ނިމިގެންދިޔަ 2016 ވަނަ އަހަރަކީ ކުޅިވަރު ވަރަށް ވެސް ހަލަބޮލި އަހަރެކެވެ. ނިމިގެންދިޔަ އަހަރަކީ ދިވެހި ކުޅިވަރަށް ހިތްދަތިކަމާއި ހިތާމައިގެ އަހަރެކެވެ. އެންމެ ބޮޑަށް މިދިޔަ އަހަރު ފާހަގަކޮށްލެވެނީ ހިތާމައިގެ އަހަރެއްގެ ގޮތުގަ އެވެ.
ކުޅިވަރުގައި ލިބޭ ކާމިޔާބު ފާހަގަކުރާ ގޮތަށް ހިތާމައިގެ ކުލަތަކަށް ބެލުމަކީ ވެސް މުހިންމު ކަމެކެވެ. ކުޅިވަރަށް ލިބޭ ހިތާމަތައް ބެލުމަކީ އެކަމުން އަރައިގަނެވޭނެ ކަމެކެވެ. ހިތާމަތަކުން އަރައިގަތުމުން ކުޅިވަރަށް ކާމިޔާބީ ކުލަތައް ޖެއްސުމަށް މަގުފަހިވެގެންދާނެ އެވެ.

ޒާހިރު ނަސީރު: އެމަނިކުފާނަކީ ކުޅިވަރުގެ ދާއިރާއަށް އެތަކެއް ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް -- ފޭސްބުކް ފޮޓޯ: އަހްމަދު ހަސަން ދީދީ
ކުޅިވަރުގެ ބައްޕަ މުހައްމަދު ޒާހިރު ނަސީރު އަވަހާރަވުން
ޒާހިރު ނަސީރަކީ ކުޅިވަރު ކޮޅަށް ޖެއްސެވި ބާނީ އެވެ. ޒާހިރަކީ ކުޅިވަރު ބައްޕަ އެވެ. ކުޅިވަރަށް ޒާހިރު ގެނުވި އިންގިލާބަކީ ކުޅިވަރުގެ އާއިލާގެ ހުރިހާ އެންމެން ވެސް ބަލައިގަނެ، ފަށްފަށުން ޝުކުރު އަދާކުރާ ފަދަ ކަންކަމެވެ. ހަގީގަތުގައި ވެސް ޒާހިރަކީ ކުޅިވަރު ކޮޅަށް ޖަހައި، ކާމިޔާބަށް މަގުފަހިކޮށްދިން ހަގީގީ ބާނީ އެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނިޝާން އިއްޒުއްދީންގެ ވެރިޔާ ޒާހިރު ނަސީރު އަވަހާރަވީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. ކުޅިވަރަށް އަގުނުކުރެވޭވަރުގެ ހިދުމަތްތަކެއް ކޮށްދެއްވި ޒާހިރު އަވަހާރަވި އިރު، އުމުރުފުޅަކީ 87 އަހަރެވެ.

ޒާހިރު ނަސީރު: އެމަނިކުފާނަކީ ކުޅިވަރުގެ ދާއިރާއަށް އެތަކެއް ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް -- ފޮޓޯ/ ރައީސް އޮފީސް
ޒާހިރު ނަސީރަކީ ރާއްޖޭގެ ކުޅިވަރުގެ މައި އިދާރާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އުފެއްދި ބޭފުޅާ އެވެ. ޒާހިރު ވަނީ 1983 ވަނަ އަހަރު އޮލިމްޕިކް ކޮމިޓީ އުފައްދަވައި، އެ ކޮމީޓީގެ ޗެއާމަން ކަމުގެ މަގާމު ފުރުއްވައިފަ އެވެ. އޭރު ޒާހިރު ވަނީ ކުޅިވަރުތައް ވަކިވަކި އެސޯސިއޭޝަންތަކުގެ ދަށުން ހިންގުމަށް ކުޅިވަރު އެސޯސިއޭޝަންތައް ވުޖޫދަށް ގެނެސްދެއްވައިފަ އެވެ.
