ޓްރާންސްޕޯޓް އޮފީހަށް ބާރުތައް ބަދަލުކުރުން ހުއްޓުވަން ވަގުތީ އަމުރަކަށް އެދެން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިއަދު ބޭއްވި ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި ވަނީ މި ކަމާ ބެހޭ ޝަރުއީ މަރުހަލާ ކުރިއަށް ގެންދިއުމަށް ޖަލްސާގައި ބައިވެރިވެރިވި 13 ކައުންސިލަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
އެ މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހެޅުމުން މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ޙުސައިން ފުރުޝާން ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" (ޖީއެމްޓީއެމްއޯ) އުފައްދަވާފައިވާ ކަމަށެވެ. އެ އޮފީހުގެ މެންޑޭޓުގައި ހުރި ކަންކަމާއި މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާ ފުށުއެރުންތަކެއް ހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ފުރުޝާން އިތުރަށް ވިދާޅުވީ، ޖީއެމްޓީއެމްއޯއަށް ބާރުތައް ދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ގާނޫނީ ޒިންމާތައް އަލުން ބަހާލައި ނުވަތަ ހަނިކޮށްފައިވާ މިންވަރަށް ރިއާޔަތްކޮށް، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެވުނު އިސްލާހުގެ މާއްދާތަކާ ދެކޮޅަށް ޝަރުޢީ މަރުހަލާއެއް ފަށަންޖެހޭ ކަމަށެވެ. އަދި މި މައްސަލާގައި ވަކި ގޮތެއް ނިމެންދެން، ޚިޔާލުތަފާތުވުން ހުރި ބާރުތައް ބަދަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދި ކޯޓަށް ދިއުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ.
ފުރުޝާން ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލަށް ގާނޫނީ ބާރުތައް ލިބިދީފައިވާއިރު، ރައްޔިތުން އިންތިޚާބު ކޮށްފައިވާ ސިޓީ ކައުންސިލުން ޒަމާނުއްސުރެ އަދާކުރަމުން އައި މަސްއޫލިއްޔަތުތައް، މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށަށް އުފައްދާފައިވާ އޮފީހަކަށް އަލުން ބަދަލުކުރުމަކީ ދުސްތޫރީ ގޮތުން ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެކެވެ.
މި މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ކައުންސިލްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ސަރުކާރުން ގިނަ ހުރަސްތަކެއް އަޅަމުން ގެންދާ ކަމަށެވެ. އެގޮތުން ކައުންސިލުން ވަރަށް ރަނގަޅަށް މަގުތައް ހަދައި، ކާނުތައް ސާފުކޮށް، ގަސްތައް ބަލަހައްޓަމުންދާ ދަނޑިވަޅެއްގައި، އަދި މި މަސައްކަތްތައް ރައްޔިތުން ބަލައިގެންފައިވާ ވަގުތެއްގައި، ކައުންސިލަށް ސަރުކާރުން ކުރާ ޖެއްސުންތައް ބޮޑުވެފައިވާ ކަމަށް މޭޔަރު ވަނީ ތުހުމަތުކުރައްވާފައެވެ.
މި ސަރުކާރުގައި ފާސްކުރި އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނަށް މިދިޔަ މަހު އަމަލުކުރަން ފަށައިފައިވާއިރު، އެ ގާނޫނުގައި މާލެ ސަރަހައްދަށް ޚާއްސަ ބާބެއް ހިމެނެއެވެ. އެ ބާބުގެ 101 ވަނަ މާއްދާގައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފެށުމުން މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ރާވައި، ހިންގުމަށް 'ޓްރާންސްޕޯޓް މޮބިލިޓީ ފަންޑު' އުފައްދާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓާ އޮފީހެއް ވެސް ވަނީ އުފައްދައިފައެވެ.
މޭޔަރު އާޒިމް މީގެ ކުރިން ވަނީ ގާނޫނަށް ގެނައި ބަދަލާއެކު، ކައުންސިލަށް މަހަކަށް 10 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށް ވިދާޅުވެފައެވެ.