Sun Online
މާރާމާރީ ހިންގި ސަރަހައްދެއް ފުލުހުން ބަންދުކޮށްފައި-- ސަން ފައިލް ފޮޓ
މާރާމާރީ ހިންގި ސަރަހައްދެއް ފުލުހުން ބަންދުކޮށްފައި-- ސަން ފައިލް ފޮޓ...

ކުށް މަދު އަހަރެއް، އެކަމަކު ފަސްމަރު

ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ ފުލުހުން އެކުލަވާލާފައިވާ ކުށުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ވެގެންދިޔައީ ކުށްމަދު އަހަރަކަށެވެ.

ބައެއްކަހަލަ ކުށްތަކެއް ވޭތުވެ ދިޔަ އަހަރަށް ވުރެ ގިނަވެފައިވީ ނަމަވެސް ޖުމުލަކޮށް ބަލާއިރު މިއަހަރު ކުށްމަދެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު 11325 ކުށުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. ވޭތުވެދިޔަ އަހަރު ހުށަހަޅާފައިވަނީ 12017 މައްސަލަ އެވެ.

މިއަހަރު ހުށަހެޅި ކުށުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 3490 މައްސަލައެއް މިއަހަރު ފުލުހުންނަށް ހުށަހެޅިފައިވެ އެވެ. ވޭތުވެ ދިޔަ އަހަރު ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަމުގެ 3994 މައްސަލަ އެވެ.

ނަމަވެސް ޑްރަގުގެ މައްސަލަތައް ވޭތުވެދިޔަ އަހަރަށް ވުރެ މިއަހަރު ގިނަކަން ފާހަގަކުރެވެ އެވެ. ވޭތުވެ ދިޔަ އަހަރު ޑްރަގުގެ 2097 މައްސައެއް ފުލުހުންނަށް ހުށަހަޅާފައިވާ އިރު މިއަހަރު 2272 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

ޓްރެފިކް މައްސަލަތައް ވެސް ވޭތުވެ ދިޔަ އަހަރަށް ވުރެ މިއަހަރު 125 މައްސަލަ ގިނަަ އެވެ.

ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވޭތުވެ ދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު ހުށަހެޅިފައިވާ މިންވަރު މަދެވެ. ވޭތުވެދިޔަ އަހަަރު 534 މައްސަަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު މިއަހަރު ހުށަހަޅާފައިވަނީ ޖިންސީގޯނާ ކުރުމުގެ 452 މައްސަލަ އެވެ.

ފަސް މަރު

ކުށްމަދު އަހަރެއް ނަމަވެސް އެންމެ ބޮޑެތި ކުށުގެ ތެރޭގައި ހިމެނޭ މީހުން މެރުމުގަ ފަސް މައްސަލައެއް ފުލުހުން ތަހުގީގުކޮށްފައިވެ އެވެ. އަދި ބައެއް މައްސަލަ މިހާރުވެސް ދަނީ ތަހުގީގުކުރަމުންނެވެ.

އޭގެތޭރޭގައި މިއަހަރުގެ ކުރީކޮޅު މަރާލާފައި އޮއްވައި ފެނުނު ލ. ގަން، ތުނޑި، ބާބުލްއަވާލީ ހައްވާ ޒުހާގެ މަރުގެ މައްސަލަ އާއި ސިލްސިލާ މަރާމާރީއެއްގައި 14 އަހަރުގެ ދެޒުވާނުން މަރާލި މައްސަލަ ފާހަގަކޮށްލެވެ އެވެ. އެ ދެ ޒުވާނުންނަކީ ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާން ހިލްމީ އާއި މ. ސަރުމާގޭ ފާތިރު މުހައްމަދު އަލީ އެވެ.

އޭގެ އިތުރުން ށ. ފުނަދޫ، ދިނަށަ، އުމުރުން ހަތަރު އަހަރުގެ ފާތިމަތު ޝައިހާ ފަޔާޒު މަރާލި މައްސަލަ އާއި އައްޑޫ ވިޔަފާރިވެރިޔާ އަލީ އަބްދުﷲ ގެ މަރުގެ މައްސަލައަކީވެސް މިއަހަރު ތެރޭގައި ހިނގާދިޔަ މައްސަލަތަކެވެ.

ވޭތުވެ ދިޔަ އަހަރާ އަޅާ ބަލާއިރު މަރުގެ މައްސަލަތައްވެސް މަދެވެ. 2015 ވަނަ އަހަރު އަށް މީހަކު އަނިޔާވެރިގޮތަކަށް މަރާލާފައިވެ އެވެ.

×
DB released.