އެފްއޭއެމްގެ އިންތިހާބުތައް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒޭޝަން ކޮމިޓީ އަށް ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ހަވާލުކުރި މައިގަނޑު މަސައްކަތް މިދިޔަ އަހަރު ވަނީ ފުރިހަމަކޮށްފަ އެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަމުން މުހައްމަދު ޝަވީދު އިސްތިއުފާ ދިނުމާ އެކު ޗެއާމަންކަމާ އޭރު ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ބައްސާމް އަދީލް ޖަލީލް ހަވާލުވުމަށްފަހު އިންތިހާބު ބޭއްވި އެވެ.
އެފްއޭއެމްގެ އިންތިހާބު ބޭއްވުމާ ހަމައަށް ދިޔައިރު، ނޯމަލައިޒޭޝަން ކޮމިޓީއަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ވަކި ތާރީހެއްގެ ކުރިން އިންތިހާބު ނުބާއްވައިފި ނަމަ، ފީފާ އިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދިނުމެވެ.

އެފްއޭއެމުން ނިމިގެންދިޔަ އަހަރު ބޭއްވި ފުރަތަމަ އިންތިހާބުގެ ތެރެއިން: އެ އިންތިހާބު ޓޮމް ކާމިޔާބު ކުރެއްވި ނަމަވެސް، ފަހުން ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ ބައްސާމް --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މިދިޔަ އަހަރު އެފްއޭއެމް އިން ފުރަތަމަ އިންތިހާބު ބާއްވާފައިވަނީ މެއި މަހުގެ 31 ވަނަ ދުވަހު އެވެ. އެ ފަހަރުގެ އިންތިހާބުގައި ވާދަކުރެއްވީ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) އެކަންޏެވެ. އެހެންކަމުން ޓޮމް ހޮވުމަށް ދާންޖެހުނީ ފެންނަ ނުފެންނަ ވޯޓަކަށެވެ. ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން ރައީސްކަމަށް ޓޮމް ގެންނަން ފެންނަ ކަމަށް 19 މެންބަރުން ވޯޓު ދިން އިރު، އެއާ ދެކޮޅަށް ވޯޓުދިނީ ދެ މެންބަރެކެވެ.
އެފްއޭއެމް އިންތިހާބު ޓޮމް ކާމިޔާބުކުރެއްވި ނަމަވެސް، އޭނާ އަށް މާގިނަ ދުވަސްތަކަކަށް ރައީސްކަމުގައި ދެމިހުރެވޭ ގޮތެއް ނުވި އެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އޭރު ޓޮމް އައްޔަންކުރެއްވި ބައްސާމް، ވަކިކުރުމާ ގުޅިގެން މައްސަލަ ހޫނުވެ ޓޮމްގެ އެކްސްކޯގައި ތިއްބެވި ފަސް މެންބަރު އިސްތިއުފާ ދިނުމާ ގުޅިގެން އެކްސްކޯ އުވި އަލުން އިންތިހާބެއް ބާއްވަން ޖެހުނެވެ.
ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ އިންތިހާބުގައި ޓޮމްއާ އެކު ވާދަކުރެއްވީ ބައްސާމް އެވެ. އެ އިންތިހާބު ކާމިޔާބުކުރެއްވީ ބައްސާމް އެވެ. އެ އިންތިހާބުގައި ބައްސާމަށް 14 ވޯޓު ލިބުނު އިރު، ޓޮމް އަށް ލިބިވަޑައިގެންނެވީ 11 ވޯޓެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބުތައް
އެފްއޭއެމްއެކޭ އެއްގޮތަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވެސް މިދިޔަ އަހަރު ދެ އިންތިހާބު ބާއްވަން ޖެހުނެވެ. މާޗް މަހު ބޭއްވި ވީއޭއެމްގެ އިންތިހާބު ކާމިޔާބުކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމުގައި އޭރު ވެސް ހުންނެވި މުހައްމަދު ރިޔާޒެވެ. އޭނާ އިންތިހާބު ކާމިޔާބުކުރެއްވީ ޑީއާރްޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)އާ ވާދަކުރައްވައިގެންނެވެ. އެ އިންތިހާބު ރިޔާޒަށް ކާމިޔާބުކުރެވުނީ ދެ ފަހަރަށް ވޯޓުލައިގެން ވެސް އެއްވަރުވުމުން އެގްޒެކެޓިވް ކޮމިޓީ މެންބަރުންގެ މެދުގައި ނެގި ވޯޓުންނެވެ.
