ހަތަރު ވަނަ 'ޔަޝް ޗޯޕްޅާ މެމޯރިއަލް އެވޯޑު' ޝާހަށް!

ބޮލީވުޑުގައި ރަސްކަން ކުރި ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ޔަޝް ޗޯޕްޅާގެ ހަނދާނުގައި ދެމުން އަންނަ 'ޔަޝް ޗޯޕްޅާ މެމޯރިއަލް އެވޯޑު' ބޮލީވުޑުގެ ރަސްގެފާނު ޝާހް ރުކް ޚާނަށް ދިނުމަށް ނިންމައިފި އެވެ.

ޝާހު އަކީ ޔަޝް ޗޯޕްޅާށް އެންމެ ކަމުދާ ބޮލީވުޑްގެ އެކްޓަރެވެ. 2012 ވަނަ އަހަރު ޔަޝް ޗޯޕްޅާ މަރުވުމާ ހަމައަށް ވެސް ދެމީހުންގެ ދެމެދުގައި ވަރަށް ބަދަހި ގުޅުމެއް އޮތެވެ.

މިއީ އެ އެވޯޑު ދޭ ހަތަރު ވަނަ ފަހަރެވެ. ޝާހުއަށް އެވޯޑު ދޭން ނިންމާފައިވާ ކަން އިއުލާނުކޮށްފައި ވަނީ އިއްޔެ އެވެ. އެވޯޑު ކޮމިޓީގައި ހިމެނެނީ ޔަޝް ޗޯޕްޅާގެ އަނބިމީހާ ޕަމޭލާ އާއި ޑައިރެކްޓަރު ބޯނީ ކަޕޫރު، ސިމީ ގަރޭވާލް، ޕަދްމިނީ ކޯލާޕޫރީ، ސުބަރާމީ ރެޑީ އަދި ޝަޝީ ރަންޖަން އެވެ.

ޝާހަށް އެވޯޑު ދޭން ނިންމި ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕަމޭލާ ބުނީ އެ އެވޯޑަކީ ލެޖެންޑުންނަށް ނުވަތަ ލެޖެންޑަކަށް ވާނެ ކަމުގެ ޔަގީންކަން އޮންނަ ފަރާތްތަކަށް ދޭ އެވޯޑެއް ކަމަށެވެ.

"އެވޯޑު ދީފައި މިވަނީ ލަތާ މަންގޭޝްކަރް އަދި އަމީތާބް ބައްޗަން ފަދަ ލެޖެންޑުންނަށް. މިދިޔަ އަހަރު އެވޯޑު ދީފައި ވަނީ ރޭކާ އަށް. ރޭކާ އަކީ މާދަމާ ވެސް ލެޖެންޑަކަށް ވާނެ ފަންނާނެއް. ޝާހު އަކީ ވެސް ހަމަ އެފަދަ ތަރި އެއް. ހަމަ އެއާއެކު ޝާހު އާއި ޔަޝް އަކީ ވަރަށް ގާތް ދެމީހުން،" ޕަމޭލާ ބުނެފައިވެ އެވެ.

ޝާހު އަށް އެވޯޑު ހަވާލުކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޔަޝް ޗޯޕްޅާ އަކީ ބޮލީވުޑުގެ ދިގު ތާރީހުގައި ވަރަށް މުހިންމު ރޯލެއް އަދާކޮށްފައިވާ މީހެކެވެ. ޝާހު އަށް 'ކިންގް އޮފް ރޮމޭންސް'ގެ ލަގަބު ހޯދައިދިނުމުގައި ވެސް ޗޯޕްޅާގެ ދައުރު ވަރަށް ބޮޑެވެ.

'ޑަރް'، 'ދިލްވާލޭ ދުލްހަނިޔާ ލޭޖާއެނގޭ'، 'ދިލް ތޯ ޕާގަލް ހޭ' އަދި 'ވީރް ޒާރާ' ފަދަ ފިލްމުތަކަކީ ޝާހު އާއި ޗޯޕްޅާ އެކުގައި މަސައްކަތްކޮށް ބެލުންތެރީންނާ ހަމައަށް ގެނެސްދީފައިވާ މޮޅު ފިލްމުތަކެކެވެ.

comment ކޮމެންޓް