ތިލަފުށި ކާގޯ ޓާމިނަލަށް ކޮންޓެއިނާ ބޯޓުތަކުން މުދާ ބާލަން ފަށައިފި

ތިލަފުށި ކާގޯ ބަނދަރަށް ކޮންޓެއިނަރު ބޭލުމުގެ މަސައްކަތް ކުރަނީ.---ފޮޓޯ: އެމްޕޯއެލް

ތިލަފުށި ކާގޯ ޓާމިނަލަށް ކޮންޓެއިނާ އުފުލާ ބޮޑެތި ބޯޓުފަހަރުން ރަސްމީކޮށް މިއަދު މުދާ ބާލަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫއުގެ ދަށުން، ތިލަފުށީ ޓާމިނަލަށް ކޮންޓެއިނަރު އުފުލާ ބޮޑު އުޅަނދެއް މިއަދު ވަނީ ފުރަތަމަ ފަހަރަށް ގާތްކޮށްފައެވެ.

އެމްޕީއެލުން ބުނި ގޮތުގައި ރާއްޖޭގެ ވިޔަފާރި ބަނދަރުގެ ތާރީހުގައި މުޅިން އަލަށް ތިލަފުއްޓަށް ފުރަތަމަ ކައިރިކުރީ 524 ކޮންޓޭނަރުގެ މުދަލާއެކު ރާއްޖެ އައި "އެމްއެސްއެސް ގަލީނާ" އެވެ. އެ އުޅަނދުން ގެނައި ކޮންޓޭނަރުތަކުގެ ތެރެއިން 490 ޓީއީޔޫ ބޭލުމަށް ހަމަޖެހިފައިވަނީ ސީދާ ތިލަފުށި ކާގޯ ޓާމިނަލަށެވެ.

މިއީ މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދީ، ވިޔަފާރިވެރިންނަށް އަވަހަށް މުދާ ކްލިއާ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ފެށި މަސައްކަތެއް ކަމަށް އެމްޕީއެލްއިން ބުނެއެވެ.

ތިލަފުށި ކާގޯ ބަނދަރަށް ކޮންޓެއިނަރު ބޭލުމުގެ މަސައްކަތް ކުރަނީ.---ފޮޓޯ: އެމްޕޯއެލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ ތިލަފުށި ޕޯޓަކީ މާލޭގެ ވިޔަފާރި ބަނދަރާ އަޅާބަލާއިރު ހަތަރު ގުނަ ބޮޑު ތަނަކަށް ވާނެ ކަމަށާއި، މިއީ ރާއްޖޭގައި މިވަގުތު ހިންގާ އިގުތިސާދީ އެންމެ ބިޔަ މަޝްރޫއު ކަމަށެވެ.

ތިލަފުށީގައި މިފަދަ އޮޕަރޭޝަނެއް ހިންގުމުގެ ޕްލޭނިން މަސައްކަތް އެމްޕީއެލުން ފެށީ މިއަހަރުގެ މެއި މަހުއެވެ. އެއީ އާ އަހަރާއި ރޯދަމަހާ ދިމާކޮށް އެތެރެކުރާ މުދާ އިތުރުވުމުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެ ރާއްޖެއަށް އެތެރެކުރާ މުދަލުގެ މިންވަރު އިތުރުވަމުން އަންނާތީއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން، އެތެރޭގެ އުޅަނދުފަހަރަށް ހާއްސަ ކީ-ވޯލްގެ ފުރަތަމަ 100 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެތެރޭގެ ކީ-ވޯލްގެ ހިއްކި ސަރަޙައްދު ބެކްފިލް ކުރުމުގެ ގާތްގަނޑަކަށް 40 ޕަސެންޓު މަސައްކަތް ނިމިފައިވާއިރު، ޕްރީކާސްޓް ކޮންކްރީޓް ބްލޮކް އުފެއްދުމާއި، ބޭނުންވާ މެޝިނަރީ ހޯދުމާއި، ޓާމިނަލް އިމާރާތްތައް އަޅާނެ ކޮންޓްރެކްޓަރަކު ހޮވުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންކަަމަށް ވެސް ބުންޏެވެ.

ތިލަފުށީ ބަނދަރުގައި ބައިނަލްއަގުވާމީ ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަކޮށް ފުރަތަމަ ތަރައްގީކުރާ 14.6 މީޓަރުގެ ފުންމިން ހުންނަ 375 މީޓަރުގެ ކީ-ވޯލް ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާގެ "ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ" އިންނެވެ.

ތިލަފުށި ކާގޯ ބަނދަރަށް ކޮންޓެއިނަރު ބޭލުމުގެ މަސައްކަތް ކުރުމުގެ ތެރެއިން.---ފޮޓޯ: އެމްޕޯއެލް

މި މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި ކީ-ވޯލް ހެދުމުން ބޯޓުފަހަރުގެ ޓާން އަރައުންޑް ޓައިމް ގާތްގަނޑަކަށް ދެ ދުވަހަށް ކުރުކުރެވޭނެކަމަށް އެމްޕީއެލް އިން ބުންޏެވެ.

ތިލަފުށީގައި ގާއިމުކުރާ 60 ހެކްޓަރުގެ މި ބަނދަރު ހުޅުވޭއިރު އަހަރަކު 390،000 ޓީއީޔޫގެ ކޮންޓެއިނަރު ހޭންޑްލް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ފަހުން މި އަދަދު 1.8 މިލިއަން ޓީއީޔޫ އަށް އިތުރުކުރަން ވަނީ ރާވާފައި ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ ކީ-ވޯލް 1.4 ކިލޯމީޓަރަށް ދިގުކުރުމުގެ ޖާގަ އޮންނާނެ ކަމަށާއި އެތެރޭގެ އުޅަނދުފަހަރަށް ހާއްސަކޮށް ދެ ކިލޯމީޓަރަށް ވުރެ ދިގު ކީ-ވޯލެއް ހަދާނެ ކަމަށް ވަނީ އެމްޕީއެލްއިން މައުލޫމާތުދެއެވެ.

ބަނދަރު ހުޅުވާއިރު ޝިޕް-ޓު-ޝޯ ދެ ކީ ކްރޭނާއި އެއް މޮބައިލް ހާބަރު ކްރޭން ގާއިމުކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްޕީއެލްގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ އޮޕަރޭޝަންތަކެއް އެއްކޮށް ތިލަފުއްޓަށް ބަދަލުކޮށް، ޒަމާނީ ފެންވަރުގައި ހިދުމަތް ދޭން ފެށުމެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި މިއަދު ފެށި އޮޕަރޭޝަނަކީ އެ މުހިންމު ލަނޑުދަނޑި ހާސިލުކުރުމަށް އެޅުނު ވަރަށް ބޮޑު ބިންގަލެކެވެ.

comment ކޮމެންޓް