ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށް ވޯކްޝޮޕެއް ފަށައިފި

މިއަދު ހޮޓެލް ޖެންގައި ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރާއްޖޭގެ ސިއްހީ ދާއިރާގައި ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފެންވަރު ރަނގަޅު ކުރުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަނާއި ހެލްތު މިނިސްޓްރީ ގުޅިގެން ކަމާ ގުޅޭ އެހެނިހެން އިދާރާތަކާ އެކު ވޯކްޝޮޕެއް ފަށައިފި އެވެ.

"މޯލްޑިވްސް ހެލްތު ކެއާ ކޮލިޓީ ފްރޭމްވޯކް"ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަކަށް ހޮޓެލް ޖެންގައި ކުރިއަށްގެންދާ އެ ވޯކްޝޮޕަކީ ސިއްހީ ހިދުމަތްތައް ދެވޭ ފެންވަރު ބެލުމަށާއި އިތުރަށް އެ މިންގަނޑުތަކާއި ހަމައަށްވާ ސިލްވުމަށް ކުރަންޖެހެނީ ކޮން މަސައްކަތްތަކެއްތޯ ބެލުމަށް ޓަކައި މޮނިޓާ ކުރާނެ ބައެއް ކަމަށްވާ "އެސެސާސް" ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ވޯކްޝޮޕެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިއަދު ހޮޓެލް ޖެންގައި ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ދެމުން އަންނަ ހިދުމަތްތަކަކީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ކަމުގައި ހެދުމަށް ޓަކައި އެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހެލްތު ކެއާ ކޮލިޓީ ފްރޭމްވޯކެއްގެ ތެރެއިން "މޯލްޑިވްސް ހެލްތު ކެއާ ސްޓޭންޑަޑް"އެއް އެކުލަވާލައި ސިއްހީ ހިދުމަތްދޭ ތަންތައް އެސެސް ކުރުމަށް ޓޫލެއް ތައްޔާރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ތަމްރީނުތަކަށް ފަހު، މިނިސްޓްރީގެ އެކްސްޓާނަލް ކޮލިޓީ އެޝުއަރެންސް ނިޒާމެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި ސިއްހީ ހިދުމަތްދޭ ތަންތަނުގައި އިންޓާނަލް ކޮލިޓީ އެޝުއަރެންސް ނިޒާމެއް ގާއިމްކުރެވިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިއަދު ފެށި ވޯކްޝޮޕްގެ އެންމެ ބޮޑު ބޭނުމަކީ ހެލްތު މިނިސްޓްރީން އެކުލަވާލި ސްޓޭންޑަޑްތަކާ އެއްކޮށް މިހާރުދޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ބަލައި، އެ ހިދުމަތްތައް ކަނޑައެޅޭ ފެންވަރަކަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން އެ ސްޓޭންޑަޑްތަކުން ސިއްހީ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރުމާއި ލައިސެންސް ދިނުމަށް މިންގަނޑުތަކުގެ ތެރެއިން މިންގަނޑު ކަނޑައަޅާ އަދި ދުރުނޫން މުސްތަގުބަލުގައި ގައުމީ އެކްރެޑިޓޭޝަން ނިޒާމެއް ގާއިމްކުރެވިގެންދާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިއަދު ހޮޓެލް ޖެންގައި ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިއަދު ފެށި ވޯކްޝޮޕްގައި އަތޮޅުތެރެއިންނާއި މާލޭގައި ސިއްހީ ހިދުމަތްދޭ ސަރުކާރާއި އަދި ޕްރައިވެޓް ސެކްޓާގެ ސިއްހީ ހިދުމަތްދޭ ތަންތަނުން 80 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެ އެވެ.

comment ކޮމެންޓް