މިދިޔަ އަހަރު ވީއޭއެމް އިން ބޭއްވި ފުރަތަމަ އިންތިހާބުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ އިންތިހާބުގައި ނާކާމިޔާބާ ކުރިމަތިލެއްވި ކާނަލް ވަނީ އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ، ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފަ އެވެ. ފަހުން އޭނާ މައްސަލަ އަނބުރާ ގެންދެވި ނަމަވެސް، ސްޕޯޓްސް ކޮމިޝަނުން ވަނީ އިންތިހާބު ބާތިލްކޮށް އަލުން އިންތިހާބު ބޭއްވުމަށް އަންގައިފަ އެވެ. ސްޕޯޓްސް ކޮމިޝަނުން އިންތިހާބު ބާތިލްކުރީ މާޗް މަހު ބޭއްވި އިންތިހާބުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ އެވެ.
އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ބޭއްވި ވީއޭއެމްގެ އިންތިހާބުގައި ވޯޓުދިން ހުރިހާ ކްލަބު ޖަމިއްޔާތަކެއްގެ ފުރިހަމަ ތާއީދާ އެކު ރައީސްކަމަށް ހޮވިފައިވަނީ މުހައްމަދު ލަތީފެވެ. ލަތީފަށް 12 ވޯޓުގެ ތާއީދު ލިބުނު އިރު، ރައީސްކަމަށް އޭނާއާ ވާދަކުރި އިސްމާއިލް ރިފާއު (ޗިޗޫ)އަށް އެއްވެސް ވޯޓެއް ލިބިފައެއް ނުވެ އެވެ.
ބާސްކެޓްގެ ހަރަކާތްތަކަށް ހުރަސްތަކެއް
ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ)ގެ އެކްސްކޯގެ ދައުރު ހަމަވުމާ ގުޅިގެން ބާސްކެޓްގެ ހަރަކާތްތަކެއް ހުރަސްތަކެއް އެޅިގެންދިޔަ އެވެ. އެމްބީއޭގެ ދައުރު ހަމަވުމާ ގުޅިގެން އިންތިހާބު ބޭއްވުމުގެ ކަންތައް ކުރިއަށްގެންދިއުމުގެ ޒިންމާއާ ހަވާލުވާން ޖެހުނީ ހޯމް މިނިސްޓްރީންނެވެ.
އެމްބީއޭގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގެ ތެރެއިން --- ސަން ފޮޓޯ/ މުއާވިޔަތު އަންވަރު
ހޯމް މިނިސްޓްރީން އޮކްޓޯބަރު މަހު އިންތިހާބު ބޭއްވި ނަމަވެސް، އަލުން އިންތިހާބެއް ބާއްވަން ޖެހުނެވެ. ހޯމް މިނިސްޓްރީން ބޭއްވި އިންތިހާބުގައި ރައީސްކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ހޮވިވަޑައިގެންނެވުމާ އެކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސްކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް އަލުން އިންތިހާބެއް ބާއްވަން ޖެހުނެވެ.
ރައީސްކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް މި މަހުގެ 17 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ރައީސް ކަމަށް ހޮވިވަޑައިގެންނެވީ ފުރަތަމަ އިންތިހާބުގައި ނާކާމިޔާބުވެވެޑައިގެންނެވި އަހްމަދު މަމްދޫހު (މަންޑޭ) އެވެ. އޭނާ އެ މަގާމަށް ހޮވިވަޑައިގެންނެވީ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ވިޝާމް ރަޝީދުއާ ވާދަކޮށްގެންނެވެ. މަންޑޭ އަށް 18 ކްލަބުގެ ތެރެއިން 17 ކްލަބެއްގެ ތާއިދު ލިބުނު އިރު، ވިޝާމްއަށް ލިބިވަޑައިގެންނެވީ އެންމެ ވޯޓެކެވެ.
