ތެޔޮ ސަޕްލައިކުރަން މެރީޑިއަމާ އެކު ހެދި އެއްބަސްވުން ދަމަހައްޓަން އެމްޕީއެލްއަށްް އަންގައިފި

މެރީޑިއަމް ސާވިސްގެ ޕެޓްރޯލް ޝެޑް -- ސަންފައިލް ފޮޓޯ

ޑިސަލް ސަޕްލައިކުރަން މެރީޑިއަމާ އެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރަން އަންގައި ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މެރީޑިއަމްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޕޯޓްސް ލިމިޓެޑުން އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސް ވުމާ ހިލާފަށް އެހެން ފަރާތަކަށް ތެޔޮ ސަޕްލައި ކުރުމަށް ދޭތީ އެއްބަސްވުމާ ހިލާފުވިކަން ކަނޑައަޅައި ދިނުމަށް އެދި އެވެ.

އެ މައްސަލަ ނިންމައި މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެމްޕީއެލުން މެރިޑިއަމް ނޫން އެހެން ފަރާތްތަކަށް ޑިސަލް ސަޕްލައިކުރަން ހަވާލުކުރަމުން ދަނީ މެރީޑިއަމާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުމުގައިވާ ގޮތަށް އަމަލުކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު މީގެ ކުރިން ފާހަގަކޮށްފައި ވަނީ މެރީޑިއަމަށް ތެޔޮ ސަޕްލައިކުރަން ހަވާލުކޮފައި ވަނީ ބިޑް ނުކޮށް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އެމްޕީއެލުން ކުރި އިއުލާނަކާ ގުޅިގެން ބިޑު ހުށަހަޅައިގެން އެންމެ މަތިން މާކްސް ހޯދީ މެރީޑިއަމް ކަމަށެވެ.

މެރީޑިއަމާ އެކު ވެފައިވާ އެއްބަސްވުމުގައި މެރީޑިއަމް ނޫން އެހެން ފަރާތަކަށް ތެޔޮ ސަޕްލައިކުރަން ދިނުން މަނާ ކުރާ އެއްވެސް މާއްދާއެއް ނެތް ކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ.

އެ ނުކުތާއާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ބިޑްކޮށްގެން ވަކި ފަރާތެއް އައްޔަން ކުރުމަކީ އެ އައްޔަން ކުރެވޭ ފަރާތް ނޫން އެހެން ފަރާތެއްގެ އަތުން ތެޔޮ ނުގަންނަ ކަން ޔަގީން ކުރުމަށް ކުރެވޭ މުއާމަލާތެއް ކަމަށެވެ.

އެެހެންކަމުން ބިޑް ކާމިޔާބުކުރި މެރީޑިއަމްއަށް އެމްޕީއެލްގެ ތެޔޮ ސަޕްލައިކުރަން ދިނީ އެހެން ފަރާތަކަށް ތެޔޮ ސަޕްލައި ކުރަން ދިނުން މަނާވެގަތުމަށް ފަހުކަން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

އެހުރިހާ ކަމެއް އެހެން ހުރުމުން މެރީޑިއަމާ އެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުމަށް ސިވިލް ކޯޓުން ވަނީ އެމްޕީއެލްއަށް އަންގައިފަ އެވެ.

comment ކޮމެންޓް