މެލޭޝިއާގެ ކުއަންޓަންގައި ކުރިއަށްދިޔަ 'ބޮޑީބޯޑިން އެޓޭކް 2016'ގެ ދެ ޑިވިޝަނެއްގެ ޗެމްޕިއަންކަން ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހްމަދު (ކުޑަ އައްޔަ) ހޯދައިފި އެވެ.
އިއްޔެ އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ދިޔަ އެ މުބާރާތުގެ ދެ ޑިވިޝަނެއްގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދި އިރު، އޭނާ ވަނީ މި މަހު މެލޭޝިއާގައި ކުރިއަށްދިޔަ 'ކުއިކްސިލްވަރ ޗެރެޓިން އިންޓަނޭޝަނަލް ސާފިން ޓޯނަމެންޓް 2016'ގެ ބޮޑީބޯޑް ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
މިއަދު ނިމިގެންދިޔަ ބޮޑީބޯޑިން އެޓޭކުގައި ވާދަކޮށް، ކުޑަ އައްޔަ ވަނީ ޑްރޮޕް ނީ އަދި ޕްރޯން އޯޕަން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭނާގެ އިތުރުން ވެސް އެ ދެ ޑިވިޝަނުގައި ވާދަކޮށް، ރާއްޖޭގެ ބޮޑީބޯޑަރުން ވަނީ ވަނަތަކެއް ހޯދައިފަ އެވެ.
ރާއްޖޭގެ މުހައްމަދު އިހުސާން (ޗިއްކޮ) ވަނީ ޑްރޮޕް ނީ ޑިވިޝަންގެ ދެވަނަ ހޯދައި، ޕްރޯން އޯޕަން ޑިވިޝަންގެ ހަތަރު ވަނަ ހޯދައިފަ އެވެ. އަދި ރާއްޖޭގެ އަސްވާން މުހައްމަދު (ދޫނި) ވަނީ ޕްރޯން ޑިވިޝަންގެ ދެވަނަ ހޯދައިފަ އެވެ.
ބޮޑީބޯޑިން އެޓޭކްގައި ޑްރޮޕް ނީ އާއި ޕްރޯން އޯޕަން ޑިވިޝަންގެ އިތުރުން ދެން ކުރިއަށް ދިޔައީ މެލޭޝިއާ ކްލޯސްޑް ޑިވިޝަނެވެ. އެއީ ހަމައެކަނި މެލޭޝިއާގެ ބޮޑީބޯޑަރުންނަށް ހުޅުވާލި ޑިވިޝަނެކެވެ. ޕްރޯން އޯޕަން ޑިވިޝަނުގައި 18 ބޮޑީބޯޑަރުން ވާދަކުރި އިރު، ޑްރޮޕް ނީ ޑިވިޝަންގައި ވާދަކުރީ 11 ބޮޑީބޯޑަރުންނެވެ. އަދި މެލޭޝިއާ ކްލޯސްޑް ޑިވިޝަންގައި އެ ގައުމުގެ 16 ބޯޑީބޯޑަރުން ވާދަކުރި އެވެ.
މި މަހު މެލޭޝިއާގަައި ކުރިއަށްދިޔަ ޗެރެޓިން އިންޓަނޭޝަނަލް ސާފިން ޓޯނަމެންޓްގައި ވެސް ރާއްޖޭގެ ބޮޑީބޯޑަރުން ވިދާލާފައިވެ އެވެ. އެ މުބާރާތުގެ ބޮޑީބޯޑިން ޑިވިޝަނުގެ ގަދަ ތިނެއްގައި ކުޑަ އައްޔައާ އެކު އަލީ ޖާވިދު (ޖާއްޓޭ) އަދި ދޫނި ހިމެނިފައިވެ އެވެ.