އެހެން ކުޅިވަރު އެސޯސިއޭޝަންތައް
އެހެން ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ބައެއް އެސޯސިއޭޝަންތަކުގެ އެކްސްކޯގެ ދައުރު ހަމަވުމުން އިންތިހާބު ބާއްވާފައިވެ އެވެ. ނަމަވެސް އެ އެސޯސިއޭޝަންތަކުން ބޭއްވި އިންތިހާބުތަކުގައި އެއްވެސް ކަހަލަ މައްސަލަތަކެއް ކުރިމަތިވެފައެއް ނުވެ އެވެ.
ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ކުދި ކުޅިވަރުތަކުން މިދިޔަ އަހަރު ގިނަ ހަރަކާތްތަކެއް ކާމިޔާބާ އެކު ނިންމާލާފައިވެ އެވެ. އޭގެ ތެރޭގައި ހޭންޑްބޯލް މޯލްޑިވްސް އާއި، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އާއި، މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ފާހަގަކޮށްލެވެ އެވެ.
'ރަން މެޗު' ޒަވީ އާއި އަޔަލާއާއެކު
އެ މެޗަކީ ފުޓްބޯޅަ ފޯރި ވަރުގަދަ ކުރުމުގެ ގޮތުން އެފްއޭއެމުން އިންތިޒާމްކުރި މެޗެކެވެ. އޭރު އެފްއޭއެމްގެ ރައީސް ކަމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ޠާރިގު (ޓޮމް) އެވެ. އޮގަސްޓް 29 ވަނަ ދުވަހު ކުޅުނު އެ މެޗުގައި ބައްދަލުކުރީ ރާއްޖެ އަށް 2008ގެ ސާފް ޗެމްޕިއަންޝިޕް ހޯދައިދިން 'ގޯލްޑް ޓީމް' އާއި މިހާރުގެ ގައުމީ ޓީމެވެ.
ޓޮމް އަކީ ވެސް ގޯލްޑް ޓީމުގައި ހިމެނުނު ކުޅުންތެރިޔަކަށް ވުމުން އޭނާ ވެސް އެ މެޗުގައި ކުޅުއްވި އެވެ. އޭގެ އިތުރުން ވެސް އޭރު ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް އެ މެޗުގައި ފެނިގެން ދިޔަ އެވެ. އެ މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ދަނޑަށް ވަދެފައިވެ އެވެ. އެއީ އާންމު ގޮތެއްގައި ފަހަކަށް އައިސް ފެންނަ މަންޒަރެއް ނޫނެވެ. ފަހަކަށް އައިސް ގަލޮޅު ދަނޑުގައި ފެންނަނީ ވަރަށް ވެސް ފަޅުކޮށެވެ.

ރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމާއި މިހާރުގެ ގައުމީ ޓީމް ބައްދަލު ކުރި މެޗުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވި އަޔަލާ(ކ) އާއި ޒަވީ(ވ) --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެ މެޗުގައި ހާއްސަ މެހެމާނުންގެ ގޮތުގައި އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ އަޔާލާ އާއި ސްޕެއިންގެ ބާސެލޯނާގައި ގިނަ ދުވަސްތަކެއް ހޭދަކުރި މަޝްހޫރު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބައިވެރިވި އެވެ. އެ މެޗުގައި ޒަވީ ނުކުޅުނު ނަމަވެސް، ގޯލްޑް ޓީމަށް އަޔާލާ ކުޅުނެވެ. ދިވެހިންނަށް އެންމެ އުފާ ލިބުނީ ޒަވީ އާއި އަޔާލާ ހަމަލޮލަށް ބަލައިލެވުނީމަ އެވެ. އެއީ އާންމުކޮށް ދިވެހިން އެފަދަ ކުޅުންތެރިން ހަމަލޮލަށް ބެލުމުގެ ފުރުސަތު ލިބެނީ އަމިއްލަ އަތުން އެތަކެއް ފައިސާ ހޭދަކޮށްގެން ކަމަށްވާތީ އެވެ.
