ޓޫރިސްޓުންނަށް ހާއްސަ ބީޗް އޭރިއާއެއް ހުޅުމާލޭގައި ގާއިމްކޮށްފި

ޓޫރިސްޓުންނަށް ހާއްސަ ބީޗް ސަރަހައްދު އަންގައިދިނުމަށް އެޗްޑީސީން އާންމުކޮށްފައިވާ ކުރެހުމެއް

ހުޅުމާލެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން މޫދަށް އެރުމަށް ހާއްސަ ސަރަހައްދެއް އެޗްޑީސީގެ ފަރާތުން ހުޅުމާލޭގައި ގާއިމްކޮށްފި އެވެ.

ޓޫރިސްޓުން މޫދަށް އެރުމަށް ހާއްސަ ސަރަހައްދެއް ހަދާފައިވަނީ ހުޅުމާލޭގައި ހަދަމުން އަންނަ ޔޫތު ޕާކާ ދިމާލުން ބީޗުގައެވެ. އެ ތަނުގައި އެޗްޑީސީން ވަނީ ފެންސް ޖަހައި އާންމު ސަރަހައްދާ ވަކިކޮށްފައެވެ.

އެޗްޑީސީން ބުނީ ހުޅުމާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މޫދަށް އެރި އުޅުމާއި އެފަދަ އެހެނިހެން ބޭނުންތަކުގައި ހުޅުމާލެ ބީޗް ސަރަހައްދުގައި ނިވާކަންކުޑަ ހެދުމުގައި ހަރަކާތްތެރިވާތީ އާންމު ފަރާތްތަކުން އެ ކޯޕަރޭޝަނަށް ޝަކުވާ ހުށަހަޅާ ކަމަށެވެ.

އެހެންކަމުން ޓޫރިސްޓުންނަށް މޫދަށް އެރުމަށް ހާއްސަ ބީޗް ސަރަހައްދެއް ގާއިމްކުރީ އެ މައްސަލަތަކަށް ނިމުމެއް ގެނައުމަށް ކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން މިއަދުން ފެށިގެން އެ ސަރަހައްދު، ޓޫރިސްޓުންނަށް ބޭނުން ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނީ ފަތުރުވެރިންގެ ހާއްސަ ބީޗް ސަރަހައްދު އޮޕަރޭޓްކުރުމުގައި ވަކި އުސޫލުތަކެއް އޮތުމަކީ މުހިންމުކަމެއް ކަމުގައި އެ ކޯޕަރޭޝަނުން ދެކޭ ކަމަށެވެ. އެގޮތުން ފަތުރުވެރިންނަށް ހާއްސަ ބީޗް ސަރަހައްދު އާންމުކޮށް ބޭނުންކުރުމުގައި އަމަލުކުރަން ޖެހޭ ގައިޑްލައިނެއް އެ ކޯޕަރޭޝަނުން ވަނީ "ހުޅުމާލެ ޓުއަރިސްޓް ބީޗް ގައިޑްލައިން" ގެ ނަމުގައި އާންމުކޮށްފައެވެ.

އެޗްޑީސީން ބުނީ މިއަދުން ފެށިގެން އެ ގައިޑްލައިނާ އެއްގޮތަށް ފަތުރުވެރިންގެ ހާއްސަ ބީޗް އޭރިއާ ބޭނުންހިފަމުން ގެންދިއުމަށާއި އެ ސަރަހައްދާ ގުޅޭ މައުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި މައުލޫމާތުތައް ފޯރުކޮށްދޭ އިރު، ނިވާކަން ކުޑަ ބިކިނީ ފަދަ ހެދުމުގައި އުޅެވޭނީ ފެންސް ކޮށްފައިވާ ސަރަހައްދުގައި އެކަނިކަން ފަތުރުވެރިންނަށް އެންގުން މުހިންމުކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނާގޮތުން، އެ ސަރަހައްދު ބޭނުންކުރެވޭ ގަޑިއަކީ ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި އެ ސަރަހައްދުގައި އަމިއްލަ އެއްވެސް އިވެންޓެއް ބޭއްވުމަކީ ވެސް މަނާކަމެއް ކަމަށް އެޗްޑީސީން އާންމުކުރި ގައިޑްލައިންގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް