މާލޭގެ ކޯޓުތަކުގައި މަސައްކަތްކުރައްވާ ރަޖިސްޓްރާއިންނާއި، ގާނޫނީ މަސައްކަތްކުރައްވާ އެހެނިހެން މުވައްޒަފުން، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު 2014އަށް އަހުލުވެރިކުރުމަށް، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ފަރާތުން ހާއްސަ ސެމިނާރެއް ބާއްވައިފިއެވެ.
ސްޓެލްކޯގެ މައި އޮފީހުގެ އޮޑިޓޯރިއަމްގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ސެމިނާރުގައި، ޝަރުއީ ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުން، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ހޭލުންތެރި ކުރުވުމާއި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އެ ގާނޫނު ތަންފީޒުކުރެވެމުންދާ ގޮތާއި، އެ ގާނޫނޫގެ މުސްތަލަހުތަކާއި މަފްހޫމްތަކާއި އުސޫލުތަކާމެދު މުވައްޒަފުންގެ މައުލޫމާތު މުއްސަނދިކުރުން ހިމެނޭކަމަށް މޯލްޑިވްސް ޖޫޑީޝަލް އެކަޑަމީން މައުލޫމާތުދެއެވެ.
ގާނޫނުލްއުގޫބާތު 2014އަށް އަހުލުވެރިކުރުމަށް ބާއްވާ އެ ސެމިނާރުގައި ސެޝަންތައް ނަންގަވައިދެއްވަނީ، ދިވެހިރާއްޖޭގެ ޖޫޑީޝަލް އެކަޑަމީގެ އެކްޓިންގ ޗާންސެލަރ، އަލްއުސްތާޛު އަޙްމަދު މާޖިދާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުއްރައޫފު އިބްރާހީމާއި، ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޛު އާދަމް އަރީފެވެ.
ޖުޑީޝަލް އެކަޑަމީން ބުނީ، މިހާރު ކުރިއަށް ގެންދާ ސެމިނާރުގައި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކުގައި މަސައްކަތްކުރައްވާ ރަޖިސްޓްރާއިންނާއި ލީގަލް އެހެނިހެން މުވައްޒަފުންގެ ތެރޭން 27 ބޭފުޅަކު ބައިވެރިވާ ކަމަށެވެ.
މި ސެމިނާރުގެ ސެޝަންތައް މާދަމާ ހެނދުނާއި މެންދުރުފަހާއި ހަވީރުވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޖުޑީޝަލް އެކަޑަމީން ވަނީ، "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު 2014 އަށް އަހުލުވެރިކުރުމުގެ ސެމިނާރު"ގެ ނަމުގައި ފ. އަތޮޅު ޖުޑީޝަލް ދާއިރާގެ ވެރިކަންކުރާ ފ. ނިލަންދޫގައި، ނޮވެމްބަރު ތިނަކުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް ސެމިނާރެއް ބާއްވައިފައެވެ. އެ ސެމިނާރުގައި އއ، ވ، މ، ފ، ދ، ތ، އަދި ލ މި ހަތް އަތޮޅުން 34 މެޖިސްޓްރޭޓުން ބައިވެރިވެ ސެޓްފިކޭޓް ހާސިލްކޮށްފައި ވެއެވެ.
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ އަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުންނާއި، ކޯޓުތަކާއި ޝަރުޢީ ދާއިރާގެ އެހެނިހެން އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒު ކޮށްގެން، ކޮންޓިނުއިންގ ޖުޑީޝަލް އެޑިޔުކޭޝަނާއި ގާނޫނީ އިލްމުގެ ތަމްރީނުތަކާއި ޕްރޮގްރާމްތައް ހިންގުމަށް ޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އުފައްދަވައިފައި ވާ މުއައްސަސާއެކެވެ.