މެސީ އާއި ރޮނާލްޑޯ ފަހަތަށް ޖައްސާލައި، ބެލޮންޑިއޯ ހޯދިދާނެ: ބަލޮޓެލީ

ލިވަޕޫލްގެ ކުރީގެ ފޯވަޑް މާރިއޯ ބަލޮޓެލީ: ކޮންމެ ވެސް ދުވަހަކުން ބެލޮންޑިއޯ ހޯދިދާނެ ކަމަށް އޭނާ ގަބޫލުކުރޭ ---

އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު، ލިވަޕޫލްގެ ކުރީގެ ފޯވަޑް މާރިއޯ ބަލޮޓެލީ އަށް ފީފާ ބެލޮންޑިއޯ ހޯދިދާނެ ކަމަށް އޭނާ ބުނެފި އެވެ.

މިހާރު ފްރާންސްގެ ނީސް އަށް ކުޅެމުންދާ އިޓަލީ ފޯވަޑް ބަލޮޓެލީ ގަބޫލުކުރާ ގޮތުގައި، އޭނާ އަށް އަނިޔާއަކާ ނުލައި ސީޒަނެއް ނިންމާލެވިއްޖެ ނަމަ ކޮންމެވެސް ދުވަހަކުން ބެލޮންޑިއޯ ވެސް ހޯދިދާނެ އެވެ.

ޔޫރޯ 2016 އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތައްޓާ އެކު މިފަހަރުގެ ބެލޮންޑިއޯގެ ފޭވަރިޓަކީ ރޮނާލްޑޯ އެވެ. ކުރިމަގުގައި ބެލޮޮންޑިއޯ އެއް ހޯދޭނެ ފުރުސަތެއް އޮތް ކަމަށްވިޔަސް، މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނަކީ މެސީ އާއި ރޮނާލްޑޯ ކަމަށް ވެސް ބަލޮޓެލީ ގަބޫލުކުރެ އެވެ.

"މިވަގުތު އެންމެ މޮޅެތި ކުޅުންތެރިންނަކީ ރޮނާލްޑޯ އާއި މެސީ. އެ ފެންވަރުގެ ކުޅުންތެރިންނެއް ދެން ނެތް. އެކަމަކު އަހަރެންނަށް އަނިޔާއަކާ ނުލައި ރަނގަޅު އަހަރެއް ނިންމާލެވިއްޖެ ނަމަ، ބެލޮންޑިއޯ ހޯދުމަކީ ނުވާނެ ކަމެއް ނޫން،" އުމުރުން 26 އަހަރުގެ ފޯވަޑް ބަލޮޓެލީ ޒިންހުއާ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ބަލޮޓެލީ ބުނީ، އޭނާ އަށް އެއް ދުވަހަކުން ބެލޮންޑިއޯ ހޯދުނު ކަމުގައިވިޔަސް އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި އޭރު ވެސް ހިމެނޭނީ ރޮނާލްޑޯ އާއި މެސީ ކަމަށާއި އެއީ އެ ދެ ކުޅުންތެރިންނަށް ހަތަރެއް ނުވަތަ ފަސް ފަހަރު އެ އެވޯޑު ލިބިފައިވުމުން ކަމަށެވެ.

ލިވަޕޫލްއާ އެކު އެއް ލަނޑު ކާމިޔާބުކޮށް، ލޯނުގެ ދަށުން އޭސީ މިލާންގައި ހޭދަކުރި ދުވަސްތަކުގައި އެ ކްލަބަށް އެއް ލަނޑު ކާމިޔާބުކޮށްދިން ބަލޮޓެލީ ދަނީ ނީސްއާ އެކު ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގައި މިހާތަނަށް އޭނާ ވަނީ ފްރާންސް ލީގުގައި ނީސް އަށް ހަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

comment ކޮމެންޓް