުން އޭނާ ބުނެފައިވެ އެވެ.

ހަލަބުން މީހުން ނެރުމުގެ މަސައްކަތް ކުރިއަށްދާ އިރު، މިހާރު ހަލަބުގައި ތިބި މީހުންގެ އަދަދު ވެސް ކަށަވަރެއް ނުވެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ހަލަބުގައި ތިބި އާންމު ރައްޔިތުންގެ އަދަދު 15،000 އަށް ވުރެ ގިނަ ވާނެ އެވެ. އަދި 6000 އެއްހާ ސިފައިން ވެސް ހަލަބުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ތުރުކީގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ޒަޚަމްވެފައިވާ 131 މީހަކަށް ފަރުވާ ދިނުމަށް ވަނީ ތުރުކީ އަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި 56 ކުޑަކުދިން ހިމެނޭ އިރު، ޒަހަމް ވެގެން ގެންދިޔަ މީހުންގެ ތެރެއިން ފަސް މީހަކު މިހާރު ވަނީ ދުނިޔެ ދޫކޮށްފަ އެވެ.

comment ކޮމެންޓް