ޕުޔޯލްއާއެކު ސިޔާމް-މައުރޫފް ކަޕް ތާރީހުގެ ތެރެއަށް
ނ. އަތޮޅުގެ ރަށްތަކަށް ހާއްސަކޮށްގެން މީގެ ދެ އަހަރު ކުރިން މުބާރާތް ފެށުނީ ނ. އަތޮޅުގައި ބާއްވަ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ގޮތުގަ އެވެ. މިދިޔަ އަހަރުގެ މުބާރާތް ފެށުނު އިރު، މާލޭގެ އުތުރުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު މުބާރާތުގެ ގޮތުގައި ފާހަގަކޮށްލެވުނެވެ. ތިން ވަނަ ސިޔާމް-މައުރޫފް ކަޕް ނިންމާލީ ސްޕެއިންގެ ކާމިޔާބު ފުޓްބޯޅަ ލެޖެންޑަކާ އެކު އެވެ. ފައިނަލްގެ މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް ވަނީ ބައިވެރިވެފަ އެވެ.

ސިޔާމް-މައުރޫފް ކަޕް ފައިނަލް މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ޕުޔޯލް ބައިވެރިވަނީ -- ސަން ފޮޓޯ/ އާތިފް
ޕުޔޯލް ހާއްސަ މެހެމާނެއްގެ ގޮތުގައި ގެނައުމަކީ އާދައިގެ ކަމެއް ނޫނެވެ. ހާއްސަކޮށް ކުރިން އެ ފެންވަރުގެ ފުޓްބޯޅަ ލެޖެންޑެއް އަތޮޅުތެރޭގެ ފުޓްބޯޅަ މެޗެއްގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ނުގެނެ އެވެ. އެހެންކަމުން އެކަމުން ހާމަވާ ހަގީގަތަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު މުބާރާތްތަކުގެ ތެރޭގައި ސިޔާމް-މައުރޫފް ކަޕް ހިމެނިގެންދިޔަ ކަމެވެ.
އެ މުބާރާތުގެ ބާނީ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރުގެ ހިޔާލުފުޅަކީ ވެސް މުބާރާތް އިތުރަށް ފުޅާކުރުމެވެ. ފައިސާގެ އިނާމުތައް ވެސް ބޮޑު ކުރުމެވެ. އެ މުބާރާތް މުޅި ރާއްޖެ އަށް ހުޅުވާލައި، ޗެމްޕިއަން ޓީމަށް އިނާމެއްގެ ގޮތުގައި ދޭ ފައިސާގެ އިނާމު ފަސް ލައްކަ ރުފިޔާ އަށް ބޮޑުކުރުމުގެ ހިޔާލު އެ މަނިކުފާނު ގެންގުޅުއްވަ އެވެ. ނޮވެމްބަރު 27 ވަނަ ދުވަހު ނިމިގެން ދިޔަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދީފައި ވަނީ 150،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އެކަމުން ވެސް އެ މުބާރާތަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މުބާރާތްކަން މިހާރު ހާމަވެ އެވެ.
ސަރަހައްދީ މުބާރާތްތަކަށް ބަލައިލުމެއް
ސަރަހައްދީ މުބާރާތްތަކުގެ ތެރެއިން ރާއްޖެ އަށް ކާމިޔާބު ލިބިފައިވަނީ ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެ ގޭމްސްގައި ރާއްޖެ އިން ދެ ކުޅިވަރަކުން މެޑަލް ހޯދި އެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު: އޭނާ ވަނީ މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ އަށް ދެ ރިހި މެޑެލް ހޯދައިދީފައި --- ސަން ފޮޓޯ: އިމޭޖަސް އެމްވީ/ ހުސެއިން ސިނާން
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ސައުތު އޭޝިއަން ގޭމްސްގައި ދެ މެޑެލް ހޯދައިފަ އެވެ. އެއީ 100 މީޓަރު ދުވުން އަދި 200 މީޓަރު ދުވުމުގެ ރިހި މެޑެއްޔެވެ. ސާއިދުގެ އިތުރުން ދެން ރާއްޖެ އަށް މެޑެއްޔެއް ހޯދައިދިނީ އަންހެން ފެތުންތެރިޔާ އައިމިނަތު ޝަޖަން އެވެ. އޭނާ ވަނީ 800 މީޓަރު ފްރީސްޓައިލް އިވެންޓުން ލޯ މެޑެއްޔެއް ހޯދައިފަ އެވެ.
