ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދައިދޭން މައުމޫން ގޮވާލައްވައިފި

ޅ. އަތޮޅުގެ މަސްވެރިންތަކެއް ކުރި މުޒާހަރާއެއްގައި މަސްވެރިކަންކުރަމުން އަންނަ ދޯނިތަކުގައި ބޭނާތަކެއް ދަމާފައި ----

ޕީޕީއެމް ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނަށްޓަކައި ކުރުމަށް ނިންމާފައިވާ ގިނަ ކަންތައްތައް ނުވެ ހުރިކަން ފާހަގަކޮށް ސަރުކާރުން މަސްވެރިންނަށް ކޮށްދޭން ވައުދުވި ކަންތައްތައް އަވަހަށް ފުއްދަވައިދެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާ ގުޅިގެން މައުމޫން ނެރުއްވި ބަޔާނެއްގައި ވަނީ، ޕީޕީއެމްގެ ސަރުކާރަށް ތިން އަހަރު ފުރިފައިވީ ނަމަވެސް މެނިފެސްޓޯގައި، މަސްވެރިންނަށް ވެފައިވާ އެތައް ވައުދެއް ނުފުއްދި ހުރުމަކީ އެ ސިނާއަތަށް ޕީޕީއެމްގެ މެމްބަރުން ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ނުވުން ކަމަށެވެ.

އޭގެ ތެރޭގައި ބެޔަސް ނުބެޔަސް މަސްވެރިންނަށް ފައިސާ ލިބޭނެ ސްކީމާއި މަސްވެރި ސަރަހައްދުތަކުގައި މަސްވެރިކަމުގެ ސިނާއަތަށް ހާއްސަ މެރީނާތަކެއް ހަދައިދިނުމާއި ދޯންޏާއި އިންޖީނު މަރާމާތްކުރެވޭ ވޯކްޝޮޕްގެ ހިދުމަތް ފޯރުކޮށްދޭން ވެފައިވާ ވައުދުތައް ނުފުއްދި ހުރި ކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މައުމޫން ވިދާޅުވި ގޮތުގައި، މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް ބޮޑު އާމްދަނީ އެއް ލިބޭ އެއް ސިނާއަތަކަށްވާއިރު، މިއަދު އެ ދާއިރާއަށް ޒުވާނުންގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑަށް ބޭނުންވެއެވެ. އަދި ރާއްޖެ ކުރި އަރައިގެން ދިއުމުގައި ޒުވާނުންނަކީ ވަރަށް ބޮޑު ހިއްސާއެއް ވާ ބައެއްކަމުގައި ވިދާޅުވިއެވެ.

ނަމަވެސް، ޒުވާން އޮޑިވެރިންނަށް ވުމަށް ބޭނުންވާ ލުއި ލޯނު ބޭންކުތަކުން ލިބޭނޭމަގު ފަހިކޮށްދިނުމާއި މަސްވެރި ޒުވާނުންގެ ކޯޕަރޭޓިވްސް ހެދުމާއި އަދި އެ ކޯޕަރޭޓިވްސް މެދުވެރިކޮށް ޒުވާނުންނަށް އިންޖީނު ހޯދުމަށް ބޭނުންވާ ލޯން ގެރެންޓީ ސަރުކާރުން ދިނުމަށް ޕީޕީއެމްގެ ސަރުކާރުން ވައުދުވެފައިވާކަން ވެސް މައުމޫންގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

comment ކޮމެންޓް