ހަލަބަށް އޮބްޒާވަރުން ފޮނުވުމާ ބެހޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުން ވޯޓެއް ނަަގަނީ

ހަލަބުގައި ތިބި ކުޑަކުދިން ރައްކާތެރި ކުރުމަށް އެދި އުރުދުންގައި ހުންނަ އދގެ އޮފީސް ކައިރީ މުޒާހަރާ ކުރަނީ -- ފޮޓޯ: އީޕީއޭ

އދ (ޑިސެމްބަރު 18): ސީރިއާގެ ހަލަބަށް އދގެ އޮބްޒާވަރުން ފޮނުވުމާ ބެހޭ ގޮތުން އެ ޖަމިއްޔާގެ ސަލާމަތީ މަޖިލީހުން ވޯޓެއް ނަގަން އުޅޭ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ހަލަބުގައި ތާށިވެފައިވާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމުގެ މަސައްކަތް މޮނިޓާ ކުރުމަށާއި އެ ސިޓީގެ އާއްމުންގެ ރައްކާތެރިކަމާ ބެހޭ ގޮތުން ރިޕޯޓު ކުރުމަށް ހަލަބަށް އދގެ އޮބްޒާވަރުން ފޮނުވުމަށް ހުށަހެޅީ ފްރާންސުންނެވެ.

ފްރާންސުން ހުށަހެޅި ގަރާރުގައި ވަނީ ހަލަބުގެ ޑޮކްޓަރުންނާއި، ހޮސްޕިޓަލްތަކަށާއި، އެމްބިއުލާންސުތަކަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށްވެސް އެދިފައެވެ. އޭގެ ތެރޭގައި ހަލަބު ދޫކޮށްދާ ގިނަ ބަޔަކަށް ފަރުވާ ދޭނެ ހޮސްޕިޓަލްތައް ވަކިން ފާހަގަކޮށްފައިވެ އެވެ.

އެ ގަރާރަށް ސަލާމަތީ ކައުންސިލުން ތާއިދުކޮށްފި ނަމަ، އދގެ އޮބްޒާވަރުން ހަލަބަށް ދިޔުމުގެ ހުއްދައަށް ސީރިއާ ސަރުކާރުގެ ފަރާތުން އެދޭނެ އެވެ.

ނަމަވެސް ސަލާމަތީ ކައުންސިލަށް ހުށަހަޅާ ގަރާރުތައް ވީޓޯ ކުރުމުގެ ބާރު ލިބިގެންވާ ރަޝިއާއިން އެހުށަހެޅުމާ ދެކޮޅު ހަދާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ. ސީރިއާގެ ހަނގުރާމައާ ބެހޭ ހަ ގަރާރެއް ރަޝިއާއިން ވަނީ މީގެ ކުރިން ވީޓޯކޮށްފައެވެ.

ސީރިއާ ސަރުކާރުގެ ފައުޖުތަކާއި އިދިކޮޅު ފަރާތްތަކާ ދެމެދު ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ހެދި އެއްބަސްވުމެއްގެ ދަށުން ބުރާސްފަތި ދުވަހު ހަލަބުން 6،000 ވަރަކަށް މީހުން ނެރެފައިވެ އެވެ. އޭގެ ފަހުން އެމަސައްކަތް ހުއްޓުމަކަށް އައުމަށް ފަހު އަނެއްކާވެސް ސީރިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އާއެއްބަސްވުމެއް އިއްޔެ ހަދާފައިވާ ކަމަށް ސީރިއާއިން ބުނެ އެވެ. (ބީބީސީ)

comment ކޮމެންޓް