ބައިނަލްއަގުވާމީ މުބާރާތްތަކަށް ބަލައިލުމެއް
ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ނަން އެންމެ ބޮޑަށް ވިދާލުވަދީފައި ވަނީ ދިވެހި ބޮޑީބޯޑަރުންނެވެ. ފާއިތުވެ ދިޔަ އަހަރުތަކެކޭ އެއްގޮތަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ދިވެހި ބޮޑީބޯޑަރުން ކާމިޔާބުތަކެއް ހޯދަފައިވެ އެވެ.
ރާއްޖޭގެ ބޮޑީބޯޑަރުން ޑިސެމްބަރު މަހު ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ބައިވެރިވެ، އެންމެ މަތީ ދަރަޖައިގެ ކާމިޔާބީތައް ހޯދާފައިވެ އެވެ. ބޮޑީބޯޑިންގެ އެ ދެ މުބާރާތް ވެސް ބާއްވާފައި ވަނީ މެލޭޝިއާގަ އެވެ.

މެލޭޝިއާގައި ބޭއްވި ބޮޑީބޯޑިން އެޓޭކްގެ ވަނަތައް ހޯދި ރާއްޖޭގެ ކުޑަ އައްޔަ(މ) އާއި، ދޫނި(ކ) އަދި ޗިއްކޮ(ވ) --- ފޮޓޯ/ އެމްބީބީއޭ
މެލޭޝިއާގައި ކުރިއަށްދިޔަ ޗެރެޓިން އިންޓަނޭޝަނަލް ސާފިން މުބާރާތުގައި ވާދަކޮށް، އެ މުބާރާތުގެ ބޮޑީބޯޑިން ޑިވިޝަންގެ ގަދަ ތިނެއްގައި ރާއްޖޭގެ ބޮޑީބޯޑަރުން ހިމެނުނެވެ. އެ ޑިވިޝަންގެ ޗެމްޕިއަންކަން ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހްމަދު (ކުޑަ އައްޔަ) ހޯދި އިރު، ދެ ވަނަ ހޯދީ ރާއްޖޭގެ އަލީ ޖާވިދު (ޖާއްޓެ) އެވެ. އަދި ތިން ވަނަ ހޯދީ އަސްވާން މުހައްމަދު (ދޫނި) އެވެ.
އެ މުބާރާތަށް ފަހު ބޭއްވި ބޮޑީބޯޑިން އެޓޭކްގެ ދެ ޑިވިޝަނެއްގެ ޗެމްޕިއަންކަން ވެސް ކުޑަ އައްޔަ ހޯދި އެވެ. ޑްރޮޕް ނީ އަދި ޕްރޯން އޯޕަން ޑިވިޝަންގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދި އިރު، ރާއްޖޭގެ މުހައްމަދު އިހުސާން (ޗިއްކޮ) ވަނީ ޑްރޮޕް ނީ ޑިވިޝަންގެ ދެ ވަނަ ހޯދައި، ޕްރޯން އޯޕަން ޑިވިޝަންގެ ހަތަރު ވަނަ ހޯދައިފަ އެވެ. އަދި ރާއްޖޭގެ އަސްވާން މުހައްމަދު (ދޫނި) ވަނީ ޕްރޯން އޯޕަން ޑިވިޝަންގެ ދެ ވަނަ ހޯދައިފަ އެވެ.